17 ޑިސެމްބަރ 2017 - 17:33

ރީތި ތާރީޚުތަކުގައި ކައިވެނި ކުރުމަކީ ކޮންމެ އަހަރަކު ވެސް ދުނިޔޭގައި ކުރަމުން އަންނަ ކަމެކެވެ. އެ އާދަ ދިވެހިންގެ މެދުގައި ވެސް އެބައޮތެވެ. ކޮންމެ އަހަރަކު ވެސް ރީތި ތާރީޚުތައް ހޯދައިގެން އެ ދުވަހެއްގައި ގިނަ ބަޔަކު ކައިވެނި ކުރުމަކީ ރާއްޖޭގައި މި ފަހަކަށް އައިސް ކުރަމުން އަންނަ ކަމެކެވެ. ފާއިތުވެ ދިޔަ ތާރީޚުތަކަށް ބަލާއިރު، 12/12/12 އާއި 11/12/13 އަކީ ވެސް ފާހަގަކޮށްލެވޭ ތާރީޚުތަކެވެ.
އެކަމަކު އަންނަ އަހަރު ކައިވެންޏަށް ތައްޔާރުވަމުން އަންނަ މީހުންގެ ނަސީބު މި ފަހަރު ދިމާކުރީ އެހާ ރަނގަޅަކަށް ނޫނެވެ. އަންނަ އަހަރު އަންނަ އެންމެ ރީތި އެއް ތާރީޚުގައި އޮތީ މާލޭގައި ކައިވެނި ކޮށްނުދޭ ގޮތަށެވެ. އެއީ އޮގަސްޓް 18، 2018 (18/08/18) އެވެ.
އެ ތާރީޚުގައި ކައިވެނިކޮށް ނުދެނީ އެ ދުވަސް ހޮނިހިރު ދުވަހަކާ ދިމާވާތީ އެވެ. މި އަހަރުން ފެށިގެން ފެމިލީ ކޯޓުން އަމަލު ކުރަމުން އަންނަ އުސޫލަކީ އެއްވެސް ހޮނިހިރު ދުވަހެއްގައި ކައިވެނިކޮށް ނުދިނުމެވެ.
އެހެން ނަމަވެސް މަގްބޫލު ސަބަބެއް އޮވެގެން އެކަން ލިޔުމުން ހުށަހަޅައިފި ނަމަ އަދި އެއީ މަގްބޫލު ސަބަބެއް ކަމަށް ކޯޓަށް ގަބޫލު ކުރެވިއްޖެ ނަމަ ކައިވެނިކޮށް ދެވިދާނެ ކަމަށް ފެމިލީ ކޯޓުން ނެރެފައިވާ އިއުލާނެއްގައިވެ އެވެ.
އެ ދުވަސް ގެއްލުނަސް، އަންނަ އަހަރުގެ ރީތި ތާރީޚުތައް އަދި ހުސްވީކީއެއް ނޫނެވެ. ކައިވެނި ކޮށްދޭ ދުވަސްތަކުގެ ތެރޭގައި ވެސް ރީތި ތާރީޚުތައް އެބަހުއްޓެވެ. މިސާލަކަށް އޮގަސްޓް 8، 2018 (18-8-8) އެބައޮތެވެ. އެއީ ބުދަ ދުވަހެކެވެ.
އަންނަ އަހަރު ކައިވެނިކޮށް ނުދޭނެ ދުވަސްތައް ފެމިލީ ކޯޓުން މިހާރު ރަސްމީކޮށް އިއުލާން ކޮށްފައިވާ އިރު ހޮނިހިރު ދުވަސްތަކުގެ އިތުރުން ރޯދަ މަހުގެ ފުރަތަމަ ދެ ދުވަހާއި ފިތުރު އީދުގެ ހަތަރު ދުވަހާއި އަޟްހާ އީދުގެ ހަތަރު ދުވަހު ވެސް ކައިވެނިކޮށް ނުދޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
އަންނަ އަހަރު ކައިވެނިކޮށްދޭ ގަޑިތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ މިހާރު ވެސް އެ ޚިދުމަތް ދޭ ގަޑިތަކެވެ. އެއީ ކޯޓުގައި ކައިވެނި ކުރާ ނަމަ ހެނދުނު 9:30 އިން 11:30 އަށް އަދި މެންދުރު ފަހު 1:30 އިން 2:30 އަށެވެ. އަދި ނުރަސްމީ ގަޑީގައި ކޯޓުގައި ކައިވެނި ކުރެވޭނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އާ ހަމައަށެވެ. އަދި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އާ ހަމައަށެވެ.