10 ޖުލައި 2016 - 10:38

ލިޔޯން، ފްރާންސް (ޖުލައި 10) - މިރޭ ކުޅޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޕޯޗުގަލް ބަލިވިޔަސް އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމުން ރިޓަޔާނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.
ސަންޓޯސް މިހެން ބުނީ ރޮނާލްޑޯއާ އެންމެ ވާދަވެރި ކުޅުންތެރިއާ ލިއޮނަލް މެސީ އެންމެ ފަހުން ކުޅުނު ކޮޕަ އެމެރިކާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޗިލީ އަތުން ބަލިވި މެޗަށް ފަހު ގައުމީ ޓީމުން ރިޓަޔަކޮށްފައިވާތީ ރޮނާލްޑޯ ވެސް އެފަދަ ނިންމުމެެއް ނިންމަފާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.
"ރޮނާލްޑޯ އަދި ގައުމީ ޓީމަށް ހައެއް، ހަތެއް ނުވަތަ 10 އަހަރު ކުޅޭނެ. ސީދާ އަހަރެން ބުނަން އަހަންނަން ނޭނގޭ. އެނގޭ ކަމަކީ މިރޭގެ މެޗަކީ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅޭ ފަހު މެޗަށް ނުވާނެކަން،" ސަންޓޯސް ބުންޏެވެ.
ރޮނާލްޑޯ ވަނީ ޕޯޗުގަލްއާ އެކު މީގެ ކުރިން އެއް ފައިނަލުގައި ކުޅެފަ އެވެ. އެއީ 2004 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައި ގްރީސްއާ ދެކޮޅަށެވެ. ގްރީސް މޮޅުވީ 1-0 އިންނެވެ. އެފަހަރު މުބާރާތުގައި ކުޅުނުއިރު ރޮނާލްޑޯގެ އުމުރަކީ 18 އަހަރެވެ.
"އަހަރެން މީގެ ކުރިން ވެސް ސްޕޯޓިން ލިސްބަންގައި ރޮނާލްޑޯ އަށް ކޯޗުކޮށްދިނިން. ރޮނާލްޑޯ އަކީ އަބަދުވެސް ޓީމަށް ފައިދާ އަށް ކުޅޭ ކުޅުންތެރިއެއް. އަމިއްލަ ފައިދާ އިސްކުރާކަމަށް ބުނެ ރޮނާލްޑޯއާ ގުޅުވައިގެން ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް،" ސަންޓޯސް ބުންޏެވެ.
މިފަހަރުގެ މުބާރާތުގެ ފައިނަލުން ޕޯޗުގަލް ޖާގަ ހޯދިއިރު މެޗުގެ 90 މިނިޓްގެ ތެރޭގައި އެ ޓީމު މޮޅުވީ އެންމެ ފަހަރަކު އެވެ. އެއީ ސެމީ ފައިނަލުގައި ވޭލްސް އަތުން އެކަންޏެވެ. ފްރާންސް ވަނީ ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެފަ އެވެ.
ރޮނާލްޑޯ ބުނީ މިރޭގެ ފައިނަލަށް ނުކުންނައިރު ފޭވަރިޓަކީ ފްރާންސް ކަމަށެވެ.
"ފޭވަރިޓަކީ ފްރާންސް. އެއީ އެ ޓީމު އެ ކުޅެނީ އަމިއްލަ ގައުމުގައި. މިއީ ބޮޑު އެޑްވާންޓޭޖެއް. މުޅި ގައުމު އޮންނާނީ އެކަތި ގަނޑަކަށް ވެފައި. އެކަމު މިއީ ފައިނަލެއް ކަމަށް ވުމުން ދެ ޓީމު ވެސް ނުކުންނާނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން. އަހަރެމެން ވެސް ދުލެއް ނުދޭނަން،" އުމުރުން 31 އަހަރުގެ ރޮނާލްޑޯ ބުންޏެވެ.
ޕޯޗުގަލް އާއި ފްރާންސް ބައްދަލުކުރާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މިރޭ ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.