ސްމާޓްފޯނުގެ ބޭނުންކުރަން ނުޖެހޭ ހެޑްސެޓެއް
ސްމާޓްފޯނުގެ ބޭނުންކުރަން ނުޖެހޭ ހެޑްސެޓެއް

ދުވަން ދާއިރު ފޯނު ގެންދިޔުމަކީ ގިނަ މީހުން ވަރަށް ހިތްހަމަނުޖެހޭ ކަމެކެވެ. އެކަމަކު ދުވާއިރު ގިނަ އެޕްތައް ބޭނުންކުރަނީ ފޯނު މެދުވެރިކޮށް ކަމަށް ވާތީ ފޯނު ނުގެންގޮސް ވާކަށް ނޯވެ އެވެ. މިހާރު މި ވަނީ ހައްލެއް ހޯދިފަ އެވެ. ވިންޗީ 2.0އަކީ ފޯނު ދުރުގައި އޮތަސް، ފޯނުން ކުރެވޭ ހުރިހާ ބޭނުންތަކެއް ފުއްދައިދޭ ހެޑްސެޓެކެވެ.

މިދިޔަ އަހަރު ނެރުނީ ވިންޗީ 1.5 ހެޑްސެޓެވެ. މިފަހަރު ނުކުތް ވިންޗީ 2.0އާ ކުރީގެ ހެޑްސެޓާ ދެމެދު ވަރަށް ބޮޑު ފަރަގެއް އެބަ ހުއްޓެވެ. އެންމެ ފާހަގަކޮށްލެވޭ ތަފާތަކީ ބޮލުގެ ބަދަލުގައި ކަނދުރާ ދަށުން އަޅުވާލެވޭ ގޮތަށް މިފަހަރުގެ ވިންޗީ ފަރުމާކޮށްފައި އޮތުމެވެ.

ވިންޗީ 2.0 ބޭނުންކުރާކަށް ވަކި އެޕެއް ބޭނުމެއް ނުވެ އެވެ. އެއީ އޭގެ ޒާތުގައި މޯބައިލް ފޯނެކެވެ. ނުވަތަ ލަވަ ޖަހާ ސެޓެކެވެ. ނޫން ނަމަ ކަސްރަތުގެ އެކުވެރިޔެކެވެ. ހަގީގަތަކީ ވިންޗީ އަށް ސްމާޓްފޯނެއްގެ އެހީ ބޭނުން ނުވާ ކަމެވެ. ސްމާޓްފޯނުން ކުރެވޭ ގިނަ ކަންކަމާއި ސްމާޓްފޯނުގެ ބައެއް މުހިއްމު އެޕްތައް ވިންޗީގައި ހިމެނެ އެވެ. އޭގެތެ ރޭގައި އެމޭޒަންގެ އެލެކްސާ ހިމެނެ އެވެ. އަދި ގޫގްލް ޕްލޭ އާއި ސްޕޮޓިފައި ފަދަ މިޔުޒިކުގެ ގިނަ އެޕްތައް ވެސް ހިމެނެ އެވެ. މި ހުރިހާ އެޕްތަކެއްގެ ސަބަބުން ފޯނުކުރުމާއި ދަތުރުކުރާނެ އުޅަނދެއް ހޯދުމާއި ފަސޭހައިން އިންޓަނެޓަށް ވަދެވެން ވެސް ހުރެ އެވެ. ބޭނުން ނަމަ ވައިފައިއާ ގުޅާލަންވީ އެވެ. ނޫން ނަމަ 3ޖީ ޖައްސާލަންވީ އެވެ. ނޫން ނަމަ ބްލޫޓޫތު އޮންކޮށްލައިގެން ބޭނުންތައް ފުރިހަމަކުރަންވީ އެވެ.

ވިންޗީ 2.0 ފަރުމާކޮށްފައިވަނީ ލަވަ ޖަހަމުންދާއިރު އެންމެ ފިތަކަށް ވެސް ފިތާ ނުލައި، އަތުގެ ހަރަކާތްތަކުން ދޭ ސިގްނަލްތަކަށް ވެސް މަސައްކަތްކުރާ ގޮތަށެވެ. ކަސްރަތަށް ނުކުންނައިރު ވެސް މިއީ ގާތް އެކުވެރިޔެކެވެ. ފަރުބަދައަށް އެރުމާއި، ބަރު އުފުލުމާއި ދުވަން ދިޔުން ފަދަ ކޮންމެ ކަސްރަތެއް ވެސް ވިންޗީ 2.0 އަޅާލައިގެން ކުރަންވީ އެވެ. އެ ކަސްރަތުތައް ކުރެވޭ މިންވަރާއި ކުރެވުނު މިންވަރު އެނގެން އޮންނާނެ އެވެ. އަދި ހިތުގެ ހިނގުން ވަކިން ބެލެން ހުންނާތީ ކަސްރަތުކުރުމުގައި ދޭންވާ ސަމާލުކަންދީގެން ކުރުމަށް ވެސް ވިންޗީ 2.0 އެހީވެދޭނެ އެވެ.

ވިންޗީ 2.0 ބާޒާރަށް ނުކުންނާނީ ތަފާތު ތިން ފެންވަރެއްގަ އެވެ. އެއީ ލައިޓް، ޕްރޯ އަދި ސުޕާ އެވެ. ލައިޓްގައި ޑިސްޕްލޭއެއް ނުހުރެ އެވެ. އަދި އަޑު ކަނޑުވާލަދޭ ގޮތެއް ވެސް ނުހެދެ އެވެ. ޕްރޯ އާއި ސުޕާގައި ކަނދުރާ ދަށުން އޮންނަ ވާގަނޑުގެ ދެ ފަރާތުގައި ދެ ޑިސްޕްލޭ ހުރެ އެވެ. ޕްރޯގައި ރައްކާކުރެވެނީ 16ޖީބީގެ ޑާޓާ އެވެ. ސުޕާގެ ޖާގައިގައި 32ޖީބީ ހިމެނެ އެވެ.

ބެލެވޭ ގޮތުގައި ބާޒާރުގައި ވިންޗީ 2.0 ލައިޓް ވިއްކަން ހުންނާނީ 149 ޑޮލަރަށެވެ. ޕްރޯ ވިއްކާނީ 289 ޑޮލަރަށެވެ. އަދި ސުޕާގެ އަގަކަށް ވާނީ 399 ޑޮލަރެވެ.