14 ޑިސެމްބަރ 2017 - 16:14

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް މައްސަލަ ތިން ދުވަސް ތެރޭގައި ނިންމައި ދިނުމުގެ އަމުރަކަށް ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލާފައި އޮތަސް އެ މައްސަލަ ނުނިންމާތީ ފާރިސްގެ ވަކީލުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ފާރިސްގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ އިސްތިއުނާފް މައްސަލައިގެ ބެންޗް ބަދަލުކޮށް، ހައި ކޯޓުގެެ ދެކުނު ގޮފީގެ ފަނޑިޔާރަކު އެ ބެންޗަށް އައްޔަން ކޮށްފައިވާއިރު ދެކުނު ގޮފީގެ ފަނޑިޔާރުން މާލޭގައި މަސައްކަތް ކުރުމުގެ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށެވެ. ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ ގޮތުން ދެކުނު ގޮފީގެ ފަނޑިޔާރުން މާލޭގައި މަސައްކަތް ކުރައްވާނީ ތިން މަހަށް ކަމަށާއި އެ މުއްދަތު ހަމަވުމުން އެ ބެންޗް މިހާރު އުވިފައިވާ ކަމަށް ޝަމީލް ވިދާޅުވި އެވެ.
އިސްތިއުނާފް މައްސަލަ ނުނިމި ލަސްވުމުން ފާރިސްގެ ގިނަ ހައްގުތަކެއް ގެއްލެމުންދާ ކަމަށް ވިދާޅުވެ، ޝަމީމް ވިދާޅުވީ ކުރީގެ ބެންޗުން އެ މައްސަލައިގެ ހުކުމް އިއްވައި ދިނުމުގެ އަމުރަކަށް އެދި ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް މިއަދު ސިޓީ ފޮނުވާފައިވާ ކަމަށެވެ.
"އެންމެ ފުރަތަމަ މި މައްސަލަ ބެލި ބެންޗުން މި މައްސަލައިގެ ހުކުމެއް ތިން ދުވަސް ތެރޭގައި ކޮށް ދެއްވުމަށް މެންޑަމާސް އަމުރެއް ނެރެދެއްވުމަށް އަޅުގަނޑުމެން މިއަދު ސިޓީއަކުން އެދިފައިވާނެ،" ޝަމީލް ވިދާޅުވި އެވެ.
ފާރިސް ބަންދުގައި ހުންނަން ޖެހޭނެ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށާއި ފާރިސް މިހާރު ވެސް ހުންނަން ޖެހޭނީ މިނިވަނެއްގެ ގޮތުގައި ކަމަށް ޝަމީލް ވިދާޅުވި އެވެ. ފާރިސްގެ މައްޗަށް ތުހުމަތު ކުރާ ރިޝްވަތުގެ ކުށަކީ ޖިނާއީ ބޮޑު ކުށެއް ނޫން ކަމަށް ހައި ކޯޓުން ނިންމާފައިވާއިރު ޖިނާއީ ކުދި ކުށްތަކުގައި 15 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ބަންދުގައި ނުބެހެއްޓޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ކަމަށް ޝަމީލް ވިދާޅުވި އެވެ.
ފާރިސް ބަންދުގައި ހުންނަތާ 150 ދުވަސްވީއިރު އޭނާގެ އެތައް ހައްގުތަކެއް ގެއްލެމުންދާއިރު އެކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ފިޔަވަޅު ނާޅާ ކަމަށް ބުނެ އެ ކޮމިޝަނަށް ޝަމީލް ފާޑު ވިދާޅުވި އެވެ. ފާރިސްގެ ފަރާތުން އެޗްއާރުސީއެމަށް ހުށަހެޅި މައްސަލައެއްގައި، ފާރިސްގެ އިންސާނީ ހައްގެއް ގެއްލިފައިވާ ކަމަށް ނުބެލެވޭ ކަމަށް އެ ކޮމިޝަނުން ޖަވާބު ދީފައިވާ ކަމަށާއި އެކަމަކު އެކަށީގެންވާ ސަބަބެއް ނެތި ބަންދު ކުރުމަކީ އިންސާނީ ހައްގެއް ގެއްލުން ކަމަށް ނުވަނީތޯ ޝަމީލް ސުވާލު އުފެއްދެވި އެވެ.
"އެންމެ ނޭއްގާނީ ގޮތެއްގައި ނަގާލެވޭ އިންސާނީ ހައްގަކީ ޝަރީއަތުގެ ކުރިން، ކުށެއް ސާބިތުވުމަކާ ނުލައި ބަންދުކުރާ ކުރުން ކަމަށް ސުޕްރީމް ކޯޓުން މި އޮތީ ކަނޑައަޅުއްވާފައި. އަދި އިސްތިސްނާ ހާލަތްތަކެއްގައި ވެސް ބަންދު ކުރެވޭނެ ހާލަތްތައް ގާނޫނުގައި ވަރަށް ސަރީހަ އިބާރާތުން ބަޔާންކޮށްފައި އޮތްއިރު އެއިން ހާލަތަކަށް ނުފެތޭ ގޮތަށް ފާރިސް މިހާރު ވެސް ބަންދުގެ ދުވަސްތައް ގުނަމުން ގެންދަނީ،" ޝަމީލް ވިދާޅުވި އެވެ.
ޝަމީލް ވިދާޅުވީ ފާރިސް ބަންދުގައި ހުރުމުން އޭނާގެ އިތުރުން އޭނާ ތަމްސީލުކުރާ ދިއްގަރު ދާއިރާގެ ރައްޔިތުންގެ ހައްގު ވެސް ގެއްލުމުންދާ ކަމަށާއި އެކަމާ މެދު މަޖިލީހުން ފިޔަވަޅެއް ނާޅާ ކަމަށެވެ. ފާރިސް މަޖިލީހަށް ހާޒިރު ކުރަން އެއްވެސް މަސައްކަތެއް މަޖިލީހުގެ އިދާރާއިން ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. ފާރިސްގެ މައްސަލާގައި އެތައް ސިޓީއެއް ފޮނުވިޔަސް މުއައްސަސާތަކުން ގާނޫނީ ޒިންމާ އަދާ ނުކުރާ ކަމަށް ޝަމީލް ވިދާޅުވި އެވެ.
ފާރިސްއާ އެއް މައްސަލައެއްގައި ހައްޔަރުކުރި އަހުމަދު ޝާފިއުއަށް ފާރިސްއާ ދެކޮޅަށް ހެކިބަސް ދިނުމަށް ނުފޫޒު ފޯރުވި ކަމަށް ޝާފިއު ބުނެފައިވާތީ އެ މައްސަލަ ބަލައިދޭން އެދި ފުލުހުންނަށް ހުށަހެޅި ކަމަށާއި އެކަމަކު އެ މައްސަލަ ބަލަން ޖެހޭނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން(އެންއައިސީ) އިން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ޝަމީލް ވިދާޅުވި އެވެ. އެކަމަކު އެއީ އެންއައިސީން ބަލަންޖެހޭ މައްސަލައެއް ނޫން ކަމަށާއި އެހެންވެ، އެ މައްސަަލަ ބެލުމުގެ އަމުރެއް ނެރެދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހަޅާފައިވާ ކަމަށް ޝަމީލް ވިދާޅުވި އެވެ.