17 ޑިސެމްބަރ 2017 - 11:41

ޕެރިސް، ފްރާންސް (ޑިސެމްބަރު 17) - މި ސީޒަނުގައި ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ބަދަލުވި ބްރެޒިލްގެ ތަރި ނޭމާގެ ސަބަބުން އެ ޓީމުގެ ސަޕޯޓަރުން ގިނަވެއްޖެ ކަމަށް ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.
އާއިލާ ސަބަބަކާ ހުރެ ބްރެޒިލަށްދާން ނޭމާ އަށް ޕީއެސްޖީން ވަނީ މިދިޔަ ހަފްތާގައި ހުއްދަ ދީފަ އެވެ. ޓީމާ އަލުން ގުޅުމަށް ފަހު ރޭ ފްރެންޗް ލީގުގައި ކުޅުނު މެޗުގައި ޕީއެސްޖީން ރެނެސްގެ މައްޗަށް 4-1 އިން ކުރިހޯދިއިރު، ނޭމާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
"ނޭމާ ކަހަލަ މޮޅު ކުޅުންތެރިޔަކު ފެނުނީމަ މިއަދު މި މެޗު ބަލަން ތިބި ސަޕޯޓަރުން ނޫނީ ޓީވީން މި މެޗު ބެލި ސަޕޯޓަރުން ޕީއެސްޖީ އަށް ސަޕޯޓްކުރަން ފަށާފާނެ. އެއީ ފުޓްބޯޅަ ދެކެ ލޯބިވާ މީހަކު ނޭމާއާ ގަޔާނުވާނެ ސަބަބެއް ނެތް. ހަގީގަތުގައި ނޭމާ ޕީއެސްޖީއާ ގުޅުނު ފަހުން މި ޓީމުގެ ސަޕޯޓަރުންގެ އަދަދު މައްޗަށް ޖެހިއްޖެ،" އެމެރީ ބުންޏެވެ.
ނޭމާގެ އިތުރުން ރޭގެ މެޗުގައި ޕީއެސްޖީ އަށް ލަނޑު ޖަހައިދިނީ ކިލިއަން އެމްބާޕޭ އާއި އެޑިސަން ކަވާނީ އެވެ. މި މެޗު ދެ ޓީމުން ވެސް ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. ރެެނެސްގެ ބެންޖަމިން އަންޑްރޭ އަށް ރަތް ކާޑު ދެއްކިިރު، ޕީއެސްޖީގެ ޒުވާން ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ އަށް ވެސް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
މި މޮޅާ އެކު ޕީއެސްޖީ ލީގުގެ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޕީއެސްޖީ އަށް ކުޅުނު 18 މެޗުން ވަނީ 47 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މޮނާކޯ އަށް ވަނީ 18 މެޗުން 38 ޕޮއިންޓް ލިބިފަ އެވެ.