އިންޓަ ބަލިވުމުގެ ފައިދާ ނަގައި ނަޕޯލީ އެއް ވަނަ އަށް
އިންޓަ ބަލިވުމުގެ ފައިދާ ނަގައި ނަޕޯލީ އެއް ވަނަ އަށް

މިލާން (ޑިސެމްބަރު 17) - އިޓާލިއަން ލީގުގައި ރޭ އުދިނޭޒީ އަތުން 3-1 އިން އިންޓަ ބަލިވުމުގެ ފައިދާ ނަގައި ނަޕޯލީ އިން 3-1 އިން ޓޮރިނޯ ބަލިކޮށް ލީގުގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަަގައިފި އެވެ.

ނަޕޯލީ ލީގުގެ އެއް ވަނަައިގައި އޮތީ 17 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. އިންޓަ ދެ ވަނައިގައި އޮތީ 17 މެޗުން 40 ޕޮއިންޓް ހަމަކޮށްގެންނެވެ. ކަލިއަރީ އަތުން 1-0 އިން މޮޅުވެ ރޯމާ ވަނީ ލީގެ ތިން ވަނައިގައި އޮތް ޔުވެންޓަސްއާ ޕޮއިންޓުގެ ގޮތުން ހަމަކޮށްފަ އެވެ. ރޯމާ އާއި ޔުވެންޓަސް އަށް ލިބިފައިވަނީ 38 ޕޮއިންޓެވެ.

މިއީ މި ސީޒަނުގެ ލީގުގައި އިންޓަ ބަލިވި ފުރަތަމަ ފަހަރެވެ. އިންޓަގެ ދަނޑުގައި ކުޅުނު މި މެޗުގައި އުދިނޭޒީ އަށް ލީޑުނަގައިިދިނީ ކެވިން ލަޒާނިއާ އެވެ. އޭގެ މިނިޓެއް ފަހުން މައުރޯ އިކާޑީގެ ލަނޑުން އިންޓަ އިން ވަނީ އެއްވަރުކޮށްފަ އެވެ. އުދިނޭޒީ މޮޅުވީ ދެ ވަނަ ހާފުގެ ލަނޑުތަކާ އެކު އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ލިބުނު ޕެނަލްޓީ އަކުން ރޮޑްރީގޯ ޑި ޕައުލް އާއި އެންޓޮނިން ބަރަކް އެވެ.

މެޗަށް ފަހު އިންޓަގެ ކޯޗު ލޫޗިއާނޯ ސްޕަލެއްޓީ ބުނީ އެ ޓީމަށް ކުރިއަށް ދެވޭނީ ޓީމަށް ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.

"އަހަރެމެން ބޭނުންވާ ފިޔަވަޅު ކުރިއަށް އެޅޭނީ މި ޓީމަށް ބަދަލެއް ގެނެސްގެން. ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި އަހަރެމެންނަށް އާ ކުޅުންތެރިން ބޭނުން،" ކުރިން ރޯމާ އަށް ކޯޗުކޮށްދިން ސްޕަލެއްޓީ ބުންޏެވެ.

ރޭ ޓޮރިނޯ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ 30 މިނިޓް ތެރޭ ނަޕޯލީން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ކަލިދޫ ކުލިބަލީ ޖެހިއިރު، ލީޑުފުޅާކޮށްދިނީ ޕޮލެންޑުގެ މިޑްފީލްޑަރު ޕިއޮޓްރޭ ޒިއެލިންސްކީ އެވެ. ތިން ވަނަ ގޯލު ޖެހީ ޓީމުގެ ކެޕްޓަން މަރެކް ހަމްސިކް އެވެ. މި ގޯލާ އެކު ހަމްސިކް ވަނީ އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީގެން އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. މި ދެ ކުޅުންތެރިން ވެސް ރެކޯޑް ހެދީ 115 ލަނޑު ކާމިޔާބު ކޮށްދީގެންނެވެ. ޓޮރިނޯގެ ލަނޑު ޖަހައިދިނީ އަންޑްރެއާ ބެލޮއްޓީ އެވެ.

"މިއީ ވަރަށް ފަހުރުވެރިވާ ކަމެއް. މިޑްފީލްޑަރަކަށް ކުޅެމުން 115 ލަނޑު ޖެހުން ފަސޭހައެއް ނޫން. މިއީ ރަނގަޅު އަދަދެއް،" ސްކައި އިޓާލިއާ އަށް ދިން އިންޓަވިއުއެއްގައި ސްލޮވާކިއާ ގައުމީ ޓީމަށް ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަމްސިކް ބުންޏެވެ.