ރޮނާލްޑޯ ހުއްޓުވާނެ ޕްލޭނެއް ނެތް: ޑިޝޯމްޕްސް
ރޮނާލްޑޯ ހުއްޓުވާނެ ޕްލޭނެއް ނެތް: ޑިޝޯމްޕްސް

ޕެރިސް، ފްރާންސް (ޖުލައި 10) - ޔޫރޯގެ ފައިނަލުގައި މިރޭ ޕޯޗުގަލާ ދެކޮޅަށް ކުޅޭއިރު އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހުއްޓުވާނެ ޕްލޭނެއް ނެތް ކަމަށް ފްރާންސުގެ ކޯޗު ޑިޑިއާ ޑިޝޯމްޕްސް ބުނެފި އެވެ.

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ރޮނާލްޑޯ ވަނީ ކުއާޓާ ފައިނަލުގައި އަދި ސެމީ ފައިނަލުގައި ގޯލް ޖަހައިފަ އެވެ. ޕޯޗުގަލް އެއްކޮށް ބިނާވެފައި އޮތީ ރޮނާލްޑޯގެ މައްޗަށެވެ. އެކަމަކު ޑިޝޯމްޕްސް ބުނީ އޭނާ ހުއްޓުވާނެ ވަކި ހާއްސަ ޕްލޭނެއް ނެތް ކަމަށެވެ.

"ރޮނާލްޑޯ ހުއްޓުވާނެ ރެސިޕީ އެއްވެސް މީހަކަށް ހޯދިފައެއް ނެތް. އޭނާ އަކީ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިއެއް. އޭނާ އަކީ ހަމައެކަނި މައްޗަށް ފުންމައިގެން އަރާ ކުޅުންތެރިއެއް ނޫން. މަތީ ބޯޅަތަކަށް އެހާމެ މޮޅަށް ކުޅޭ ކުޅުންތެރިއެއް. އޭނާގެ ފިޒިކަލް ވަރުގަދަކަމަކީ އޭނާގެ ޕްލަސް ޕޮއިންޓް،" ޑިޝޯމްޕްސް ބުންޏެވެ.

ޑިޝޯމްޕްސް ބުނީ ވީ އެންމެ ބޮޑަކަށް ރޮނާލްޑޯގެ ނުރައްކާ ކުޑަކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އެކަމަކު ހަގީގަތުގައި އޭނާގެ ސިކުނޑީގައި އެންމެ ބޮޑަށް އެނބުރެނީ ފްރާންސް ރައްޔިތުންގެ އުއްމީދުތަކެވެ.

"ޕްރެޝަރާ މެދު އެއްޗެކޭ ބުނާކަށް ނޭގޭ. އެކަމަކު މިދިޔަ ދެ އަހަރު އުއްމީދުތައް ވަރަށް ބޮޑަށް މަތިވެފައި އޮތީ. އެންމެން ފުރަތަމަ މެޗު ވެސް ނެގީ ފައިނަލެއްގެ ގޮތުގައި. އެކަމަކު ހަގީގީ ފައިނަލަކީ މިއީ،" ޑިޝޯމްޕްސް ބުންޏެވެ.

ފްރާންސާ އެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ޑިޝޯމްޕްސް ބުނީ ކުޅުންތެރިން ވެސް މެޗާ މެދު މާ ބޮޑަށް ނުވިސްނުމަށް އެދޭ ކަމަށެވެ.

"މެޗާ މެދު ވިސްނަންވީ އެކަމަކު އެކަމަކު އަބަދު އެކަމަށް ފޯކަސްކުރުން ރަނގަޅެއް ނޫން. އެންމެ ރަނގަޅު ގޮތަކީ ވީހާ ވެސް ބޮޑަކަށް ހަމަޖެހިލައިގެން މެޗަށް އެރުން އެއާ އެކު ސަމާލުކަން ވެސް ދޭން ޖެހޭ،" ޑިޝޯމްޕްސް ބުންޏެވެ.