15 ޑިސެމްބަރ 2017 - 15:57

ބ. އަތޮޅުގައި ހިންގަމުން އަންނަ އަނަންތާރާ ކިހަވައް މޯލްޑިވްސް ވިއްކާލަން ހުޅުވާލުމުން އެކަށީގެންވާ ރަނގަޅު އަގެއް ނުލިބުމުން އެމްޓީޑީސީން އެކަން މަޑުޖައްސާލައިފި އެވެ.
އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ ފައިދާ ހޯދައިދިނުމުގެ ނަމުގައި ސަރުކާރުން އުފެއްދި ކުންފުނިން ކުއްޔަށްދީގެން ހިންގާ ކިހަވައް ވިއްކާލަން އިއުލާންކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. އެ ރަށް ގަންނާނެ ބަޔަކު ހޯދަން ކުރި އިއުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހަޅަން ދިން މުއްދަތު ހަމަވީ މިދިޔަ އާދީއްތަ ދުވަހު އެވެ.
އެމްޓީޑީސީގެ އިސް އޮފިޝަލަކު ވިދާޅުވީ ހިއްސާދާރުންނަށް އެކަށީގެންވާ ރަނގަޅު ފައިދާއެއް ދެވޭވަރުގެ އަގެއް ހުށަހަޅާފައި ނެތުމުން ޕްރޮޕޯސަލްތައް ބާތިލުކޮށްފައިވާ ކަމަށެވެ. އެކަމަކު އެ ރަށް ގަންނަން ހުށަހެޅި ޕްރޮޕޯސަލްތަކުގެ އަދަދެއް އެ ކުންފުނިން ހާމައެއްނުކުރެ އެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ހިންގަން ކިހަވައް ހުރަވަޅި ސަރުކާރުން އެމްޓީޑީސީއަށް ކުއްޔަށް ދިނީ ސެޕްޓެމްބަރު 17، 2006ގަ އެވެ. އެ ދުވަހުން ފެށިގެން 25 އަހަރަށް އެ ރަށް ލިބިފައި ވަނީ އެމްޓީޑީސީއަށެވެ.
ތައިލެންޑްގެ މައިނާ އިންޓަނޭޝަނަލް އިން ހިންގާ އަނަންތާރާ ކިހަވައް މޯލްޑިވްސް އަކީ ބ. ދަރަވަންދޫން ފުރައިގެން ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ މަތީ ފެންވަރުގެ ހިތްގައިމު ރިސޯޓެކެވެ. އެ ކުންފުނިން އެ ރަށް ހުޅުވީ ޑިސެމްބަރު 2010ގަ އެވެ.
ދ. އެނބޫދޫފުއްޓާއި އޮޅުވެލީގައި ހަދާފައިވާ ނިޔާމަ މޯލްޑިވްސް ރިސޯޓު، އެ ރަށް ހިންގާ އޯ ޕްލަސް އީ ހޮލްޑިން އަށް އެމްޓީޑީސީން ވަނީ މިދިއަ އަހަރުގެ އޮގަސްޓްމަހު 23.3 މިލިއަން ޑޮލަރު (359.2 މިލިއަން ރުފިޔާ) އަށް ވިއްކާލައިފަ އެވެ.
އެމްޓީޑީސީގެ ހަރު މުދާ ވިއްކަމުން ދާތީ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.