17 ޑިސެމްބަރ 2017 - 20:12

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އަދީބުގެ ފަރާތުން ހުށަހެޅި ދައުވާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު، ދައުލަތަށް ސިވިލް ކޯޓުން މިއަދު ދީފި އެވެ.
އަދީބުގެ ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް އޭނާ ފޮނުވަން ދައުލަތުގެ މައްޗަށް އަމުރުކޮށްދޭން އެދި ހުށަހެޅި މައްސަލަ މިހާރު އޮތީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގަ އެވެ. އެ މައްސަލައިގެ ޝަރީއަތް ހިންގާނީ ޑިސްޕިއުޓް މަރުހަލާގައި ސުލްހަވެރި ހައްލެއް ނުލިބިއްޖެ ނަމަ އެވެ.
ޑިސްޕިއުޓް މަރުހަލާގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން އެދުނީ އެ މައްސަލައިގެ މައުލޫމާތު ސާފުކޮށް، ޖަވާބެއް ދިނުމުގެ ފުރުސަތަކަށެވެ. އެހެންވެ ކޯޓުން ވަނީ އެ ފުރުސަތު ދައުލަތަށް ދީފަ އެވެ. އެ މައްސަލައިގެ ދެ ވަނަ އަޑުއެހުން އާދިއްތަ ދުވަހު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، އޭނާގެ ލޮލަށް ގްލުކޮމާ ކިޔާ ބައްޔެއް ޖެހިފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ އާއިލާ އިން ވަނީ ބުނެފަ އެވެ. އެ ކަންކަމަށް ފަރުވާ ހޯދަން ރާއްޖޭން ބޭރަށް ގެންދިއުމުގެ ހުއްދަ އަށް އެދުނަސް ސަރުކާރުން ބުނެފައިވަނީ އަދީބު ބޭރަށް ފޮނުވައިފި ނަމަ އަދީބު ފިލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އަދީބުގެ މައްޗަށް ތަފާތު ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އިރު އިތުރު ދައުވާތަކެއް އޭނާއާ ދެކޮޅަށް ކޯޓުގައި ދަނީ ހިނގަމުންނެވެ.