15 ޑިސެމްބަރ 2017 - 10:11

ލަންޑަން (ޑިސެމްބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ އަށް ޓޮޓެންހަމް ހޮޓްސްޕާސް އަށް ނިމުމެއް ގެނެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.
ސިޓީ ވަނީ ޖެހިޖެހިގެން 15 މެޗުން މޮޅުވެ ޕްރިމިއާ ލީގުގެ ރެކޯޑެއް ހަދައިފަ އެވެ. އެ ޓީމަށް ކުރިއަށް އޮތް މެޗަކީ މާދަމާރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެޗެވެ. ސިޓީ އަށް މި ސީޒަނުގައި ގެއްލުނު ހަމައެކަނި ދެ ޕޮއިންޓަކީ އަމިއްލަ ދަނޑުގައި އެވަޓަންއާ އެއްވަރުވި މެޗުގައި ގެއްލުނު ޕޮއިންޓުތަކެވެ.
ސީޒަނުގެ ކުރީކޮޅުގައި ޓޮޓެންހަމްގެ ފަރާތުން ފެނުނު މޮޅު ކުޅުން ފަހަކަށް އައިސް އެ ޓީމަށް ނުދެއްކެ އެވެ. އެހެން ނަމަވެސް އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅުވެ އެ ޓީމު ވަނީ ފޯމަކަށް އެޅިފަ އެވެ. ޕޮޗެޓީނޯ ބުނީ އެ ޓީމު އޮތީ ރަނގަޅު ޓްރެކުގައި ކަމަށެވެ.
"މެންޗެސްޓާ ސިޓީ ދަނޑަށް އަހަރެމެން މިދަނީ މޮޅުވާން. މިއީ އަހަރެމެންނަށް ހިތްހަމަ ޖެހިގެން ކުރިމަތިލެވޭނެ ޗެލެންޖެއް. ސިޓީ އަކީ އިނގިރޭސި އެންމެ މޮޅު ޓީމު. އަދި މި ވަގުތު ޔޫރަޕުގެ އެންމެ ވަރުގަދަ އެއް ޓީމު. އެ ޓީމާ ދެކޮޅަށް ކުޅެން ލިބޭ ފުރުސަތު ނަގާލަން ބޭނުމެއް ނޫން،" ޕޮޗެޓީނޯ ބުންޏެވެ.
އޭނާ ބުނީ ގާޑިއޯލާ ފަދަ ފުޓްބޯޅައިގެ ތަފާތު ވިސްނުން ގެންގުޅޭ ކޯޗުންނާ ދެކޮޅަށް ވަރަށް ކުޅޭހިތްވާ ކަމަށެވެ.
"އަހަރެން ވެސް ވަރަށް އިންތިޒާރު ކުރަން މި ފަދަ މެޗުތަކަށް. އެއީ ގާޑިއޯލާ ފަދަ މޮޅު ކޯޗުން ތިބެގެން ތަފާތު ދައްކަމުން އަންނަ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ އިދިކޮޅަށް ނުކުންނަ ޓީމަށް ވެސް ފައިދާ ކުރާނެ މެޗުތަކެއް. އަދި އިދިކޮޅަށް ނުކުންނަ ޓީމެއްގެ ކޯޗަކަށް ވެސް ކަމެއް ސާބިތުކޮށްދޭން ނޫނީ ކުރިއަރަން ލިބޭ ފުރުސަތެއް،" ޕޮޗެޓީނޯ ބުންޏެވެ.
ސިޓީއާ ދެކޮޅަށް ނުކުންނައިރު ޕޮޗެޓީނޯ އަށް އޮތް އަނެއް ހިތްހަމަ ޖެހުމަކީ އާޖެންޓީނާގެ މިޑްފީލްޑަރު އެރިކް ލަމޭލާ ފިޓްވެ އެ ޓީމަށް މެޗަކަށް ފަހު މެޗެއްގައި ރަނގަޅު ކުޅުމެއް ދައްކަމުން އައުމެވެ. މިދިޔަ ސީޒަނުގައި ސިޓީ އަތުން ޓޮޓެންހަމް މޮޅުވި މެޗުގައި ލަމޭލާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ސިޓީ މި ވަގުުތު ލީގުގެ އެއް ވަނައިގައި އޮތީ 17 މެޗުން 49 ޕޮއިންޓާ އެކު އެވެ. ލީގުގެ ހަތަރު ވަނައިގައި އޮތް ޓޮޓެންހަމަށް ލިބިފައިވަނީ 17 މެޗުން 31 ޕޮއިންޓެވެ.