17 ޑިސެމްބަރ 2017 - 14:55

މައިކްރޯސޮފްޓްގެ ބާނީ އަދި ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ އެމެރިކާގެ ވިޔަފާރިވެރިޔާ ބިލް ގޭޓްސް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

އެނގިފައިވާ ގޮތުގައި އާއިލާއާ އެކު ގޭޓްސް ޗުއްޓީ ހޭދަކުރައްވަނީ ނަލަދޫ ޕްރައިވެޓް އައިލެންޑްގަ އެވެ. ގޭޓްސް ރިސޯޓަށް ވަޑައިގަތުމުގެ ކުރިން އޭނާގެ ބައެއް ބޮޑީގާޑުންނާއި ޔޮޓް ވަނީ އެ ރިސޯޓަށް ގޮސްފަ އެވެ.
ދުނިޔޭގައި އިންސާނިއްޔަތަށް އެންމެ ބޮޑު ހޭދައެއް ކުރައްވާ ގޭޓްސް މީގެ ކުރިން ވެސް ވަނީ އެކި ފަހަރު މަތިން ރާއްޖެ ވަޑައިގެންފަ އެވެ.
ގޭޓްސް މި ފަހަރު ރާއްޖެ މި ވަޑައިގަތީ ފްރާންސްގައި ބޭއްވި "ވަން ޕްލެނެޓް ސަމިޓް" ގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެވެ. އެ ސަމިޓުގެ ހަވާސާގެ ތެރެއިން ރާއްޖޭގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމާއި ގޭޓްސް ވަނީ ބައްދަލުކުރައްވައިފަ އެވެ.
ފޯބްސް އިން ނެރޭ ދުނިޔޭގެ އެންމެ މުއްސަނދި 400 މީހުންގެ ލިސްޓުގައި ގޭޓްސް ހިމެނިވަޑައިގަންނަވާތާ މިހާރު 24 އަހަރު ވެއްޖެ އެވެ. އުމުރުފުޅުން މިހާރު 62 އަހަރުވެފައިވާ ގޭޓްސްގެ މިލްކިއްޔާތު 90 ބިލިއަން ޑޮލަރު އެބަހުއްޓެވެ. އޭނާ އާއި އަނބިކަނބަލުން ހިންގަވާ މެލިންޑާ ގޭޓްސް ފައުންޑޭޝަނަކީ ދުނިޔޭގެ މި ފަދަ އެންމެ ބޮޑު ޗެރިޓީ ޖަމިއްޔާ އެވެ.