17 ޑިސެމްބަރ 2017 - 11:46

އެފްއޭއެމްގެ ރައީސްކަމާ ބައްސާމް އަދީލް ޖަލީލް ހަވާލުވެވަޑައިގަތް ފަހުން އޭނާއަށް ކުރިމަތިވެވަޑައިގެންނެވި ފާޑުކިއުންތަކަށް ފުރަތަމަ ފަހަރަށް ރޭ ރައްދު ދެއްވައިފި އެވެ.

ދަރުބާރުގޭގައި ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ހަފުލާގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ފާއިތުވި އެއް އަހަރު ތެރޭގައި ބޮޑެތި ވައުދުތައް ފުއްދިފައި ހުރުމުކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"އަޅުގަނޑާއި އަޅުގަނޑުގެ ޓީމު މި މަގާމާ ހަވާލުވީ ވަރަށް ގިނަ ވައުދުތަކެއް ވެގެން. އޭގެ އެންމެ ބޮޑު ވައުދަކީ މާލީ ފުދުންތެރިކަން އަޅުގަނޑުމެންގެ ކްލަބްތަކަށް ފޯރުކޮށްދިނުމާއި އަތޮޅު ތެރޭގެ ފުޓްބޯޅަ ތަރައްގީ ކުރުމާއި އަތޮޅު ތެރޭގެ ފުޓްބޯޅައިގެ ކްލަބްތަކަށް މަތީ ފަންތީގައި ވާދަކުރެވޭނެ ފުރުސަތުތަކެއް ފޯރުކޮށްދިނުން،" ބައްސާމް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ﷲގެ ރަހުމަތާ އެކީގައި އަޅުގަނޑުމެން ވެވުނު ބޮޑެތި ވައުދުތައް ފުރިހަމަ ކުރެވިއްޖެ ވާހަކަ އަޅުގަނޑު މިރޭ ފާހަގަކުރަން."
މި އަހަރު ރާއްޖޭގެ އެކި އުމުރުފުރާތަކުގެ ގައުމީ ޓީމުތަކާއި ސިނިއާ ޓީމު ކުޅުނު ގިނަ މެޗުތަކުން ބަލިވީ ތަފާތު ބޮޑު ނަތީޖާތަކަކުންނެވެ. އެކަމާ ގުޅިގެން ވެސް އެފްއޭއެމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.
އެ މަައްސަލައަށް އިޝާރަތްކުރައްވަމުން ބައްސާމް ނެންގެވީ 26 ލަނޑުގެ ވާހަކަ އެވެ. އެއީ ގައުމީ އެކި ޓީމުތަކުގެ ކޮޅަށް މި އަހަރު ވަން ލަނޑުތަކުގެ އަދަދެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ 26 ލަނޑަކީ މީގެ ކުރިން "ކޮންމެވެސް ބަޔަކު މި މަސައްކަތް ނުކޮށް އޮތުމުން މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވި ކަމެކެ"ވެ.
އެކަމަކު "މި 26 ލަނޑުގެ ފައިދާ އަޅުގަނޑުމެން ނަގާނީ ކުރިއެރުން ބައްޓަން ކުރުމަށް ޓަކައި،" ބައްސާމް ވިދާޅުވި އެވެ.
އެ މަސައްކަތުގެ މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ މިހާރު އެފްއޭއެމުން ފަށާފައިވާ "ޓުވާޑްސް ފިއުޗާ"ގެ ވާހަކަ އެވެ.
"އޭގެ ބޭނުމަކީ އަތޮޅު ތެރެއިން ހުނަރުވެރި ޒުވާން ކުޅުންތެރިން އެކި އުމުރު ފުރާގެ ގައުމީ ޓީމުތަކަށް ލެވިގެން ދިއުން،" ބައްސާމް ވިދާޅުވި އެވެ.
އެފްއޭއެމްގައި ސިޔާސީ ހަރަކާތްތަކެއް ހިންގަމުން ދާ ކަމަށް ބުނެ އަމާޒުވާ ފާޑުކިއުންތަކަށް ވެސް އޭނާ ރައްދު ދެއްވި އެވެ. އަދި އެ މައްސަލާގައި އޭނާ ދެކޮޅެއް ވެސް ނުހައްދަވަ އެވެ. ވިދާޅުވީ "އެފްއޭއެމަކީ ޝައްކެއް ވެސް ނެތް ގޮތުގައި ސިޔާސީ ތަނެއް" ކަމަށެވެ.
"އެފްއޭއެމަކީ ރާއްޖޭގައި އޮތް ފުޓްބޯޅައިގެ މައި އިދާރާ. އެފްއޭއެމަކީ ފުޓްބޯޅައިގެ ސިޔާސަތުތައް ކަނޑައަޅާ ތަން. އެފްއޭއެމް ތެރޭގައި އަބަދުވެސް ސިޔާސަތުތައް ގާއިމް ކުރެވިގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.
"އެހެންވީމަ އެފްއޭއެމްގައި ސިޔާސީ ހަރަކާތް ކުރިއަށް ދާ ވާހަކަ ދެންނެވީމަ އަޅުގަނޑުމެންނަށް މާ ބޮޑު ޖޯކަކަށް ނުވޭ. އެއީ ހަމަ އެތާ ތެރޭގައި ހަގީގަތުގައި ވެސް ހިނގަމުން ދާ ކަންތައްތައް."
އޭނާ ވިދާޅުވީ އެފްއޭއެމަށް އެކި ކަހަލަ ޕްރެޝަރު ދިމާވި ނަމަވެސް އޭގެ ތެރޭގައި ގިނައީ އެ އިދާރާ އިން ސަމާލުކަން ދޭން ނުޖެހޭ ކަންކަން ކަމަށެވެ. އަދި އެފްއޭއެމަށް އޮންނަ ޕްރެޝަރު ތަފާތު ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް ޕްރެޝަރު ކުރިމަތިވޭ. ވަކި ފަރުދެއްގެ ފަރާތުން ޕްރެޝަރު ކުރިމަތިވޭ. ވަކި ބައެއްގެ ފަރާތުން ޕްރެޝަރު ކުރިމަތިވޭ. އަޅުގަނޑުމެންނަށް އަންނަ ޕްރެޝަރަކީ ދިވެހިރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށް އަންނަ ޕްރެޝަރު،" ބައްސާމް ވިދާޅުވި އެވެ.
"މިފަދަ ޕްރެޝަރުތަކަކީ އަޅުގަނޑުމެން އުފަލާ އެކު ބަލައިގަންނަ ޕްރެޝަރު. އެހެން ކަމަކުން އަންނަ ޕްރެޝަރަކުން އަޅުގަނޑު ވެސް، އަޅުގަނޑުގެ ޓީމު މެމްބަރަކު ތަނެއް ވެސް ހިރުވައެއް ނުލާނެ."
ބައްސާމް ގަބޫލުކުރައްވާ ގޮތުގައި މިހާރު ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތު ދެނެގަނެވުމަކީ ވެސް ލިބިވަޑައިގެންނެވި ހިތްހަމަޖެހުމެކެވެ. އެ ގޮތުން "ފުންމާލަން މި އުޅޭ ކަނޑުގެ ފުންމިން ޓެސްޓްކޮށްލެވުނު" ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަނޑަކަށް ފުއްމާނުލާ ކަމަށްވާ ނަމަ އެ ފުއްމާލެވެނީ ކިހާ ފުން ކަނޑަކަށް ކަމެއް ނޭނގޭނެ،" ބައްސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުޓްބޯޅައިގެ ކަންތައްތަކާ ބެހޭ ގޮތުން ހިޔާލުފާޅުކުރާއިރު ކަންކަން އޮތް ގޮތް އޮޅުންފިލުވަން ޖެހޭނެ ކަމަށެވެ. އަދި ބިނާކުރަނިވި ފާޑުކިޔުމަށް އެފްއޭއެމުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވި އެވެ.