17 ޑިސެމްބަރ 2017 - 10:05

އެމްޑީޕީއަކީ ފަނާކުރުވަނިވި ފިކުރެއް ކަމަށާއި އެ ޕާޓީގައި ތިބި މެމްބަރުން އެމްޑީޕީން ވަކިވުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ރޭ ގޮވާލައްވައިފި އެވެ.
ބ. ކަމަދޫ ޕީޕީއެމް ޖަގަހަ ހުޅުވަން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުކިޔައި ނިހާނު ވިދާޅުވީ ނަޝީދާއި އެމަނިކުފާނުގެ "އައުވާނުންނަކީ" މި ގައުމަށް އެންމެ ބޮޑެތި ގެއްލުންތަކެއް ދިން ބޭފުޅުން ކަމަށެވެ. އަދި ނަޝީދަކީ ގައުމު "ދަރުވާލި" ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެ ބަދުނާމު ކުރުމަށް ނަޝީދު ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާއިރު، ނަޝީދު ދިވެހިންގެ މައްޗަށް މިހާ ހަސަދަލައިގެން އުޅުއްވަނީ ކީއްވެތޯ ނިހާނު ސުވާލު ކުރެއްވި އެވެ. އަދި ނަޝީދަކީ ޒުވާނުން ލައްވައި، ބޮޑެތި ޖާރީމާތަކެއް ހިންގުވި ބޭފުޅެއް ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ފާޑު ވިދާޅުވި އެވެ.
ނަޝީދާއި އެމްޑީޕީއާ އެކު މަސައްކަތް ނުކޮށް، ރަށްތައް ތަރައްގީ ކުރުމަށް ޕީޕީއެމްގެ "ފައުޖާ" ގުޅުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާނު ގޮވާލެއްވި އެވެ.
"ތިއިން ކުއްޖެއް އަތަށް ދޭނެ ލަޓި ބުރިއެއް، ތަނެއް ރޯކޮށްލަން ދޭނެ ހުޅެއް، ތަނެއްގައި ލިޔަން ދޭނެ ނުބައި ވާހަކައެއް ނޯންނާނެ. ޖަލު ގޮޅިއަކަށް ދިއުމަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 1000 އަހަރުގެ ތާރީހަށް ބެލިޔަސް، ވެރިކަމެއްގައި ހުރި ބޭފުޅަކު، ގާނޫނާއި ގަވާއިދުތައް އަރާ ހަމަކުރަން ފުރުސަތު ދިން ސަރުކާރެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނޫނީ ނޯންނާނެ އެވެ. އެކަމާ ދިވެހިން ފަހުރުވެރިވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ޕާޓީ މީހަކު ކަމުގައިވިޔަސް، ގާނޫނާއި ގަވާއިދު އަރާ ހަމަކުރުމަށް ހުރަހެއް ނާޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދީނީ މަތިވެރި އަސާސްތައް ދެމެހެއްޓުމަށް ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ހަރުދަނާ ވަޒީރުންނާއި މަޖިލީހުގެ ޕީޕީއެމް ކޯލިޝަން މެމްބަރުންނާ އެކުގައި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމުން ބަލަނީ އިހްލާސްތެރި ނިޔަތަކާ އެކުގައި ސީދާ މަގުގައި ގައުމައިގެން ކުރިއަށް ދިއުމަށް ކަމަށެވެ. ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަނީ ގައުމުގައި ހުރި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވައިގެން ބޭރާއި އެތެރޭގެ ފިއްތުންތަކާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.