ހިއްކަން އަޅާފައި ހުރި ހެދުންތަކެއް ވަގަށް ނެގި މީހަކު ޖަލަށް
ހިއްކަން އަޅާފައި ހުރި ހެދުންތަކެއް ވަގަށް ނެގި މީހަކު ޖަލަށް

މާލޭގެ ގެއެއްގައި ހިއްކަން އަޅާފައި ހުރި އަންނައުނުތަކެއް ވަގަށް ނެގި މީހަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ހދ. ކުޅުދުއްފުށްޓަށް ނިސްބަތްވާ އެ މީހާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އައީ މިދިޔަ އޮގަސްޓް މަހު މާލޭގެ ގެއަކަށް ވަގަށް ވަދެ، އެ ގޭގެ ބެލްކަނީގައި ހިއްކަން އަޅާފައި އޮތް ގަމީހަކާއި ޖީންސެއް ވަގަށް ނެގި މައްސަލައިގަ އެވެ.

މިދިޔަ ހަފުތާގައި އެ މީހާގެ މައްޗަށް އެ ހުކުމް އިއްވީ ދެ ކުށެއް ސާބިތުވެގެންނެވެ. އެއީ އަންނައުނު ވަގަށް ނަގާފައިވާތީ ވައްކަމުގެ ކުށުގައި އިއްވި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމާއި ހުއްދަ ނެތި ގެއަކަށް ވަނުމުގެ ކުށުގައި އިއްވި ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ދެ ކުށަށް ވެސް އޭނާ ވަނީ އިބްތިދާއީ މަރުހަލާގައި އެއްބަސްވެފަ އެވެ.

މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތު ބުނާ ގޮތުން ޝަރީއަތުގައި ކުށަށް އިއުތިރާފްވެއްޖެ ނަމަ އެ ކުށަށް އޮންނަ އަސާސީ އަދަބުގެ އެއް ދަރަޖަ ދަށްވާނެ އެވެ. އޭރުން އަންނާނީ އެ ކުށަށް އޮންނަ އަސްލު އަދަބަށް ވުރެ ލުއި އަދަބެކެވެ.