16 ޑިސެމްބަރ 2017 - 11:46

މެންޗެސްޓާ (ޑިސެމްބަރު 16) - ޖެހިޖެހިގެން 15 މެޗުން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ ރެކޯޑެއް ހަދައިފައިވީ ނަމަވެސް އަދި މެންޗެސްޓާ ސިޓީ އަށް އޭނާ އެންމެ ބޭނުންވާ ވަރުގެ ކުޅުމެއް ނުދެއްކޭ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މިރޭ އަމިއްލަ ދަނޑުގައި ސިޓީ ނުކުންނާނީ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ. މި މެޗުން ސިޓީ މޮޅުވެއްޖެނަމަ 2010-2011 ވަނަ އަހަރު ބާސެލޯނާގައި ހުރެ ގާޑިއޯލާ އެ ޓީމާ އެކު ޖެހިޖެހިގެން 16 މެޗުން މޮޅުވެގެން ހެދި ރެކޯޑާ ހަމަކުރެވޭނެ އެވެ. ގާޑިއޯލާ ބުނީ މިއީ ތަފާތު ދެ މަސައްކަތް ކަމަށެވެ.
"ސިޓީގައި އަހަރެން މި ކުރަނީ ތަފާތު މަސައްކަތެއް. ބާސެލޯނާގައި ހުރި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ (މެސީ) އެކަމަކު ސިޓީގައި އަހަރެން މި ކުރަނީ ޓީމެއް އެކުލަވާލައިގެން ކުރާ މަސައްކަތެއް. އަހަރެންގެ ނަޒަރުގައި މި ޓީމު އަދި މިއަށް ވުރެ މޮޅަށް ކުޅޭނެ. އަސްލު އެންމެ މަތީ ފެންވަރުގައެއް ނޫން މިހާރު އެ ކުޅެނީ،" ގާޑިއޯލާ ބުންޏެވެ.
އޭނާ ވަނީ މިރޭގެ މެޗުގެ ކުރިން ޓޮޓެންހަމަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.
"އަހަރެންގެ ނަޒަރުގައި ޗެލްސީ އާއި ޓޮޓެންހަމަކީ އިދިކޮޅަށް ކޮންމެ ޓީމެއް ނުކުތަސް އެ މީހުން ކުޅޭ ވައްޓަފާޅި އަށް ބަދަލެއް ނުގެނެސް އަމިއްލަ ވަންތަކަމާ އެކީ ކުޅެން މަސައްކަތް ކުރާ ދެ ޓީމު. މި ގޮތަށް ބަލާއިރު ޓޮޓެންހަމް އެ ވިސްނުމުގައި ހޯދާ ކުރި އެރުން އެބަފެނޭ،" ގާޑިއޯލާ ބުންޏެވެ.
މިރޭގެ މެޗު ހާއްސަވާނެ އެއް ކުޅުންތެރިއަކީ މި ސީޒަން ފެށުމުގެ ކުރިން ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށް ސިޓީ އަށް 52 މިލިއަން ޕައުންޑަށް ބަދަލުވި އިންގްލެންޑުގެ ފުލްބެކް ކައިލް ވޯކާ އަށެވެ. ސިޓީ އަށް ބަދަލުވުމަށް ފަހު މިހާތަނަށް ވޯކާ ވަނީ އެ ޓީމަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.
"ފިޒިކަލީ ބަލާއިރު ވޯކާ އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފުލްބެކް. އޭނާ ރަނގަޅު ކުރަން ޖެެހެނީ ވިސްނުން ތެރިކަމާ އެކު ކުޅުމުގެ ބައި. އޭނާގެ އުމުރުން 28 އަހަރު. މިހާރު އެ ދައްކާ ކުޅުން 30 އަހަރުން މައްޗަށް ދިޔައީމަ ދައްކަން ބޭނުންނަމަ އޭނާ ވިސްނުން ބަދަލުކުރަން ޖެހޭ،" ގާޑިއޯލާ ބުންޏެވެ.
މި ސީޒަނުގެ ފުރަތަމަ މެޗުތަކުގައި ގާޑިއޯލާ ވަނީ ޓޮޓެންހަމަށް ނިސްބަތްކޮށް "ދި ހެރީ ކޭން ޓީމް" މިހެން ބުނެފަ އެވެ. މިރޭގެ މެޗުގެ ކުރިން ނޫސްވެރިއަކު ކޭންއާ ގުޅޭގޮތުން ސުވާލުކުރުމުން ގާޑިއޯލާ ބުނީ ކޮންމެ ޓީމެއްގައި ވެސް އެއް ކުޅުންތެރިއަކު ހާއްސަ ވާނެ ކަމަށެވެ.
ސިޓީ އާއި ޓޮޓެންހަމް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 22:30 ގަ އެވެ.