މިނިސްޓަރު ޒަމީރު، ނަމަލް ރާޖަޕަކްސާއާ ބައްދަލުކުރައްވައިފި
މިނިސްޓަރު ޒަމީރު، ނަމަލް ރާޖަޕަކްސާއާ ބައްދަލުކުރައްވައިފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނަމަލް ރާޖަޕަކްސާއާ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ބައްދަލުކުރައްވައިފި އެވެ.

މިނިސްޓަރު ޒަމީރު، ނަމަލް ރާޖަޕަކްސާއާ ބައްދަލުކުރައްވައިފި
މިނިސްޓަރު ޒަމީރު، ނަމަލް ރާޖަޕަކްސާއާ ބައްދަލުކުރައްވައިފި

ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަންގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކާ ގުޅޭ ގޮތުން ޒަމީރު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

މި ބައްދަލުވުމާ ގުޅޭ ގޮތުން ނަމަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒަމީރުގެ އިތުރުން ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު)އާ އެކު ފައިދާ ކުރަނިވި މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.

ޒަމީރާއި ނަމަލްގެ ބައްދަލުވުމަށް ފަހު، ޒަމީރު ވަނީ މިއަދު ހެނދުނު މާލެ ވަޑައިގެންފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޒަމީރު، ނަމަލްއާ ބައްދަލުކުރެއްވިއިރު، ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި އެހީތެރިވެ، އެކަމުގެ އަޑީގައި އޮތީ ލަންކާގެ ސަރުކާރު ކަމަށް ވިދާޅުވެ، ޕީޕީއެމްގެ އިސް މެމްބަރަކު ކުރެއްވި ތުހުމަތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ނަމަލް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ތުހުމަތު ކުރެއްވުމާ ގުޅިގެން، ލަންކާގެ ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) ގެ މެމްބަރު ނަމަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ލަންކާ އިން ގައުމެއްގެ ވެރިކަން ވައްޓާލަން ދުވަހަކު ވެސް މަސައްކަތް ނުކުރާ ކަމަށާއި ގައުމުތަކަށް ނުފޫޒު ފޯރުވުމުގެ ސިޔާސަތު އެ ގައުމުން ނުގެންގުޅޭ ކަމަށެވެ.

"އެ ސިޔާސަތު އަދިވެސް ބަދަލު ނުވާކަމަށް އުއްމީދުކުރަން،" ލަންކާގެ ރައީސް ސިރިސޭނާއާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި އެ ގައުމުގެ ބައެއް މިނިިސްޓަރުން ވެސް ޓެގް ކުރައްވައި ކުރެއްވި ޓްވީޓްގައި، އެ ގައުމުގެ އިދިކޮޅު ހަރަކާތުގައި އިސްކޮށް މަސައްކަތް ކުރައްވާ ނަމަލް ވިދާޅުވެފައިވެ އެވެ.