10 ޖުލައި 2016 - 09:27

އެމެރިކާގައި ބާއްވާ އެންމެ ބޮޑު މެރަތަން އިވެންޓް ކަމަށްވާ ބޮސްޓަން މެރަތަން ރޭހަށް 2013 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާގެ މައްޗަށް ބިނާކޮށް ހަދާ ފިލްމް "ޕެޓްރިއަޓްސް ޑޭ" އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ރިލީޒް ކުރަން ނިންމައިފި އެވެ.

އެމެރިކާގެ ބައެއް ތިއޭޓަރުތަކުގައި މި ފިލްމް ޑިސެމްބަރު 21 ގައި ރިލީޒް ކުރުމަށް ފަހު، އިންޓަނެޝަނަލް މާކެޓަށް ފިލްމް ނެރެން ހަމަޖައްސައިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
ހެންކޮކް (2008) އާއި ލޯން ސަވައިވާ (2013) ފަދަ ކާމިޔާބު ފިލްމްތައް ގެނެސް ދީފައިވާ ޕީޓާ ބާގް ޑައިރެކްޓް ކުރާ "ޕެޓްރިއަޓްސް ޑޭ" ގެ ފުރަތަމަ ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
ފިލްމުގައި އެންމެ މުހިއްމު ރޯލަކުން ފެނިގެން ދާނީ ބޮސްޓަން ޕޮލިސް ޑިޕާޓްމަންޓްގެ ސާޖަންޓްގެ ރޯލުން ފެނިގެންދާ މަޝްހޫރު އެކްޓަރު މާކް ވޮލްބާގެވެ.
އޭނާގެ އިތުރުން ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖޯން ގުޑްމަން، ކެވިން ބެކަން އަދި ޖޭކޭ ސައިމަންސް ފަދަ ތަރިން ހިމެނެ އެވެ.
މެޓް ޗާމަން އާއި އެރިކް ޖޯންސަންގެ އިތުރުން ޕޯލް ޓަމަސީގެ ސްކްރީންޕްލޭއަކަށް ހަދާ "ޕެޓްރިއަޓްސް ޑޭ" ބިނާކޮށްފައި ވަނީ ބޮސްޓަން އަށް ޓެރަރިސްޓް ހަމަލާ ދިން ޗެޗްނިޔާ ދަރިކޮޅަށް ނިސްބަތްވާ ޖައުހަރު ސަރްނާވް، 19، ހޯދަން ފުލުހުން ހިންގާ އޮޕަރޭޝަނުގެ މައްޗަށެވެ.
ފިލްމުގައި ސަރްނާވްގެ ރޯލުން ފެނިގެން ދާނީ އެލެކްސް ވުލްފް އެވެ. ސަރްނާވްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ އަށް މަރުގެ އަދަބު ދޭން މެއި 15، 2015 ގައި ވަނީ ހުކުމް ވެސް ކޮށްފަ އެވެ.
ބޮސްޓަން މެރަތަން އަށް އެޕްރީލް 15، 2013 ގައި ދިން ބޮމުގެ ހަމަލާގައި ތިން މީހުން މަރުވެ، 260 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ.
ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމަކަށްވާތީ "ޕެޓްރިއަޓްސް ޑޭ" އަށް އެތައް ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ. އަދި މި ފިލްމަކީ އަނެއްކާ ވެސް އެމެރިކާގެ މީހުންގެ ލޮލުން ކަރުނަ ފާއްދައިލާނެ ފިލްމެއް ކަމަށް ބެލެވެ އެވެ.
ބޮސްޓަން ހާދިސާގެ މައްޗަށް ބިނާކޮށް "ބޮސްޓަން ސްޓްރޯންގް" ގެ ނަމުގައި ވެސް އަންނަނީ ފިލްމެއް ހަދަމުންނެވެ.
"ނައިޓްކްރޯލާ" ފަދަ ފިލްމުތައް ކުޅެފައިވާ އެކްޓަރު ޖޭކް ގައިލެންހާލްސް ޕްރޮޑިއުސްކޮށް، އެކްޓް ކުރާ އެ ފިލްމު ބިނާކޮށްފައި ވަނީ ހަމަލާ އަށް ފަހު ބޮސްޓަންގެ ރައްޔިތުންގެ ދިރިއުޅުމަށް އައި ބަދަލުގެ މައްޗަށެވެ.
ޑޭވިޑް ގޯޑަން ގްރީން ޑައިރެކްޓް ކުރާ "ބޮސްޓަން ސްޓްރޯންގް" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.