11 ޖުލައި 2016 - 06:10

ކޮންމެ މީހެއްގެ ވެސް ބަލިފައެއް ހުރެ އެވެ. އެކަން ހޯދިއްޖެ ނަމަ އެމީހަކަށް ކޮންމެ ކަހަލަ ގެއްލުމެއް ވެސް ދެވިދާނެ އެވެ. އަދި އެއީ އެމީހެއްގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހޭ ފަދަ ކަމަކަށް ވުން ކައިރި އެވެ.
އޭނާގެ ބަލިފަޔާ ބެހޭ ގޮތުން މަޝްވަރާކޮށް، ހަދާނެ ގޮތެއް ނިންމަން އިންސާފުގެ ޗެމްބަރުގައި ތިން އެކުވެރިން ދެ މަސް ހޭދަކުރި އެވެ. އޭނާގެ ޒާތީ ދިރިއުޅުމެވެ. ވަގުތު ހޭދަކުރާ ގޮތެވެ. ގާތް އެކުވެރިންނެވެ. ދަތުރުތަކެވެ. ބޭރުގެ އެކި މީހުންނާ އޮންނަ ގުޅުމެވެ. ބޭރަށް ގޮސް ހުންނަ ހޮޓާތަކެވެ. އެ ހޮޓާތަކުގެ ސަލާމަތީ ކަންކަމެވެ. މާލޭގައި ހުރި އޭނާގެ ގޭގެ އާއި އެ ގޭގައި ގެންގުޅޭ ނޯކަރުންނެވެ. މީހުން ވަދެ އުޅޭ ގަޑިތަކާއި އޭނާ އެކަނި ހޭދަކުރާ ވަގުތުތަކެވެ. ބޭރަށް ދާއިރު ކާރު ބޭނުންކުރާ ގޮތާއި ކާރު ޑްރައިވަރުގެ މައުލޫމާތެވެ.
ރާއްޖޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ މީހަކަށް ވާތީ އޭނާއާ ހިސާބަށް ވާސިލްވުމަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހަ ކަމެއް ނޫނެވެ. އަދި ކޮންމެ ކޮންމެ މީހަކާ އޭނާ ބައްދަލެއް ވެސް ނުކުރެ އެވެ. އޭނާގެ އާއިލީ ގެއަކާއި ހަމައެކަނި އޭނާގެ ބައްދަލުވުންތައް ބާއްވާ ގެއެއް ހުރެ އެވެ. ގިނަ ވަގުތު ހޭދަކުރަނީ އެ ގޭގަ އެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި އެއީ ރާއްޖޭގެ މާލީ ބާޒާރު، ޓޫރިޒަމްގެ ތަރައްގީ، ސިޔާސީ ދާއިރާގައި އޭނާގެ ބާރު ދަމަހައްޓާނެ ގޮތްގޮތާ މެދު ވާހަކަ ދައްކާ ގެ އެވެ. އެކި ގަޑިތަކުގައި، ނުފޫޒު ގަދަ އެކި މީހުން އެގެއަށް ވަދެ އުޅެ އެވެ.
އޭނާއާ ހަމައަށް ދެވޭނެ އޮތީ އެންމެ ގޮތެއް ކަމަށް ފާތިރާއި ޒަވީން އާއި ނާވިޝް އަށް ވިސްނުނެވެ. އެކަން ހަމަޖައްސަން ނާވިޝް ދިޔައީ އާދައިގެ ގައުމަކަށް ނޫނެވެ؛ އެމެރިކާ އަށެވެ.
ފުލުހުންގެ ވަރަށް މަތީ ކޯސްތައް އެމެރިކާގައި އޭނާ ވަނީ ފުރިހަމަކޮށްފަ އެވެ. އޭނާ އެމެރިކާގައި ހޭދަކުރި ހަތަރު އަހަރު ތެރޭގައި ހަމައެކަނި ދަސްކުރީ ރަސްމީކޮށް ހިންގާ ތަހުގީގުތަކާ ބެހޭ ކަންކަމެއް ނޫނެވެ. އަމިއްލަ ގޮތުން ތަހުގީގުކުރާ ތަޖުރިބާކާރުންނާއި ރަސްމީ ފަރާތްތަކާ ނުބެހި ވަރަށް ސިއްރުން އެކި ތަހުގީގު ކުރިއަށް ގެންދާ ވަރަށް މޮޅެތި މީހުންނާ ވެސް އޭނާ ބައްދަލުވި އެވެ. އޭގެ ތެރެއިން ބައެއް ތަޖުރިބާކާރުންގެ އެންމެ ރަނގަޅު ސިފަޔަކީ ސިއްރު ހިފެހެއްޓުމެވެ. ވަކި ކަމެއް ކުރަން މޮޅެތި ރޭވުންތައް ރާވައި، އެކަމުގައި ބޭނުންކުރާނެ މީހުން ވެސް ހޯދައިދެ އެވެ. ވަގު ޕާސްޕޯޓްތަކުގައި، ނުބައި ނަންނަމުގައި ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކުރުމުގެ އިންތިޒާމް ވެސް ހަމަޖައްސައިދެ އެވެ.
ބޭނުންވަނީ ފައިސާ އެވެ. ފާތިރަކީ މުއްސަންޖެކެވެ.
އޭނާގެ ނަމަކީ އިބްރާހިމް އަހުމަދެވެ. މުޅި ރާއްޖެ އަށް މަޝްހޫރުވެފައި އޮންނަނީ ނަލަ އިބްރާހިމްގެ ގޮތުގަ އެވެ. އެ ވަނަން ކިޔަނީ އޭނާ ހެދުން އަޅާލެއް ރީތިކަމާއި އަބަދުވެސް ނަލަކޮށް ހުންނާތީ އެވެ. އިސްކޮޅުގައި ހަ ފޫޓެވެ. ތުނި ހަށިގަނޑެކެވެ. ގިނައިން ހުންނަނީ އަތް ދިގު ގަމީހާއި ޖިންސު ލައި ބެގީކޮށްގެންނެވެ. އަތުގައި އަބަދުވެސް ރަން ކުލައިގެ މޮޅު ގަޑިއެއް އޮވެ އެވެ.
ރެބޭކާ އެޑަމްސް ރާއްޖެ އައުމުގެ ހުރިހާ ހޭދައެއް ކުރީ ނަލަ އިބްރާހިމެވެ. ފޭސްބުކުން ރެބޭކާގެ ރިކްއެސްޓް ފޮނުވާލިތާ މާ ގިނަ އިރެއް ނުވެ އެޑްކުރި އެވެ. އުމުރުން ދުވަސް ވީ ރާއްޖޭގެ އެހެން މަހުޖަނުންނަށް ވުރެ ނަލަ އިބްރާހިމްގެ ސޯޝަލް މީޑިއާގެ ހަރަކާތްތައް އުޅެނީ ކުރީގަ އެވެ.
ރެބޭކާގެ ރީތި ހަށިގަނޑާއި ހަނދާނުން ފޮހެނުލެވޭ ފަދަ ހިތްގައިމު މޫނު ފެނިފައި، ނަލަ އިބްރާހިމް ގުޅުން އޮތް އެހެން ކުދިންގެ މަތިން އޭނާ ވަގުތުން ފޫހިކޮށްލި އެވެ. ރެބޭކާ އަކީ އާދައިގެ އަންހެނަކަށް ނުވި އެވެ. އޭނާގެ ރީތިކަމާ އެއްވަރަށް އޭނާގެ އަގެއް ވެސް ހުއްޓެވެ. އެކަމަކު އެ އަގަކީ ނަލަ އިބްރާހިމަށް ކޮންމެ 20 މިނިޓަކުން ލިބޭ އާމްދަނީ އެވެ. އެހެންކަމުން އެމެރިކާގެ ލޮސް އެންޖަލިސްގެ މި ރީތި، 22 އަހަރުގެ، އަންހެން ކުއްޖާ މަހެއްހާ ދުވަހު ރާއްޖޭގައި ބަހައްޓައި، ނަލަ އިބްރާހިމްގެ ހިތްއުފާކޮށްލުމަކީ އާދައިގެ މީހަކަށް އޭޓީއެމުން ފަންސާސް ރުފިޔާ ނެގުން ކަހަލަ ކަމެކެވެ.
ރެބޭކާ ރާއްޖެ އައިސް ހުރީ އިބްރާހިމްގެ އެންމެ ރީތި ރިސޯޓްގަ އެވެ. އިބްރާހިމްގެ ހާއްސަ ވިލާގަ އެވެ. ބޭރު ކުދިން އެ ވިލާގައި ޗުއްޓީ ހޭދަކުރުމަކީ ރިސޯޓްގެ މުވައްޒަފުންނަށް އާ ކަމެއް ނޫނެވެ. އެއީ ދޭތެރެ ދޭތެރެއިން އިބްރާހިމްގެ ދިރިއުޅުމުގެ އާދައަކަށް ވެފައި އޮންނަ ކަމެކެވެ.
ރިސޯޓްގައި ދެ ހަފުތާ ހޭދަކުރި އިރު ވެސް ރެބޭކާގެ މަތިން އިބްރާހިމް ފޫހިވާ ގޮތެއް ނުވި އެވެ. މިއީ ވަގުތީ ކަމެއް ނަމަވެސް އޭނާގެ ހިތުގައި މި އަންހެން ކުއްޖާއާ މެދު އުފެދެމުން ދިޔައީ އާދަޔާ ޚިލާފު އިހުސާސްތަކެކެވެ. މިކަހަލަ އަންހެން ކުދިން ދެކެ ލޯބިވެއޭ ދުވަހަކު ވެސް އިބްރާހިމްގެ ހިތަށް އަރާފައެއް ނުވެ އެވެ. އޭނާގެ ހަމައެކަނި ނިޔަތަކަށް އޮންނަނީ ވަގުތީ އުފަލެވެ. އެއީ ބުނި އަގެއް ދީފައި އޭނާ ގަންނަ އުފަލެކެވެ. އެކަން ދާއިމީ ކަމަކަށް ދުވަހަކު ވެސް ބަދަލެއް ނުވާނެ އެވެ.
އެކަމަކު ރެބޭކާ މުޅިން ތަފާތެވެ. އޭނާ އުޅުނީ ލޯބިވެރިން އުޅޭ ގޮތަށެވެ. ދެ މީހުންގެ އުމުރުގައި 40 އަހަރުގެ ދުރުމިނެއް ހުއްޓަސް އެކަން ފާހަގައެއް ނުވެ އެވެ. އޭނާގެ ވާހަކަ ދެއްކުމުގައި ހުރި ހިތްދަމައިގަންނަ ގޮތާއި އަޅާލުމުގެ އިހުސާސްތަކާއި ހިނިތުންވުން އިބްރާހިމަށް ނެގުނީ، ހަޔާތުގެ ބައިވެރިޔާގެ ކިބާގައި ހުންނަން ޖެހޭ ޝަރުތުތަކެއްގެ ގޮތުގަ އެވެ. ގިނަ ވަގުތު ރެބޭކާ ކައިރީގައި އުޅޭ ހިތްވި އެވެ. އޭނާއާ ސަމާސާކުރަން ފެށި އެވެ. އިރު އަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރު އެކުގައި ބަލަމުން ދިޔަ އެވެ. ހެނދުނު ސައިގެ އިތުރުން ރިސޯޓްގެ އެކި ރެސްޓޯރެންޓްތަކުގައި މެންދުރާއި ރޭގަނޑު ކެއުން ދެ މީހުން އެކުގައި ކާން ފެށި އެވެ.
އެއީ އާދައިގެ ގުޅުމެއް ނޫނެވެ. ތިން ވަނަ ހަފުތާ ނިމެމުން ދިޔަ އިރު އިބްރާހިމްގެ ވިސްނުމަށް އަރާ ފައިބަމުން ދިޔަ ޚިޔާލަކީ އަދިވެސް ރެބޭކާ ބަހައްޓަންވީ އެވެ. މިއީ އެހާ ފަސޭހައިން ދޫކޮށްލެވޭނެ ކުއްޖެއް ނޫނެވެ. ފައިސާ ހޭދަކުރަނީ އުފަލަކަށެވެ. ރެބޭކާ ގެނެސްދެނީ އުފަލެވެ. ދަތުރު ޓިކެޓާއި ހުރުމުގެ ޚަރަދުތައް ފިޔަވައި ހަމައެކަނި އޭނާގެ ހަށިގަނޑުގެ އަގަކަށް މަހަކަށް ދައްކަން ޖެހުނު 100،000 ޑޮލަރަކީ، އިބްރާހިމަށް ވިސްނުނު ގޮތުގައި، ހަމަ ވަރަށް ކުޑަ އަގެކެވެ.
އަންހެނަކަށް މީހެއްގެ ހިތް ލެނބޭނީ އެވަރަށެވެ.
އިބްރާހިމްގެ ފަރާތުން ފެނުނު ހަމައެކަނި ބަލި ފަޔަކީ އެ އެވެ.
ފާތިރުމެން އިންތިޒާރު ކުރަމުން ދިޔައީ ރެބޭކާ މާލެ ގެންނާނެ ވަގުތަކަށެވެ.
ވެރިރަށާ ބެހޭ ގޮތުން ރެބޭކާ ލައްކަ ވާހަކަ އިބްރާހިމާ ދެއްކި އެވެ. ރިސޯޓްގައި އަބަދު އުޅެނީ މާލެ ދެކެ ފޫހިވާތީތޯ ސުވާލުކުރި އެވެ. މާލޭގައި އޭނާގެ ރީތި ގެތައް ހުންނާނެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް ރެބޭކާ ބުންޏެވެ. ނަލަ އިބްރާހިމްގެ ކިބާގައި ދެއްކުންތެރިކަމުގެ ބައި ވެސް ވަރަށް ބޮޑެވެ. އެހެންކަމުން އެންމެ ފަހުން އިބްރާހިމް ބޭނުންވީ މާލެ އަށް ވެސް ރެބޭކާ ގެންދާށެވެ. ދުވަސްކޮޅަކު އޭނާގެ ގޭގައި، ހަމައެކަނި ދެ މީހުން، ވަގުތުތަކެއް ހޭދަކުރާށެވެ.
އެ ގޭގެ ހުރިހާ ކަމެއް ބަލަހައްޓަން ލާފައި ހުންނަނީ ނޭޕާލު މީހެއް ކަމަށްވާ ސަންޖޭ އެވެ. އިބްރާހިމްގެ ވަޒީފާގައި އުޅޭތާ 20 އަހަރު ވެއްޖެ އެވެ. އިބްރާހިމްގެ ކާރު ދުއްވުމާއި ގެއަށް ބޭނުންވާ ސާމާނު ހޯދުމާއި ގޭ ފޯނަށް ޖަވާބު ދިނުން ފަދަ ހުރިހާ ކަމެއްގެ ޒިންމާ ނަގަނީ އޭނާ އެވެ.
ރެބޭކާ ގޮވައިގެން އިބްރާހިމް އެއް ރޭ މާލެ އައި ވަގުތު ބީއެމްޑަބްލިޔޫ ކާރު އޮތީ އެއް ނަންބަރު ފާލަން ކައިރީގަ އެވެ. އިބްރާހިމްގެ އެދުމަށް ސަންޖޭ މިސްރާބު ޖެހީ މާލޭ/ހުޅުލޭ ބްރިޖާ ދިމާއަށެވެ. އިބްރާހިމް ބޭނުންވީ ރޭގަނޑުގެ އެ ވަގުތު ބްރިޖްގެ ހިތްގައިމުކަން ރެބޭކާ އަށް ދައްކާލާށެވެ. ބްރިޖް ހުރަސްކޮށް ކުރި ކާރުގެ ބުރު ނިންމާލީ ހުޅުމާލެ ވެސް ދައްކާލުމަށް ފަހު އެވެ.
އިބްރާހިމްގެ ރީތި ގެއަށް ވަދެ، ބޮޑެތި ސޯފާތަކާއި ލަކުޑީގެ އަގުބޮޑު އަދި ހިތްގައިމު ވަޑާމުގެ މަސައްކަތް ފެނިފައި ރެބޭކާ އަށް ގަބޫލެއް ވެސް ނުކުރެވުނެވެ. މިއީ މުއްސަނދިކަމުގެ އިންތިހާއޭ އޭނާގެ ހިތަށްއެރި އެވެ. އޭނާ މަޑުމަޑުން ހިނގާފައި ދިޔައީ ބިޔަ ޓީވީ ކައިރީގައި ބަހައްޓާފައި ހުރި މާތަކަކާ ދިމާއަށެވެ. އެ މާތައް ހުރީ އޭނާ ދުވަހަކު ވެސް ނުދެކޭ ފަދަ ހިތްގައިމު، ދިގު ޖާއެއްގަ އެވެ. އެ ހަދާފައި ހުރީ ކޮން ކަހަލަ މައުދަނަކުން ކަމެއް ނޭނގެ އެވެ. އޭނާ އަށް ވިސްނުނީ ނުލާއި ހުދުގެ އެ ޖާގެ އަގު، އެތައް ހާސް ޑޮލަރަކަށް އަރާނެ ކަމެވެ.
ފޮރުވިފައި އޮތް ކުޅިގަނޑެއްގެ މެދުގައި އޭނާ ނެތް ނަމަ މި ދަތުރުގެ ތަޖުރިބާ މުޅިން ތަފާތުވީސްކަން ޔަގީންވި އެވެ. އެކަމަކު އޭނާ އަކީ ޕްރޮފެޝަނަލް މީހެކެވެ. ޖަޒުބާތުގައި ޖެހި، އޭނާގެ މިސްރާބު އޮޅިގެންނެއް ނުދާނެ އެވެ. އެހެންކަމުން ލޯ މަތިން ފެންނަ ހަގީގަތްތަކާއި އޭނާ އަށް ކުރަން ޖެހިފައި އޮތް މަސައްކަތް މަސްހުނިވިޔަކަ ނުދިނެވެ. އޭނާ އެނބުރިލި އިރު ކައިރީގައި، ހިނިތުންވެފައި ހުރީ، އިބްރާހިމެވެ.
"ޓީވީ ހުޅުވަންވީތަ؟" އިބްރާހިމް އަހާލި އެވެ.
"ނޫން، މި މާތައް ރީތިވީމާ ކައިރިން ބަލައިލީ،" އިބްރާހިމްގެ ދެ އަތުގައި ލޯބިން ހިފާ ބާރުކޮށްލަމުން ރެބޭކާ ބުންޏެވެ.
"ކޮޓަރި އަށް ދަމާ،" ސިޑިއާ ދިމާއަށް އެނބުރެމުން އިބްރާހިމް ބުންޏެވެ.
ގޭގެ ރީތި ވާހަކަ ދައްކަމުން އިބްރާހިމާ އެކު ގޮސް މަތީ ބުރިއަށް އަރާ، އިބްރާހިމްގެ ނިދާ ކޮޓަރި އަށް ވަނެވެ.
އިންސާފުގެ ޗެމްބަރު ތެރޭގައި ތިން މީހުން ތިބި އިރު، ރެބޭކާ އާއި އިބްރާހިމްގެ އަޑު އެ މީހުންނަށް ރަނގަޅަށް އިވެމުން ދިޔަ އެވެ.
"ކައުންޓް ޑައުން ފެށުނީ. ލަސްވެގެން މާދަމާ ރޭ،" ފާތިރު ބުނެލި އެވެ.
"ކާމިޔާބު ވާން މި އުޅެނީ ހަ މަސް ދުވަހުގެ މަސައްކަތް،" ޒަވީން އަށް ބުނެވުނެވެ. (ނުނިމޭ)