20 ޑިސެމްބަރ 2017 - 10:35

ދިވެހިންނަށް، ޚިތާނުކުރުމަކީ އުފާފާޅުކުރުމުގެ މުނާސަބަތެކެވެ. ގޭތެރެ ޒީނަތްތެރިކޮށް ކެއިންބުއިމާއި ލަވަ އާއި ނެށުމުގެ ތެރެއިން ފާހަގަކުރާ މަޖަލެކެވެ. އެކަމާ ހެދި އުނދަގޫވޭ ހެއްޔެވެ؟
ސަގާފީ ކަމަކަށް ވެފައިވާ ޚިތާނު ޕާޓީތަކުގެ އެންމެ އާއްމު އެއް ކަމަކީ ރޭގަނޑު ގޭގޭގައި އެ އޮންނަ މިއުޒިކްގެ ހަރަކާތްތަކެވެ. ބޮޑުބެރު ގްރޫޕްތައް ގެ އަށް ގެންގޮސްގެން ބޮޑުބެރު ޖަހައި ނެށުމަކީ މި މަޖަލުގެ އެންމެ ފޯރިގަދަ އަދި އެންމެ މުހިއްމު ބަ އެވެ. ބޭންޑުތަކާއި ލަވަކިޔާ މީހުންނާއި ނަށާ މީހުންގެ ޑިމާންޑް ވެސް އެންމެ ބޮޑުވެގެންދާ އެއް ދަނޑިވަޅަކީ ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް، އަހަރުގެ ފަހުކޮޅު މި އަންނަ، ޚިތާނު މޫސުމެވެ. އަމިއްލަ އަށް ލަވަކިޔުމުގެ ކަރެއޯކޭތަކުގެ ފޯރި ވެސް ވަކިން ކުޑައެއް ނޫނެވެ.
މިއީ އެއް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ކަމަކަށް ވިޔަސް އަނެއް ބަޔަކަށް ބޮޑު އުނދަގުލެކެވެ. ރޭގަނޑު ދަންވަރަށް އަޅާލާ އިރު ވެސް ޚިތާނު ޕާޓީތަކުގެ އަޑު ކަނޑައިގެން ނުދާތީ މި ފަހަރު ވެސް ބައެއް މީހުން ތިބީ ރުޅިގަދަވެފަ އެވެ. އަޑު ގަދަވެގެން ބައެއް މީހުން ފުލުހުންނަށް ގުޅައި ޝަކުވާ ކޮށްފައި ވެސް ވެ އެވެ.
"ޚިތާނުކުރީމަ މިހާ ބޮޑެތި ޕާޓީތަކެއް ބާއްވަން ޖެހޭ ސަބަބެއް އަހަންނަކަށް ދުވަހަކު ވެސް ނުވިސްނުނު،" އެފަދަ އެކަކު ޓުވިޓާގައި ޚިޔާލު ފާޅުކުރި އެވެ.
ބައެއް މީހުންގެ ވިސްނުން މި ގޮތަށް ހުއްޓަސް، ޚިތާނުކުރުމުގެ އުފާފާޅުކުރުމަކީ ދިވެހިން އަދިވެސް ވަކިވާން ބޭނުން ނުވާ ސަގާފަތެކެވެ. ބޮޑެތި ޚަރަދުތައް ކޮށްގެން ޕާޓީ ބޭއްވުމަކީ ގިނަ ބައެއްގެ އުފަލެކެވެ. އެއާ އެކު އުފެދޭ ވިޔަފާރީގެ ފުރުސަތުތައް ވެސް ގިނަ އެވެ. ކުރެހުންތެރިންނާއި މިއުޒީޝަނުންނާއި ލަވަކިޔުންތެރިންނާއި ނެށުންތެރިންނާއި ބެރުވެރިންނަށް މިއީ ރަނުގެ މޫސުމެކެވެ. ޚިތާނު ޕާޓީތަކަށް ޒީނަތްތެރިކުރަން ބޭނުންވާ ސާމާނު ވިއްކުމަކީ ރަނގަޅު ވިޔަފާރިއެކެވެ. ކުއްޖާ ބާއްވާ އެނދުގައި އަޅާ އެއްޗެހި ހަދައިގެން ވިއްކާ މީހުން ވެސް އުޅެ އެވެ. އޯޑަރަށް ކާއެއްޗެހި ހަދައިދޭ މީހުންނަށް ވެސް އިތުރު ޑިމާންޑެއް ލިބެ އެވެ.
ފާރުތަކުގައި ކާޓޫން ކުރަހައި ކުލަބޮތްކާއި އެހެނިހެން ސާމާނުން ގޭތެރެ ދިއްލާލާފައި އޮންނަ އިރު ޚިތާނުކުރި ކުއްޖާ އޮންނާނީ ހަމަ އެހާ ބޮޑަށް ޖަރީކޮށްފައިވާ އެނދެއްގަ އެވެ. އޭނާގެ ނިޔަފަތީގައި އެޅި ހީނާފަތުގެ ކުލައިން ފެށިގެން ގައިގައި އަޅައިފައި އޮންނަ ފޮތިގަނޑާ ހަމައަށް، ހުރިހާ އެއްޗަކުން ވެސް ރަމްޒުކޮށްދޭނީ ޚާއްސަ މުނާސަބަތެކެވެ. އެ އުފަލުގައި ބައިވެރިވެ ކައިބޮއެ ހަދަން ގެ އަށް އަންނަ ގާތްތިމާގެ މީހުން އޭނާ އަށް ހަދިޔާ ގެންނާނެ އެވެ.
އެކަމަކު ބައިންދައިގެން އުޅޭ ކުއްޖާ އަށް މި ޕާޓީތަކުން މާ ބޮޑު އުފަލެއް ހާސިލްވޭތޯ އެއީ ބައެއް މީހުންގެ ސުވާލެކެވެ.
ފޭސްބުކްގައި ޚިޔާލުފާޅުކުރި މީހަކު މަލާމާތުގެ ރާގަކަށް ލިޔުނު ޕޯސްޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ކުއްޖަކު ޚިތާނުކުރުމުގެ އުފަލުގައި، އޭނާ "ދުވަހަކު ލޮލަށް ވެސް ނުދެކޭ ބަޔަކަށް ދައުވަތު ދީގެން ގެ އަށް ގެނައުން" އެއީ އޭނާ އަށް ހިތްހަމަޖެހުން ލިބޭނެ ކަމެއް ނޫނެވެ. ޚިތާނު ޕާޓީއެއް ސިފަކޮށްދެމުން އޭނާ ބުނީ "ސްރީ ލަންކާ އިން އަގުހެޔޮކޮށް ގެނައި ކްރިސްމަސް ޑެކަރޭޝަންތަކަކުން ޒީނަތްތެރިކޮށްފައިވާ އެނދެއްގައި ވޭން އަޅައަޅައި" ކުއްޖާ އޮއްވާ، "ގޭދޮށު ބޮޑުބެރު ގްރޫޕް" ގެނެސްގެން ބޮޑުބެރު ޖަހުވަނީ އެހެން މީހުން މަޖާ ނަގަން ކަމަށެވެ.
އެކަމަކު، ޚިތާނުކުރުމަކީ ފިރިހެންކުއްޖެއްގެ ހަޔާތުގެ ވަރަށް މުހިއްމު ބަޔަކަށް ވާ އިރު، ދީނުގައި ކުރަން އޮންނަ އެފަދަ ކަމަކާ ގުޅުވައިގެން އުފާފާޅުކުރުމަކީ ރާއްޖޭގައި ގިނަ އާއިލާތަކަކަށް މުހިއްމު ކަމެކެވެ. ހަމައެކަނި ގޭގެއަކު ނޫނެވެ. މާލެ އާއި ރަށްރަށުގައި މިހާރަކަށް އައިސް ބާއްވާ ޚިތާނީ ކޭމްޕުތައް ވެސް ފެންނަނީ ކުލަ ގަދަކޮށެވެ. މިއީ ބައެއް މީހުން ނުހަނު އިންތިޒާރުކުރާ، އަދި ބައިވެރިނުވެވިއްޖެ ނަމަ ހިތާމަ ވެސް ކުރާ ކަމެކެވެ. ދިވެހިންގެ މިހާ ބޮޑު ސަގާފަތެއް ދަމަހައްޓަން ޖެހޭނެ ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ. އެންމެން އެއްތަންވެ، މުނާސަބަތެއްގެ ގޮތުގައި މިކަން ފާހަގަކޮށް ގޭގެ ދޮރު މެހްމާނުންނަށް ހުޅުވާލުމަކީ އަމުދުން މި ޒަމާނުގައި ގާތްތިމާގެ ކަމުގެ ގުޅުންތައް ބަދަހިވާން ލިބޭ ފުރުސަތަކަށް ވެސް ވާނެ އެވެ.
އެކަމަކު މި އުފާވެރިކަމުގެ އަޑުފައްގަނޑު މާ ގަދަ ހެއްޔެވެ؟ ރުޅިގަދަވެ، ޝަކުވާކޮށް، މައްސަލަ ޖައްސާ ވަރަށް ކަންތައް ގޯސް ހެއްޔެވެ؟ ނުވަތަ، އަވައްޓެރިޔާގެ އުފަލަށްޓަކައި ކޮންމެވެސް ވަރެއްގެ އުނދަގުލެއް ތަހައްމަލްކޮށްލުން ވެސް ހަމަ އެންމެ ރަނގަޅު ހެއްޔެވެ؟