ދިއްދޫ އަންހެނަކު ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނިއްޖެ
ދިއްދޫ އަންހެނަކު ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނިއްޖެ

ހއ. ދިއްދޫގެ އުމުރުން ދުވަސްވީ އަންހެނަކު އެރަށު ގޮނޑުދޮށުގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

އެ ރަށު ކައުންސިލަރަކު ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ ހައްވާ އަލީ 70، ކަމަށެވެ. އޭނާ އޮތީ ރަށުގެ އުތުރުކޮޅުގައި ހަދާފައިވާ ފުޓްސެލް ދަނޑާ ދިމާލުން އަތިރިމަތިން ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.

"ދަނޑުގައި ކުޅެން ތިބި ކުދިންތަކެއް އަތިރިއަށް ފޭބިއިރު ވެއްޓިފައި އޮއްވައި ފެނިގެން ޕޮލިހަށާއި ހޮސްޕިޓަލަށް ގުޅީ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ވަނީ،" އޭނާ ވިދާޅުވި އެވެ.

ކައުންސިލަރު ވިދާޅުވީ ފުލުހުން އެ މަރުގެ ކަންކަން މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައްވާ އަލީ މަރުވެފައި އޮއްވާ ފެނުނީ އޭނާ އާންމުކޮށް ގޮސް އުޅޭ ސަރަހައްދަކުން ނޫނެވެ. އޭނާ ދިރިއުޅެމުން ގެންދިޔައީ ރަށުގެ ދެކުނު ކޮޅުގައި ކަމަށްވެ އެވެ.

"ފުލުހުން މިހާރު ދަނީ އެ މީހާގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލަމުން،" އޭނާ ވިދާޅުވި އެވެ.

މި ކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެ އެވެ.