"ފުކްރޭ ރިޓާންސް"ގެ ކާމިޔާބަކީ ބޮޑު ހައިރާންކަމެއް
"ފުކްރޭ ރިޓާންސް"ގެ ކާމިޔާބަކީ ބޮޑު ހައިރާންކަމެއް

ޕުލްކިތު ސަމްރާޓް އާއި ރިޗާ ޗައްދާގެ އާ ފިލްމު "ފުކްރޭ ރިޓާންސް" އަށް ހަފުތާއެއް ތެރޭ 50 ކްރޯޑު (ފަސް ބިލިއަން ރުޕީސް) އަށް ވުރެ ގިނައިން މިހާރު ވަނީ ލިބިފަ އެވެ. މި ފިލްމުގެ ކާމިޔާބަކީ ބޮޑު ހައިރާން ކަމެކެވެ. ސަބަބަކީ ފިލްމަށް މިހާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އެއްވެސް މީހަކު އުންމީދުކޮށްފައި ނުވާތީ އެވެ.

މިހާރު ލަފާކުރެވޭ ގޮތުން ކުރިޔަށް އޮތް ހަފުތާ ތެރޭގައި ވެސް ފިލްމު ވަރަށް ރަނގަޅަށް ހިނގާނެ ކަމަށް ބެލެވޭ ކަމަށް ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ބުންޏެވެ.

ތަރަން ބުނި ގޮތުގައި ހަގީގަތުގައި ވެސް "ފުކްރޭ ރިޓާންސް" އަކީ "ބޮޑު ސަޕްރައިސްއެކެ"ވެ.

ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ "ޓައިގާ ޒިންދާ ހޭ" ރިލީޒްކުރާނީ އަންނަ ހުކުރު ދުވަހު ކަމަށް ވާތީ މި ހަފުތާގައި ވެސް މި ފިލްމާ ވާދަކުރާނެ އެއްވެސް ފިލްމެއް ނެތުމުން ވަރަށް އޮމާންކަމާ އެކު ސިނަމާތަކުގައި ފިލްމު ކުރިޔަށް ދާނެ ކަމަށް ބެލެވެ އެވެ.

މުރިގްދީޕް ސިންގް ލާމްބާ ޑައިރެކްޓްކޮށްފައިވާ "ފުކްރޭ ރިޓާންސް" އަކީ "ފުކްރޭ"ގެ ސީކުއަލްއެކެވެ.

މިފަހަރުގެ ފިލްމަށް ލިބޭ ކާމިޔާބާ ގުޅިގެން ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ބުނީ ފުކްރޭ ފްރެންޗައިސް ކުރިޔަށް ގެންދަން އޭނާ ގަސްތުކުރާ ކަމަށެވެ. އަދި މި ސިލްސިލާގެ ތިން ވަނަ ފިލްމަކީ ކުރީގެ ދެ ފިލްމަށް ވުރެ ވެސް މަޖާ އެއްޗަކަށް ހަދަން މަސައްކަތް ކުރާނެ ކަމަށާއި އޭނާއާ އެކު ފިލްމު ޕްރޮޑިއުސްކުރުމުގައި ބައިވެރިވި ފަރްހާން އަޚްތަރާ ވާހަކަ ދައްކައިގެން ތިން ވަނަ ފިލްމެއް އުފައްދަން އެކަށީގެންވާ ރަނގަޅު ވާހަކައެއް ހޯދަން މަސައްކަތް ފަށާނެ ކަމަށް ވެސް ސިދްވާނީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި "ފުކްރޭ ރިޓާންސް" އަށް ލިބޭ ކާމިޔާބީން ބެލުންތެރިންނަށް މި ފްރެންޗައިސްގެ ފިލްމުތައް ކަމުގޮސްފައިވާ މިންވަރު ހާމަވެއްޖެ އެވެ.

"ތިން ވަނަ ފިލްމެއް އުފެއްދުމަށް އަދި ނިންމާފައި ނުވިޔަސް މިހާރު މިދަނީ އެކަމާ މެދު ވިސްނަމުން،" ސިދްވާނީ ބުންޏެވެ.