ބޮސް
ބޮސް

ދުއްވާ އެއްޗެހި ވަރަށް ގިނަ ވަގުތެކެވެ. ދިހަ މިނެޓު ވީއިރު ވެސް މުޅި މަގު އޮތީ ހުއްޓުމަކަށް އައިސްފައެވެ. ޑުރައިވަރަށް ފައިސާ ދީފައި ކާރުން ނުކުންނަން ރާޝިދު ކިތަންމެ ފަހަރަކު ހިތަށްއެރިއެވެ. ބެންކޮކަކީ ރާޝިދަށް އާ ތަނެއް ނޫނެވެ. ފައިމަގުގައި ދަތުރު ފެށިޔަސް އޭނައެއް ނުގެއްލޭނެއެވެ. އެކަމަކު ރާޝިދު ގަތް ސާމާނުތަކުން ޓެކްސީގެ ޑިކީއާއި، ކުރީ ސީޓާއި، ފަހަތު ސީޓުން ވެސް ބައެއް އޮތީ ފުރިފައެވެ. އެ ޓެކްސީ ދޫކޮށްލެވޭކަށް ނެތެވެ. ރާޝިދު ފުން ނޭވައެއް ބޭރުކޮށްލިއެވެ. އެހެން ހުރިހައި ފަހަރަކަށް ވުރެ އެ ދަތުރު ބުރައެވެ. ފުރަން ތިން ދުވަހަށް ވީއިރު ވެސް މަސާޖެއް ކޮށްލައި، ހިތްހަމަޖައްސައިލާނެ ފުރުޞަތެއް ރާޝިދަކަށް ނުލިބުނެވެ.

"ބަނޑުހައިވެގެން މަރުވާ ވަރު ވެއްޖެ!" އިނގެރޭސިބަހުން ރާޝިދު ބުންޏެވެ.

"އަހަރެން އަދި އެބަ ޖެހޭ މައިދައިތަ ބަލާ އެއާޕޯޓަށް ދާން ވެސް،" ޑުރައިވަރު ގަޑިއަށް ބަލައިލައިފައި ބުންޏެވެ. "ގަޑިއަށް ނުގޮއްސިއްޔާ އަންހެނުން ގާތު މައިދައިތަ ވަރަށް ކުޓުވާނެ. އެކަމަކު އުދުހިފައެއް މަށަކަށް ވެސް ނުދެވޭނެތާ ދޯ! މި އޮތީ މަގު އޮތް ގޮތް."

ރާޝިދު ވަށައިގެން ނަޒަރުހިންގައިލިއެވެ. މަސާޖުކުރާ ދެ ތަން ވަރަށް ކައިރީގައި ހުއްޓެވެ. ރާޝިދު ހިތަށްއެރިއެވެ. އެ ތަނަށް ވަދެލަންވީބާއެވެ؟ ވަގުތު ލިބޭނެބާއެވެ؟ އެ ދިމާއަށް ބަލަހައްޓައިގެން ވިސްނަން އިންދައި ވަރަށް ރީތި އަންހެންކުއްޖަކު އެ ތަނުން ނުކުތްތަން ރާޝިދަށް ފެނުނެވެ. މަގުގެ ދެ ފަރާތަށް އެ ކުއްޖާ ބަލައިލިއެވެ.

"އެއީ ކޮން ޕަރީއެއް؟" ޑުރައިވަރު ގާތުގައި ރާޝިދު އެހިއެވެ.

"އަ ބިޔުޓިފުލް އެންޑް ލަވްލީ ލޭޑީ،" ވަރަށް ގަޔާވެލައިފައި ޑުރައިވަރު ބުންޏެވެ. "އޭނަގެ ނަމުގެ މާނަ މި ބުނީ އިނގޭ. ކަންޗަނާ އަސްލު ނަމަކީ. ކިޔާނީ ކަންޗީ. އޭނަ އެ ނުކުތީނު ތަނެއް. އެ ތަނުގަ ވަޒީފާ އަދާކުރާނީ. މަސާޖުކުރަން ހަމަ އެއްވަނަ. އަހަރެން ހިސާބުގަނޑު ކުއްޖެކޭ. ވަރަށް އަވަހަށް ރައްޓެހިވާނެ."

ރާޝިދު ބަލަހައްޓައިގެން އިނެވެ. ޑުރައިވަރު ބުނީ ތެދެއް ކަމުގައި ގަބޫލުކުރަން ރާޝިދަށް މަޖުބޫރުވިއެވެ. ބެންކޮކަކީ ރީތިކުދިން އުޅޭކަމަށް މަޝްހޫރު ތަނެކެވެ. އެކަމަކު، އެ ދަތުރުގައި އެހައި ރީތި ކުއްޖަކު ރާޝިދު އަދި ނުދެކެވެ. އިސްކޮޅުން ދިގެވެ. ކަސްރަތީ ހަށިގަނޑެކެވެ. ހުއްޓިހުރިލެއް ފަރިއެވެ. ލައިގެން ހުރީ މީހުންގެ ލޮލުގައި ވަކިއަޅާ ކަހަލަ ހެދުމެކެވެ. ރަތްކުލައިގެ ކުޑަކުޑަ ދަބަހެއް ކޮނޑުގައި އަޅުވައިލައިފައި އޮތެވެ. އެއް އަތުގައި އޮތީ އަވިއައިނެވެ. އަނެއް އަތުގައި ފޯނެކެވެ. އިސްތަށިގަނޑަށް އަވިއެޅިފައި ހުރިއިރު ހީވަނީ އަލިފާންގަނޑެއް ރޯވެފައި ހުރިހެންނެވެ. އިސާހިތަކު އެ އިން ކަންޏެއް ޖެހިފައި ރާޝިދުގެ ހިތް އަނދަން ފެށިއެވެ. ކަންޗަނާ ހިނގައިގަތެވެ. ހުއްޓައިފައިވާ ޓެކްސީތަކަށް ބަލަމުން ކުރިޔަށް އައެވެ. ޚަރަކާތުން ހީވަނީ ޓެކްސީއެއް ބޭނުންވެގެން އުޅޭހެންނެވެ.

"މި ޓެކްސީއަށް އަރުވަންތަ؟" ޑުރައިވަރު އެހިއެވެ.

"މީގަ އެބަ އޮތްތަ މީހަކު އިންނާނެ ތަނެއް؟" ރާޝިދު ޗޮކެއް ކަނޑައިފައި ބުންޏެވެ.

"ކަލޭ އެ ކަމާ ހާސްނުވޭ!" ޑުރައިވަރު ހަމަޖެހިލައިފައި ބުންޏެވެ. "އުނގުގަ ބައިންދާ! އޭނަގެ ކަމެއްތާ އެރުމާނޭރުން އެއީ."

ބައެއް ޓެކްސީގެ ޑުރައިވަރާ ވާހަކަދައްކަމުން ކަންޗަނާ އައީ ސީދާ ރާޝިދުމެން ތިބި ޓެކްސީއާ ދިމާއަށެވެ. ކަންޗަނާއަށް ވުރެ ކުރިން ޑުރައިވަރު ވާހަކަދެއްކިއެވެ. ރަށުބަހުންނެވެ. ރާޝިދަށް އެ ބަސް އެނގެނީ ވަރަށް ކުޑަކޮށެވެ. ކަންޗަނާ އައިސް ކާރުތެރެއަށް ބޯދިއްކޮށްލިއެވެ. ރާޝިދާ ހަތަރުކަޅި ހަމަކޮށްލިއެވެ. ރާޝިދު ހިނިތުންވެލިއެވެ. ކަންޗަނާ ވެސް ހިނިތުންވެލިއެވެ.

"އޯކޭ؟" ކާރަށް އަރަން ރާޝިދުގެ ހުއްދައަށް ކަންޗަނާ އެދުނެވެ.

އަހަރެން ދޮރު ހުޅުވައިދިނީމެވެ. އޭރު މަގަށް މަޑުމަޑުން ދިރުންލިބެން ފަށައިފިއެވެ. ކަންޗަނާ ކާރަށް އެރިއެވެ. އޭނަ އިށީނީ ރާޝިދުގެ އުނގަކު ނޫނެވެ. އެކަމަކު ސީޓަކު ވެސް ނޫނެވެ. ދެ މީހުން ތިބީ ފިތި ބާރުވެގެންނެވެ. ކަންޗަނާގެ ގައިން ދުވި މީރުވަހުން ކާރު އެއްވަސް ވިއެވެ. ރާޝިދު ތަޢާރުފު ވިއެވެ.

"ކަންޗީ!" ދަތި ގޮތަކަށް އިނދެ ސަލާންކޮށްލަމުން، ރައްޓެހިން ކިޔާ ނަން ކަންޗަނާ ބުންޏެވެ. ވާހަކަދެއްކީ އިނގެރޭސިންނެވެ. "ކުޑަކޮށް ބޮލުގަ ރިއްސާތީ މިއަދަށް ޑިޔުޓީ ނިންމައިލީ މި. އެކަމަކު ހިޔެއްނުވޭ އަވަހަށް މި ތަނުން ގުޑައިލެވޭނެހެނެއް ދޯ؟ ވަރަށް ބަނޑުހައި ވެސް ވެއްޖެ! އަދި މި އުޅެނީ މެންދުރު ނުކައި. މިހާރު ހަވީރު ވީ."

"އަހަންނަށް ހީވަނީ ދެން ވަރަށް އަވަހަށް މި ތަނުން ސަލާމަތް ވެދާނެހެން،" ޑުރައިވަރު ބުނި އަޑު އިވުނެވެ. "ހާސްނުވޭ!"

ފަސް މިނެޓެއްހާއިރު ފަހުން ޓެކްސީ ދުއްވައިލެވޭ ވަރު ވިއެވެ. މިސްރާބުޖެހީ ރާޝިދު ހުންނަ ހޮޓަލަށެވެ. ރާޝިދު ބޭނުންވީ ދަތުރު ވީހާ ވެސް ދިގުވާށެވެ. ބެންކޮކްގެ ހުރިހައި މަގެއް ބަންދުވާށެވެ. ހިތާމައަކީ އެހެން ނުވިކަމެވެ. ކާރު ދުއްވަން ޖެހުނުލެއް މަޑުކަމުން، ހޮޓަލާ ހަމައަށް ދެވުނުއިރު އަނދިރި ވެއްޖެއެވެ. ހިތާ ދެކޮޅަށް ރާޝިދު ފޭބިއެވެ. ކާރުން އެއްޗެހި ހުސްކުރުމުގައި ޑުރައިވަރު ވެސް އެހީވިއެވެ. އެ މަސައްކަތް ނިމުމުން ޑުރައިވަރަށް ދޭންވާ އުޖޫރަ ރާޝިދު ދިނެވެ.

"މިހާރު ގޮސް ތައްޔާރުވެލައިގެން ކިރިޔާ ކަންނޭނގެ އަހަންނަށް އެއާޕޯޓަށް ދެވޭނީ،" ޑުރައިވަރު ބުންޏެވެ. "އަހަރެންގެ ފްރެންޑާ އެއްކޮށް ހޮޓަލުގަ ކަންޗީ މަޑުކޮށްލަންވީނު. އެއްޗެއް ކާލާ، އަނގަތަޅާލާ.. މައިދައިތަ ގެއަށް ވައްޓައިލައިފަ ދުންޖަހާފަ މަ އަންނާނަން މި ތަނަށް. އޯކޭތަ ކަންޗީ؟"

ކަންޗަނާ ވަގުތުން އެއްބަސްވިއެވެ. ރާޝިދު ވެސް އެއްބަސްވިއެވެ. ހޮޓަލަށް ގޮސް ކޮޓަރިއަށް ވަނުމާއެކު، ދަބަހާއި ފޯނު އެނދުމައްޗަށް އެއްލައިފައި ކަންޗަނާ އެނދުމައްޗަށް ވެއްޓިގަތެވެ. އޭނަ ހުރީ ވަރަށް ވަރުބަލިވެފައެވެ. ރާޝިދު ކޮޓަރީގެ އޭސީ ޖައްސައިލައިފައި ޓީވީ ހުޅުވައިލިއެވެ. ޓީވީން އައީ "ޓައިމްލައިން" ކިޔާ ތައި ފިލްމެއްގެ ލަވައެކެވެ. ލަވަ އިވުމާއެކު ކަންޗަނާ ފުންމައިގެން ތެދުވިއެވެ. ހީވަނީ އެ ލަވައަކީ ކަންޗަނާގެ ދިރިއުޅުމާ ގުޅިފައިވާ ލަވައެއްހެންނެވެ. ރާޝިދަށް އިނދެވުނީ ކަންޗަނާގެ މޫނަށް އައި ބަދަލުތަކަށް ބަލާށެވެ. އުފާވެރިކަމާއި ޖޯޝުން ފުރިފައިވި މޫނުގެ ކުލަވަރު މަޑުމަޑުން މިލަން ފެށިއެވެ. އޭނަ އުޅުނީ ނުރޯށެވެ. އެހެންނަމަވެސް ކަރުނައެއް ނުހިފޭއްޓުނެވެ. ކަންޗަނާގެ ލޮލުން ކަރުނަ ފުހެދިނީ ރާޝިދެވެ. އެއީ، ދެ ބީރައްޓެހިންގެ ގުޅުން ރައްޓެހިކަމުގެ ހަރުފަތަށް އެރި ދަނޑިވަޅެވެ.

"ހިނގާ ކާންދާން!" ޓީވީ ނިއްވައިލަމުން ރާޝިދު ބުންޏެވެ. "މިހެން އުޅެނިކޮށް ވާތާވެގެން އަހަރެން ތަންޑާވެދާނެ."

ކަންޗަނާ އެދުނީ ކޮޓަރިއަށް ކާން ގެންނާށެވެ. ރާޝިދަށް ވެސް ކަމުދިޔައީ އެ ގޮތެވެ. އޯޑަރުދިނީ ކަންޗަނާއެވެ. އޭނައަށް ހުރިހައި ކަމެއް ރާޝިދު ދޫކޮށްލިއެވެ.

"މިހިރީ ލާރި،" ފައިސާ ދަބަސް ދެމުން ރާޝިދު ބުންޏެވެ. "އަހަރެން އަންނާނަން ފެންވަރައިލައިގެން."

ލާރިދަބަސް އެ ގޮތަށް ދިނުމަކީ ކިހާ ބޮޑު ހިރާހެއްކަން ރާޝިދަށް އެނގެއެވެ. އެކަމަކު، އަމިއްލަ އެދުމެއް ވެސް އޮތެވެ. އިތުބާރުކުރާ ވަރު އެންގުމެވެ. ފެންވަރަން ހުއްޓައި ކޮޓަރީގެ ރަނގަބީލު ޖެހި އަޑު ރާޝިދަށް އިވުނެވެ. ވާހަކަދައްކާ އަޑު އިވުނެވެ. ކިޔާ އެއްޗެއް ސާފެއް ނުވެއެވެ. އަނެއްކާ ވެސް ކޮޓަރީގެ ރަނގަބީލު ޖެހި އަޑު އިވުނެވެ. ރާޝިދު ހިތަށްއެރިއެވެ. ކަންޗަނާ އެ ކުރަނީ ކީއްބާއެވެ؟ ދެން ދުވަން ފެށީ ކާއެއްޗެހީގެ މީރު ވަހެވެ. ރާޝިދުގެ ބަނޑުހައިކަން ދެ ގުނައަށް އިތުރުވިއެވެ. އަވަސްއަވަސް ކޮށްލައިގެން ނުކުތެވެ.

"މަސާޖު؟" އަތުރައިފައި ހުރި ފުޅިތައް ދައްކައިލައިފައި ކަންޗަނާ އެހިއެވެ. "ވަރަށް ވަރުބަލިވެފަ ހުރިހެން ހީވާތީ."

އިންކާރު ކުރާނެ ހިތްވަރެއް ރާޝިދަކަށް ނުލިބުނެވެ. ނަސީބަކުން ޑުރައިވަރެއް ނާދެއެވެ. ކަންޗަނާ ގެއަކަށް ނުދެއެވެ. ދަތުރުގެ ބާކީ ދުވަސްތަކުގައި ކަންޗަނާ އުޅުނީ ރާޝިދާ އެކުގައެވެ. އޭނަ ހުރިކަމުން ރާޝިދަށް ވަރަށް ފަސޭހަވިއެވެ. ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އިތުރަށް ގުޅުން ބަދަހިވެ، ކުރިން ނުކުރެވޭ އެތައް ތަޖުރިބާއެއް ކުރެވުނެވެ. ކަންޗަނާގެ ދިރިއުޅުމާ ބެހޭ ގޮތުން ރާޝިދު ސުވާލެއް ނުކުރެއެވެ. ކަންޗަނާ ވެސް ރާޝިދާ ދޭތެރޭގައި ކަންތައް ކުރީ އެހެންނެވެ. ރާޝިދަކީ ވިޔަފާރިވެރިޔެކެވެ. ވަރަށް ބޮޑު މުއްސަންޖެކެވެ. އެ ކަން އެނގުމުން ރާޝިދު ކިޔުން ކަންޗަނާ ހުއްޓައިލިއެވެ. ދެން ކިޔަނީ ބޮހެވެ. އެހެން ނުކިޔަން ބުނުމުން ވެސް ހީނހީނފައި ކަންޗަނާ ބައެއް ފަހަރު އެ ނަމުން ގޮވައެވެ. ރާގުލައިފައި ތުއި ގޮތަކަށެވެ. ރާޝިދު ފަހުން އަޅައެއްނުލައެވެ. ލިބުނު ކުޑަ ވަގުތުކޮޅުގައި އެކި ތަންތަނަށް ދެ މީހުން ޖައްސައިލިއެވެ. ފޯނަށް ނުކުޅަދާނަވާ ވަރަށް ފޮޓޯ ނެގިއެވެ. ބައެއް ފޮޓޯ ވަރަށް ޚާއްޞައެވެ. ވަރަށް މާނަ ފުނެވެ.

ފުރާ ވަގުތު ޖެހުމުން ކަންޗަނާޔާ ވަކިވާކަށް ރާޝިދުގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އެ ރީތި ޕަރީގެ ސާދާކަމާއި، މާސޫމުކަން ރާޝިދުގެ ހިތް އަތުލައިފިއެވެ. އެއީ ކުރިން އެއްވެސް ދަތުރެއްގައި ރާޝިދަށް ނުކުރެވޭ ކަހަލަ އިހުސާސެކެވެ. ރާޝިދު ބޭނުންވީ ކަންޗަނާ މާލެ ގެންދާށެވެ. ކަންޗަނާ ހުރީ ދާން ތައްޔާރަށެވެ. ކަންދިމާކުރި ގޮތުން އެ ދުވަހުގެ ފުލައިޓަކުން ޖާގައެއް ނުލިބުނެވެ. ރާޝިދު މާލެއަށް ފުރީ، ކަންޗަނާގެ ޓިކެޓާއި ދެން ވެސް ހުރިހައި ކަމެއް ހަމަޖައްސައިދީފައެވެ. މާލޭގެ އެއާޕޯޓުން ބައްދަލުކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.

މާލެއައިސްފައި ވެސް، ގަޑިއަކު އެއް ފަހަރު ކަންޗަނާގެ އަޑު ނުއިވެންޏާ ރާޝިދުގެ ހިތަކަށް ފިނިކަމެއް ނުލިބެއެވެ. އެ ވަރު ނުފުދިގެން އިރުއިރުކޮޅާ މެސެޖު ފޮނުވައެވެ. ދިގު ފޯނުކޯލުތައް ކުރެއެވެ. ކަންޗަނާ މާލެއައީ، ރާޝިދު މާލެއައި ދުވަހުގެ ރޭގަނޑު ދަންވަރުއެވެ. މެހުމާންސަރާއަށް ގެންދިޔަ މަގުމަތީގައި، ދިހަބުރިއަށް ނަގައިފައިވާ ރާޝިދުގެ ގެއާއި، ރާޝިދުގެ ބޮޑު، ތިން ފިހާރަ ވެސް ކަންޗަނާއަށް ދައްކައިލިއެވެ. މުއްސަނދިކަން ދައްކައިލުމަށް ޓަކައެވެ. މި އެޅުނީ ކިހާ ބޮޑު ޅައެއްޗެއްކަމެއް އޭރަކު ރާޝިދަކަށް ނޭނގެއެވެ. ރާވައިފައިއޮތީ ރާޝިދުގެ ކުންފުނިން ކަންޗަނާއަށް ވަޒީފާ ދޭށެވެ. ދުވަސްކޮޅަކު އެހެން ގެންގުޅެލައިފައި ޕާސަނަލް ސެކްރެޓަރީއަށް ހަދާށެވެ. އޭރުން ދާ ކޮންމެ ތަނަކަށް ކަންޗަނާ ގެންދެވޭނެއެވެ. އަބަދުވެސް ރާޝިދު ގާތުގައި ކަންޗަނާ ހުންނާނެއެވެ. ރާޝިދުގެ ރޭވުން ވަރަށް ފުރިހަމައެވެ. މައްސަލައަކީ، ކަންޗަނާ ބޭނުންވާ ގޮތް ރާޝިދަށް ނޭހުނުކަމެވެ. ކަންޗަނާ ރާވައިފައިއޮތީ މުޅީން އެހެން ގޮތަކަށެވެ.

ނުނިމޭ