17 ޑިސެމްބަރ 2017 - 05:33

ދެ މީހެއްގެ ލިވާ ޓްރާންސްޕްލާންޓް ކޮށްދިިން ޑޮކްޓަރު އެ އޮޕަރޭޝަން ހިނގަމުންދިޔަ ވަގުތު އޭނާގެ ނަމުގެ ފެށޭ އަކުުރުތައް އެ ލިވާތަކުގައި ކަނޑާ ނެގި ކަމަށް ކޯޓުގައި އެއްބަސް ވެއްޖެ އެވެ.
ބާމިންހަމް ކޯޓުގައި މިދިޔަ ބުދަދުވަހު އޮތް އަޑުއެހުމުގައި އޮޕަރޭޝަން ޑޮކްޓަރު ސައިމަން ބްރެމްހޯލް ވަނީ ދެ ފަހަރެއްގެ މަތިން ދެ ލިވާއެއްގައި އޭނާގެ ނަމުގެ ފެށޭ އަކުރުތައް ލިއުނު ކަމަށް ބުނެފަ އެވެ. މީގެން އެއް ޓްރާންސްޕްލާންޓް ހަދާފައިވަނީ ފެބްރުއަރީ 9، 2013 ގައެވެ. އަނެއް ޓްރާންސްޕްލާންޓް ހެދީ ހަމަ އެ އަހަރުގެ އޮގަސްޓް 21 ވަނަ ދުވަހު އެވެ.
ޑރ. ސައިމަން އަކީ ލިވާ، ސްޕްލީން އަދި ޕެންކްރިއަސްގެ އޮޕަރޭޝަންތައް ކުރާ ވަރަށް މަޝްހޫރު ޑޮކްޓަރެކެވެ. ދެ ލިވާގައި އޭނާގެ ނަމުގެ އަކުރުތަކެއް ކަނޑާނެގީ ލިވާ އޮޕަރޭޝަންތަކުގައި ލޭ މަނާކުރަން ބޭނުންކުރާ އާގަން ބީމް ބޭނުންކޮށްގެންނެވެ. އެކަމަކު އާގަން އިން ލީ މާކްތަކުގެ ސަބަބުން އެ ގުނަވަނުގެ މަސައްކަތަށް އެއްވެސް ގެއްލުމެއް ނުވަތަ ހުރަހެއް ކުރިމަތިވާނެ ކަމަކަށެއް ނުބެލެވެ އެވެ. އަދި އާއްމުކޮށް އެފަދަ ގެއްލުންތައް އޭގެ ޒާތުގައި ވަރަށް އަވަހަށް ފޮހެވިގެން ދެ އެވެ.
އިނގިރޭސި ވިލާތުގެ ބާމިންހަމްގެ ކުއީން އެލިޒަބަތު ހޮސްޕިޓަލުގައި ކޮންސަލްޓަންޓް ސާޖަންއެއްގެ ގޮތުން މަސައްކަތް ކުރެއްވި 53 އަހަރުގެ ޑޮކްޓަރު ވަނީ މި މައްސަލައާ ގުޅިގެން 2013 ގައި ސަސްޕެންޑް ކޮށްފަ އެވެ.
މައްސަލަ ފަޅާއެރީ ސައިމަން އޮޕަރޭޝަންކުރި ބަލިމީހެއްގެ ފޮލޯ-އަޕް ސާޖަރީއެއް ހެދި އެހެން ޑޮކްޓަރަކަށް "އެސްބީ" މި އަކުރުތައް ލިވާގައި އިންތަން ފެނިގެން ރިޕޯޓް ކުރުމުންނެވެ.
މި މައްސަލަ ހޮސްޕިޓަލުން ތަހުގީގުކުރަމުން ދަނިކޮށް ސައިމަން އިސްތިއުފާ ހުށަހެޅި އެވެ. އަދި ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އެއީ ކުރެވުނު ކުށެއް ކަމަށެވެ.
ބަލިމީހުންގެ ހައްގުގައި މަސައްކަތްކުރާ 'ޕޭޝަންޓްސް ކޮންސާން'ގެ ފަރާތުން ވާހަކަ ދެއްކި ޖޯއިސް ރޮބިންސް ބުނީ މި ދައްކަނީ ބަލި މީހެއްގެ ވާހަކަ ކަމަށާއި އޮޓޮގްރާފް ފޮތެއްގެ ވާހަކަ ނޫން ކަމަށެވެ.
ޑރ. ސައިމަން މިހާރު ވަނީ ކަފާލާތުގެ ދަށުން މިނިވަން ކޮށްފަ އެވެ. އަދި މި މައްސަލައިގެ ހުކުމް އިއްވުން އަންނަ ޖެނުއަރީ 12 ގައި އޮންނާނެ އެވެ.
ޑރ. ސައިމަންއާ ދެކޮޅަށް ވަކާލާތުކުރާ ވަކީލު ކޯޓުގައި ބުނީ ހޭނައްތާފައި އޮތް ބަލި މީހަކަށް ގަސްތުގައި އަނިޔާތައް ދީފައިވަނީ ޑޮކްޓަރުގެ އަމިއްލަ އިޚްތިޔާރުގައި ކަމަށް ވާތީ މިއީ އޭނާ ކުށްވެރިވާވަރުގެ އަމަލެއް ކަމަށެވެ. އަދި މި މަންޒަރު އޭނާއާ އެކު މަސައްކަތް ކުރި ބައެއް މީހުންނަށް ފެނިފައިވާ ކަމަށް ވެސް ގާނޫނީ ވަކީލު ބުނެ އެވެ.