ބީއެމްއެލްއިން އޭޝިއާގެ ބޭންކިން ކޮންފަރެންސެއް ރާއްޖޭގައި ބާއްވަނީ
ބީއެމްއެލްއިން އޭޝިއާގެ ބޭންކިން ކޮންފަރެންސެއް ރާއްޖޭގައި ބާއްވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަންނަ އަހަރު އޭޝިއާ ސަރަހައްދުގެ ބޮޑު ބޭންކިން ކޮންފަރެންސެއް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ) އިން ވަނީ އެ ޖަމިއްޔާގެ 35 ވަނަ އާންމު ބައްދަލުވުމާއި ކޮންފަރެންސް އަންނަ އަހަރުގެ ނޮވެމްބަރު މަހު ކުރުނބާ މޯލްޑިވްސްގައި ބާއްވާނެކަން ހާމަކޮށްފަ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި އޭޝިއާގެ 25 ގައުމެއްގެ މެންބަރު 80 މާލީ އިދާރާއާ އެކު އޭބީއޭ އިން މަސައްކަތްކުރަނީ ބޭންކިން އަދި ފައިނޭންސް ސިނާއަތަށް ކުރިއެރުން ހޯދައިދިނުމަށާއި މި ސަރަހައްދުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރާށެވެ. އަދި އޭބީއޭގެ އަހަރީ ކޮންފަރެންސަކީ ސިނާއަތާ ގުޅޭ ކަންކަމާއި ލިބެން ހުރި ފުރުސަތުތަކުގެ މުހިންމުކަމާ މެދު އެ ސިނާއަތުގެ އިސް ވެރިން މަޝްވަރާކުރަން ލިބޭ ވަރަށް މުހިއްމު ފުރުސަތެއް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނީ އޭޝިއާ ސަރަހައްދުގެ ބައިވެރިންނާއި މި ދާއިރާގެ މަޝްހޫރު ބައިނަލްއަގުވާމީ ވާހަކަދެއްކުންތެރިންނާ އެކު ޖުމްލަ 160 އަށް ވުރެ ގިނަ ފަރާތުން ކޮންފަރެންސްގައި ބައިވެރިވާނެ ކަމަށެވެ.

އޭބީއޭގެ ބޯޑުގައި ބޭންކް އޮފް މޯލްޑިވްސް ތަމްސީލްކުރައްވަނީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.

އެ ކޮންފަރެންސާ ގުޅޭ ގޮތުން އެންޑްރޫ ވިދާޅުވީ އޭބީއޭގެ 35 ވަނަ އާންމު ބައްދަލުވުމާއި ކޮންފަރެންސް ބާއްވާނެ ގައުމަކަށް ރާއްޖެ ކަނޑައަޅައި، ބާއްވާ ބޭންކްގެ ގޮތުގައި ބީއެމްއެލް ހަމަޖެހުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިފަދަ ޝަރަފުވެރި ހަރަކާތެއް ބޭއްވުމަށް މި ލިބުނު ފުރުސަތަކީ ބައިނަލްއަޤްވާމީ މުޖުތަމައުގެ ނުފޫޒު ގަދަ ފަރާތްތަކަށް ދިވެހިރާއްޖޭގެ މާލީ ދާއިރާގެ އިތުރުން މުޅި ޖުމްލަކޮށް ދިވެހިރާއްޖެ ދައްކާލުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް،" އެންޑްރޫ ވިދާޅުވި އެވެ.