17 ޑިސެމްބަރ 2017 - 05:32

މިފަހަރުގެ އޮސްކާއަށް ފޮރިން ލޭންގްއޭޖް ބައިން އިންޑިޔާ އިން ހުށަހެޅި އަމިތު މަސުރްކާރްގެ "ނިއުޓަން" ނޮމިނޭޓް ނުވުމުން މާޔޫސްކަން އުފެދިއްޖެ އެވެ. "ނިއުޓަން" އަކީ އޮސްކާއަށް ވާދަކުރެވޭ ވަރުގެ ފިލްމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އެކްޓަރު ރާޖްކުމާރު ރާއޯ ދައްކާފައިވަނީ، ބައެއް މީހުން ބުނާ ގޮތުގައި، އެވޯޑު ހައްގު ޕާފޯމަންސެކެވެ. އެހެންވެ ފިލްމު ނޮމިނޭޓް ވާނެ ކަމަށް ގިނަ ބަޔަކު ތިބީ އުންމީދު ކޮށްގެންނެވެ. އެންމެ ކުޑަވެގެން އެންމެ މޮޅު ފަސް ފިލްމުގެ ތެރޭގައި މި ފިލްމު ހިމެނޭނެކަމަށް ގަބޫލުކުރެވުނެވެ. ނަމަވެސް ފައިނަލް ނުވަ ފިލްމުގެ ތެރޭގައި ވެސް ނުހިމެނި އޮސްކާ ރޭހުން ވަނީ ބޭރުވެފަ އެވެ.
މިއީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ އިންޑިޔާގެ އިންތިޚާބުތަކާ ގުޅޭޭ އަނދިރި ފަރާތް ދައްކައިދޭ ސޯޝަލް ކޮމެޑީއެކެވެ. ނިއުޓަން ނުވަތަ ނޫޓަން ކުމާރު އަކީ އިންތިޚާބުގެ ކަންތައްތަކުގައި އުޅޭ އޮފިސަރެކެވެ.
އިންޑިޔާއިން މިދިޔަ އަހަރު އޮސްކާއަށް ފޮނުވީ މަރާޓީ ފިލްމެއް ކަމަށްވާ "ކޯޓް" އެވެ. އެ ފިލްމަށް ވެސް ކުރިމަތިވީ ބޮޑު ނާކާމިޔާބެކެވެ.
ފޮރިން ލޭންގްއޭޖް ފިލްމްސް ކެޓަގަރީން އޮސްކާއަށް ނޮމިނޭޓްވި ނުވަ ފިލްމު މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ އިއުލާންކޮށްފަ އެވެ.
އޮސްކާގެ އެވޯޑުގައި އިންޑިޔާއިން ކޮންމެ އަހަރަކު ވެސް ފިލްމުތައް ބައިވެރި ކުރެ އެވެ. ނަމަވެސް އެންމެ މޮޅު ފަސް ފިލްމުގެ ތެރޭގައި ނޮމިނޭޓް ވެފައިވަނީ މަދު ފަހަރަކު އެވެ. ޓޮޕް ފަހެއްގައި މިހާތަނަށް ހިމެނުނީ "މަދާ އިންޑިޔާ"، "ސަލާމް ބޮމްބޭ" އަދި އާމިރު ޚާންގެ "ލަގާން" އެވެ. ނަމަވެސް މީގެ އެއްވެސް ފިލްމަކަށް އެވޯޑެއް ނުލިބެ އެވެ.
"ނިއުޓަން" އަކީ 2001 ގައި ނުކުތް އީރާން ފިލްމު "ސީކްރެޓް ބެލޮޓް"ގެ ކޮޕީއެއް ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް "ނިއުޓަން" އުފެއްދި ފަރާތުން އެ ވާހަކަތައް ވަނީ ދޮގުކޮށްފަ އެވެ.