ގްރޭމާލީ ކީބޯޑް: އިތުބާރާ އެކު ޓައިޕްކުރުމަށް
ގްރޭމާލީ ކީބޯޑް: އިތުބާރާ އެކު ޓައިޕްކުރުމަށް

މިއީ ޒަމާނީ ސްމާޓް ކީބޯޑެކެވެ. ނަމަކީ "ގްރޭމާލީ ކީބޯޑް" އެވެ. ސްމާޓްފޯނެއް އޮތް ނަމަ އިންސްޓޯލްކޮށްލާށެވެ. ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވެ އެވެ. އައިއޯއެސް ބޭނުންކުރާ ނަމަ އެޕަލް އެޕް ސްޓޯރުން ވެސް ލިބެ އެވެ.

ސްމާޓްފޯނުތަކަށް ހުރި "ވާޗުއަލް" ކީބޯޑްތައް ވަރަށް ގިނަ އެވެ. ހެނދުނު ވަކި ކީބޯޑެއް އަދި ހަވީރަށް ކީބޯޑެއް ޚާއްސަކުރި ނަމަވެސް، ފުރަތަމަ ބޭނުންކުރި ކީބޯޑު ހަނދާންނެތި ދާއިރު ވެސް، ބޭނުންކުރަން ލިސްޓްކުރި ކީބޯޑްތައް ނިމުމަކަށް ނާންނާނެ އެވެ. އަނެއްކޮޅުން ގްރޭމާލީ ކީބޯޑް ވެސް މި އޮތީ ލިސްޓަށް އިތުރުވެފަ އެވެ.

ގްރޭމާލީ ކީބޯޑް ބޭނުންކުރަން ޖެހޭ ސަބަބަކީ މިއީ "ގްރޭމާ" ރަނގަޅުކޮށްދޭ ކީބޯޑަކަށް ވާތީ އެވެ. އާންމުކޮށް މިހާރު ބޭނުންކުރާ ކީބޯޑްތަކުން "ސްޕެލިން" ރަނގަޅުކޮށްދިން ނަމަވެސް، މުޅި ޖުމްލައިގެ ފުރިހަމަކަން ބުނެއެއްނުދެ އެވެ. މިހެން ބުންޏަސް، ބައެއް ކީބޯޑުތަކުން، ވަރަށް އާދައިގެ ޖުމްލަތައް އެކުލަވާލާނެ ގޮތް ބުނެދެ އެވެ.

ގްރޭމާލީ ކީބޯޑަށް ނަންކިޔާފައިވާ ގޮތުން ވެސް އެއީ ގްރޭމާ ރަނގަޅުކުރުމަށް އެހީތެރިވެދޭ އެޕްލިކޭޝަނެއްކަން ދޭހަވެ އެވެ. މި އެޕްލިކޭޝަންގެ ދެ އަދަދެއް އެޕްލިކޭޝަން ސްޓޯރުތަކުން ލިބެ އެވެ. އެއީ ހިލޭ ބަހާ އަދަދަކާއި ވިއްކާ އަދަދެކެވެ. އަޑުއިވުމުން ވެސް އެނގޭ ފަދައިން، ވިއްކާ އަދަދުގައި ފީޗާތައް ގިނަ އެވެ.

ވާޗުއަލް ކީބޯޑްތަކުގެ ތެރެއިން "ސްވިފްޓްކީ" ވަރެއް ނެތެވެ. ނަމަވެސް މައިކްރޮސޮފްޓުން އެ އެޕްލިކޭޝަން ގަތް ފަހުން ކޮންމެވެސް ވަރެއްގެ ފަނޑުކަމެއް އިހުސާސްކުރެވެ އެވެ. ސްވިފްޓްކީ ކީބޯޑުން ޓައިޕްކުރަމުން ދާއިރު މުޅި ޖުމްލައިގެ ގްރޭމާއަކަށް ނުބަލަ އެވެ. އެކަމަކު ވެސް ދެން ބޭނުންކުރަން އެންމެ ރަނގަޅު ލަފުޒުތައް ލަފާކޮށްދެ އެވެ.

އެޕްލިކޭޝަން ސްޓޯރުގައި ހުރި ބާރުގަދަ ކީބޯޑުތަކަށް ބަލާއިރު، ގްރޭމާލީ ކީބޯޑު އެހާ މުއްސަންޖެއް ނޫނެވެ. ކީބޯޑު އަކުރުތަކުގެ މަތީގައި އިނގިލި ކާއްތައިގެން ލިޔުމަށް، "ސްވައިޕް ޓް ޓެކްސްޓް" ފީޗާއެއް ވެސް އަދި ނެތެވެ.