17 ޑިސެމްބަރ 2017 - 05:31

ސަލްމާން ޚާންގެ ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމިހާ އަޔޫޝް ޝަރުމާ ބޮލީވުޑަށް ތައާރަފްވާ ފިލްމު އިއުލާން ކޮށްފި އެވެ. މި ފިލްމު އިއުލާންކުރީ ސަލްމާން ކުރި ޓުވީޓެއްގަ އެވެ.
ސަލްމާން ޚާންގެ އެސްކޭ ފިލްމްސް އިން ޕްރޮޑިއުސްކުރާ އަދި އަބީރާޖް މީނާވާލާ ޑައިރެކްޓްކުރާ ފިލްމަށް ކިޔަނީ "ލަވްރަޓްރީ" އެވެ.
ފިލްމުގެ ބަތަލާ އާއި އިތުރު ތަރިން އަދި ފިލްމާ ގުޅޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ސަލްމާން ބުންޏެވެ.
ލޯބީގެ ވާހަކައަކަށް ތައްޔާރުކުރާ މި ފިލްމުގެ ޝޫޓިން ފަށަނީ އަންނަ އަހަރުގެ ފެބްރުއަރީގަ އެވެ.
ސަލްމާނަކީ އަލަށް ފިލްމީ މައިދާނަށް ނުކުންނަ މީހުންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދޭ އެކްޓަރެކެވެ. ވަރަށް ގިނަ ޑައިރެކްޓަރުންނާއި މިިއުޒިކް ޑައިރެކްޓަރުންނަށް އަދި ލަވަކިޔުންތެރިންނާއި އެކްޓަރުން ވެސް ސަލްމާން ވަނީ ފިލްމު އިންޑަސްޓްރީއަށް ތައާރަފްކޮށްދީފަ އެވެ.
ސަލްމާންގެ އެހީތެރިކަމުގައި ބޮލީވުޑް ނުކުތް ޑައިރެކްޓަރުންގެ ތެރޭގައި މިހާރުގެ ވަރަށް މަޝްހޫރު ޑައިރެކްޓަރެއް ކަމަށްވާ ސަންޖޭ ލީލާ ބާންސާލީ ހިމެނެ އެވެ. ބާންސާލީގެ ފުރަތަމަ ފިލްމަކީ ސަލްމާނާއި މަނީޝާ ކޮއިރާލާ ލީޑް ރޯލު ކުޅުނު "ޚާމޯޝީ" އެވެ.
މިއުޒިކް ޑައިރެކްޓަރުން ކަމަށްވާ ސާޖިދު-ވާޖިދު އާއި ހިމޭޝް ރޭޝަމްޔާ އަކީ ވެސް ސަލްމާން ތައާރަފް ކޮށްދިން ބައެކެވެ.
ފިލްމީ ތަރިންގެ ތެރެއިން ސޮނާކްޝީ ސިންހާ، ކެޓުރީނާ ކައިފް، ޒަރީން ޚާން، ޑެއިޒީ ޝާހް، އަރްޖުން ކަޕޫރު، އަތިޔާ ޝެޓީ އަދި ސޫރަޖް ޕަންޗޯލީ އަށް ފުރުސަތު ތަނަވަސް ކޮށްދިނީ ވެސް ސަލްމާނެވެ.
ސަލްމާންގެ ޅިޔަނު އަޔޫޝް އަކީ ވަރަށް ކުރިއްސުރެ ފިލްމު ކުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ޒުވާނެކެވެ. ފިލްމު ކުޅެން ފަށަން ތައްޔާރުވުމުގެ ގޮތުން އެކްޓިން ދަސްކޮށް ހަށިގަނޑު ރީއްޗަށް ބައްޓަން ކުރުމުގެ މަސައްކަތް އަޔޫޝް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.