މަޖީދީމަގު އަލުން ހަދާ ނިންމައިފި
މަޖީދީމަގު އަލުން ހަދާ ނިންމައިފި

މަޖީދީ މަގު އަލުން ހަދަން މިދިއަ އަހަރު ފެށި މަޝްރޫއު އިއްޔެ ނިންމާލައިފި އެވެ.

މިދިޔަ އަހަރު އޮކްޓޫބަރު މަހު ފެށި އެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދިޔައީ ނުވަ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން މަޝްރޫއުގެ އެންމެ ފަހު ބަޔަކީ ހެންވޭރު ދަނޑުގެ އިރުމަތީ ކަނުން ފެށިގެން މަޖީދީ މަގު އިރުމަތީ ކޮޅެވެ.

މަޖީދީމަގު އަލުން ހެދީ ކުރިން އަތުރާފައި ހުރި ގާތައް ނަގައި އާ ގާ އެތުރުމުގެ އިތުރުން، ފެން ހިންދާ ނިޒާމް ވެސް ބަދަލުކޮށްގެންނެވެ. އަދި ދުވާރު ވެސް ހަދާފައި ވަނީ ކުރިއަށް ވުރެ ތަފާތުކޮށެވެ.

މާލޭގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމީ ބައެއް މަގުތައް ވަރަށް ބޮޑަށް ހަލާކުވުމުންނެވެ. އޭގެ އިތުރުން މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖު މަޝްރޫއުއާ އެކު މާލެ އަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަލުން ހަދަން ޖެހޭ ގިނަ މަގުތަކެއް ހުރުމާ އެކު އޭގެ ތެރެއިން ވަރަށް ގިނަ މަގުތައް ރަނގަޅު ފެންވަރަކަށް ބަދަލުކޮށް، ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ އެވެ.