16 ޑިސެމްބަރ 2017 - 19:45

ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ގައުމީ ފައިނަލުގައި ޕޮލިސް ކްލަބްގެ މައްޗަށް ކުރިހޯދުމަށް ފަހު ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ޕޮލިސް އަތުން މިސްކިތްމަގު މޮޅުވީ 3-1 ސެޓުންނެވެ. މި ފަހަރު ވެސް މިސްކިތްމަގުން ތަށި ދިފާއުކުރީ 3-1 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ގައުމީ އަންހެން ވޮލީ ބޯޅަ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭ މިސްކިތްމަގުން ގައުމީ ލީގު ކާމިޔާބުކުރީ ވެސް މެޗަކުން ބަލިނުވެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ސެޓުތައް ދިޔައީ 25-18، 25-21، 24-26 އަދި 25-11 އިންނެވެ. މެޗު ފަށައިގެން މިސްކިތްމަގުން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅެން ފަށައިފަ އެވެ. މި މެޗުގައި ވެސް މިސްކިތްމަގަށް ތަފާތު ދެއްކީ އެ ޓީމަށް މި ފަހަރު ގައުމީ ލީގުން ފެށިގެން މޮޅު ކުޅުމެއް ދައްކަމުން އަންނަ ނޭޕާލްގެ ޕްރަތީބާ މާލީ އާއި ނިރްމަލާ އެވެ.
މިސްކިތްމަގުގެ އެޓޭކްތައް ހުއްޓުވަން ޕޮލިހަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ޕޮލިހަށް އެންމެ މޮޅު ކުޅުމެއް މި މެޗުގައި ވެސް ދެއްްކީ އިރާނުގެ ކުޅުންތެރިޔާ ބޮރަހާނީ އާއި ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ހައްވާ ރާޝިދާ އެވެ. އެހެން ނަމަވެސް ހައްވާ އާއި ބޮރަހާނީގެ އެޓޭކުތަކުން ޕޮލިހުން ޕޮއިންޓު ހޯދި ނަމަވެސް ޑިފެންސުގައި އެ ޓީމު ދިޔައީ ވަރަށް ދަށް ކޮށެވެ. ފުރަތަމަ ސެޓު މިސްކިތްމަގުން ގެންދިޔައީ 25-18 އިންނެވެ.
ދެ ވަނަ ސެޓު ފަށައިގެން ޕޮލިހުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ސެޓު ފަށައިގެން ވަރަށް އެއްވަރުކޮށްދިޔަ ނަމަވެސް ސެޓުގެ މެދުތެރެއިން މިސްކިތްމަގުން ފަސް ޕޮއިންޓުގެ ލީޑެއްނެގި އެވެ. އަދި ސެޓު ނިމެންދެން މިސްކިތްމަގުން ލީޑު ދެމެހެއްޓި އެވެ. މި ސެޓު މިސްކިތްމަގުން 25-21 އިން ގެންދިޔައިރު، ނިރްމަލާ އާއި ޕްރަތީބާގެ އިތުރުން ފާތިމަތު ޖޫޒާން އާއި ހައްވާ ސަހާ ވެސް ރަނގަޅަށް ކުޅުނެވެ.
ތިން ވަނަ ސެޓު ފެށުނު ތަނުން މިސްކިތްމަގުން ރަނގަޅު ލީޑެއް ނެގި އެވެ. އެހެން ނަަމަވެސް ޕޮލިހުން ހިތްވަރާ އެކު ކުޅެ ސެޓުގެ މެދެންހާ ހިސާބުން ލީޑުއަތުލި އެވެ. އަދި މިސްކިތްމަގުން ވެސް ޕޮލިހުން ކުރީގައި އޮއްވައި ފަހަތުން އަރައި ހަމަކުރި އެވެ. އެހެން ނަމަވެސް މުހިއްމު ވަގުތުގައި ޕޮލިހުގެ ހައްވާ ދެއްކި މޮޅު ކުޅުމާ އެކު އެ ޓީމުން ސެޓު ގެންދިޔައީ 24-26 އިންނެވެ. މި ސެޓުގައި ޕޮލިހުގެ ޒައިނަބު ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ހަތަރު ވަނަ ސެޓު ފަށައިގެން އިރުކޮޅެއް ނުވެ އެކުވެނި އިންޑޯ ކޯޓުން ކަރަންޓު ކަނޑައިގެން ދިއުމުން މެޗު މެދުކަނޑާލަން ޖެހުނެވެ. މި ސެޓުގައި ޕޮލިހުގެ ފަރާތުން ތިން ވަނަ ސެޓުގައި ފެނުނު ހިތްވަރު ނުފެނުނެވެ. އެ އަށް ވުރެން މިސްކިތްމަގު ފެނުނީ މާ ވަރުގަދަ ކޮށެވެ. ޕްރަތީބާ އާއި ނިރްމަލާގެ ކާމިޔާބު ޝޮޓްތަކާ އެކު މިސްކިތްމަގުން މި ސެޓު ގެންދިޔައީ ތަފާތު ބޮޑުކޮށެވެ. އެ ޓީމުން މި ސެޓު ގެންދިޔައީ 25-11 އިންނެވެ.
"މިއީ މުޅި ޓީމު އެކަތިގަނޑަކަށް ވެގެން ކުރި މަސައްކަތް. މި ހުރިހާ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުރި ހިތްވަރު. ދެން މިއީ ފުވައްމުލަކު ސިޓީގެ މީހުން ހާއްސަކޮށް މިސްކިތްމަގުގެ އާއިލާތަކުން ވެސް ދިން ސަޕޯޓުން މި ކުޅުންތެރިން ހޯދި ކާމިޔާބެއް،" ފައިނަލް މެޗަށް ފަހު މިސްކިތްމަގުގެ ކޯޗު އިސްމާއިލް ރިފާއު (ޗިޗޫ) ބުންޏެވެ.
ފައިނަލް މެޗު މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިސްކިތްމަގުގެ ޕްރަތިބާ އެވެ. މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް އެ ޓީމުގެ ނިރްމަލާ ހޮވުނުއިރު، އެންމެ މޮޅު ދިވެހި ކުޅުންތެރިއަކީ ހަަމަ އެ ޓީމުގެ ސެޓަރު ޖޫޒާން އެވެ.