ބިގް ބޮސް 11: އެހެން ސީޒަންތަކަށް ވުރެ މާ ކާމިޔާބު
ބިގް ބޮސް 11: އެހެން ސީޒަންތަކަށް ވުރެ މާ ކާމިޔާބު

މިހާރު ކަލާޒް ޗެނަލުން ދައްކަމުން އަންނަ "ބިގް ބޮސް 11" މީގެ ކުރީގެ ސީޒަންތަކަށް ވުރެ މާ ކާމިޔާބެވެ. އެންމެ ގިނައިން ބަލާ ޓީވީ ޕްރޮގްރާމްތައް ދެނެގަންނަ ޓީއާރުޕީ ޗާޓުތަކުގެ ކުރީގައި މިހާރު އޮތީ ބިގް ބޮސް އެވެ.

ސަލްމާން ހާން ހުށަހަޅާ ޝޯއަށް ބެލުންތެރިންގެ ޝައުގުވެރިކަން އެހާ ބޮޑަށް ލިބުނީ ޑްރާމާ، ލޯބި، އަރާރުން މި ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް ހިމެނިފައި ވާތީ އެވެ.

ޝިލްޕާ ޝިންޑޭ އާއި ވިކާސް ގުޕްތާގެ ޒުވާބުކުރުންތަކާއި ހީނާ ޚާންގެ ބޮޑާކަމާއި ދެ ފުށް ދެގޮތްކަން، ބަންދަގީ ކާލްރާ އާއި ޕުނީޝް ޝަރުމާގެ ރޮމޭންސް، ޝޯގެ މަގުބޫލްކަން ބޮޑުކުރުމުގެ ސަބަބުތަކަށްވެ އެވެ.

މިފަހަރުގެ ސީޒަން ފެށުމުގެ ގޮތުން ދެއްކި އެޕިސޯޑް 6.9 މިލިއަން މީހުން ބަލާފައިވެ އެވެ. އަދި ފުރަތަމަ ހަފުތާގައި ޝޯ ބެލި މީހުންގެ ޖުމްލަ 151 މިލިއަނަށް އަރަ އެވެ.

"ބިގް ބޮސް"ގެ ގޭގައި ބައިވެރިން މިހާރު ދެ މަހަށް ވުރެ ގިނަ ދުވަސް ވަނީ ހޭދަކޮށްފަ އެވެ. ޝޯގެ ބައިވެރިންގެ ތެރެއިން 11 މީހަކު ކަޓައިފި އެވެ. މިވަގުތު ބިގް ބޮސްގެ ގޭގައި ތިބީ އަށް ބައިވެރިންނެވެ. އެއީ ހީނާ ޚާން، ޝިލްޕާ ޝިންޑޭ، ޕްރިޔަންކް ޝަރުމާ، އާކާޝް ދަދްލާނީ، އަރްޝީ ޚާން، ޕުނީޝް ޝަރުމާ، ލަވް ތިޔާގީ އަދި ވިކާސް ގުޕްތާ އެވެ.

މި އަށް ބައިވެރިންގެ ތެރެއިން މި ހަފުތާގައި އެ ގެއިން ނުކުންނަން ޖެހޭނީ ހިތެން ތޭޖްވާނީ އާއި ޝިލްޕާ ޝިންޑޭ، ޕްރިޔަންކް ޝަރުމާ އަދި ލަވް ތިޔާގީގެ ތެރެއިން ކޮންމެވެސް އެއް ބައިވެރިއެކެވެ. އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ ބިގް ބޮސްގެ ގެއިން ނުކުންނަން ޖެހެނީ ހިތެން ތޭޖްވާނީ އަށް ކަމަށެވެ.

މިއީ ވަރަށް ގިނަ ބަޔަކަށް ޝޮކެއް ލިބޭނެ ކަމަކަށް ވާނެ އެވެ. ސަބަބަކީ ހިތެން އަކީ ޝޯގައި ބައިވެރިވާ ސެލެބްރިޓީންނާއި އާދައިގެ މީހުން ބެލެންސްކުރެވޭ އެއް ސަބަބެވެ. އޭނާ ނެތުމުން މިހާރު ތިބި ބައިވެރިންގެ ގުޅުންތަކަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލުންތެރިން ދެކެ އެވެ.

ހިތެން އަކީ ޓީީވީ އެކްޓަރަށް ވެފައި އޭނާގެ ފޭނުން ގިނަ ކަމުން އޭނާ ކެޓުމަކީ ލިބޭ ވަރަށް ބޮޑު މާޔޫސްކަމަކަށް ވެސް ވެދާނެ އެވެ.