15 ޑިސެމްބަރ 2017 - 10:17

މެލްބަން، އޮސްޓްރޭލިއާ (ޑިސެމްބަރު 15) - އަންނަ މަހު އޮންނަ އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގައި މަޝްހޫރު ޓެނިސް ކުޅުންތެރިއާ ސެރީނާ ވިލިއަމްސް ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށް އެ މުބާރާތުގެ ޑައިރެކްޓަރު ކްރެއިގް ޓިލޭ ބުނެފި އެވެ.
ސެރީނާ އަށް މިދިޔަ ސެޕްޓެމްބަރު މަހު ދެ ވަނަ ދުވަހު އަންހެން ދަރިއަކު ލިބުނު ފަހުން އޭނާ އޭގެ ފަހުން ކުޅުނު އެއްވެސް މުބާރާތެއްގައި ނުކުޅެ އެވެ. އެހެން ނަމަވެސް މިދިޔަ މަހުގެ ފަހު ކޮޅުން ފެށިގެން ސެރީނާ އަށް އަމިއްލަ އަށް ފިޓްނަސް ޕްރޮގްރާމެއް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ދާދި ފަހުން ސެރީނާ ވެސް ވަނީ ސޯޝަލް މީޑިއާގައި އޭނާގެ ޓްރެއިނިންތައް ހިއްސާކޮށްފަ އެވެ.
ޓިލޭ ބުނީ އަންނަ މަހު 15-28 އަށް ކުރިޔަށްދާ މުބާރާތަށް ކުޅުންތެރިންގެ ވިސާ ކަންތައްތައް މިހާރު ހަމަޖައްސަމުން އަންނަ ކަމަށާއި ސެރީނާ ވަނީ އޭނާގެ ވިސާ ހޯދައިފަ ކަމަށެވެ.
"ސެރީނާ އަށް ވިސާ ލިބިއްޖެ. އޭނާ މުބާރާތުގައި އެންޓްރީ ހޯދައިފި. އޭނާ ދަނީ ޕްރެކްޓިސް ކުރަމުން،" ޓިލޭ ބުންޏެވެ.
އުމުރުން 36 އަހަރުގެ ސެރީނާ އަކީ އޮސްޓްރޭލިއަން އޯޕަންގެ އެންމެ ފަހުގެ ޗެމްޕިއަނެވެ. ސެެރީނާ އޭނާގެ ކެރިއަރުގައި 23 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާއިރު، އޭގެ ތެރެއިން ހަތް ތަށްޓަކީ އޮސްޓްރޭލިއަން އޯޕަން އެވެ.
ދަރިއަކު ނުލިބުމުން ސެރީނާ އަލުން ޓެނިސް ކޯޓަކުން ފެންނާނީ އަހަރެއްހާ ދުވަސް ފަހުން ކަމަށް ކުރިން ބެލެވުނެވެ. އެހެން ނަމަވެސް ހަތަރު މަސް ތެރޭގައި ސެރީނާ އެނބުރި އަންނާނެ ކަމަކަށް ބެލެވިފައިވާއިރު، މިއީ ޓެނިހުގެ ގިނަ ސްޕޯޓަރުން މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން އަށް ޝައުގުވެރިވާނެ އެއް ސަބަބެވެ.
މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި އަންހެން ބައިން ވައިލްޑްކާޑް އެންޓްރީ ދިނީ ކުރީގެ އެއް ވަނަ ކުޅުންތެރިއާ އަދި އޮސްޓްރޭލިއަން އޯޕަން ދެ ފަހަރެއްގެ މަތިން ކާމިޔާބު ކޮށްފައިވާ ވިކްޓޯރިއާ އަޒަރެންކާ އަށެވެ. އާއިލީ ސަބަބަކާ ގުޅިގެން އަޒަރެންކާ ވަނީ މި އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތަށް ފަހު ކުޅުމުން ބްރޭކެއް ނަގައިފަ އެވެ.