15 ޑިސެމްބަރ 2017 - 07:30

ގޭތެރޭގެ ސަލާމަތަށް ބޭނުންކުރާ ގިނަ ސިސްޓަމްތަކަކީ އާންމު މީހަކަށް ގަނެވޭ ވަރަށް ވުރެ އަގު ބޮޑު ސިސްޓަމްތަކެކެވެ. މިކަމަށް ހައްލެއް ގެނެސްދެނީ ފިނޯޓީއެވެ.
މިއީ އިންސްޓޯލްކުރަން ގޭތެރޭގައި ތޮރުފުންތަކެއް ނުތޮރުފާ، މަހުފީއެއް ދައްކަން ނުޖެހޭ، އިންފްރާރެޑްގެ އެހީގައި މަސައްކަތްކުރާ ސެކިޔުރިޓީ ސިސްޓަމެކެވެ. މިއަށް ދާނެ ހަމައެކަނި ޚަރަދަކީ މީގެ ސިސްޓަމްގައި ބޭނުންކުރާ ބިއްލޫރިތަށްޓެއްވަރުގެ ކުޑަ ފޮށްޓެއް ގަތުމަށްދާ ނުވަ ޑޮލަރާއި އެއަށް ލައްވަން ބޭނުންވާ ސީ ސައިޒްގެ ތިން ބުރި ބެޓެރީގެ އަގެވެ.
ގޭގެ ކޮންމެ ތާކު ވެސް މީގެ ފިނޯޓީ ފޮއްޓެއް ބެހެއްޓިދާނެއެވެ. މި ފޮށީގެ ވަށައިގެން ފޮނުވައިދޭ އިންފްރާރެޑް އަލިން 39 ފޫޓުގެ ސަރަހައްދު ބަލައިދެއެވެ. އަދި ކިރިޔާވެސް ހިލަމެއްވެއްޖެ ނަމަ 110 ޑެސިބަލްގެ އެލާމް އަޑަކުން އިންޒާރު ފޮނުވައިދެއެވެ. މަގުމަތިން ދުއްވާފައިދާ ސައިކަލެއްގެ އަޑުހާ ގަދަވާނެއެވެ. މި ފޮއްޓަށް ހުރިހާ ކޮމާންޑެއް ދެނީ ފިނޯޓީ އެޕް މެދުވެރިކޮށެވެ.
އެންޑްރޮއިޑާއި އައިއޯއެސްގައި ވެސް ބޭނުންކުރެވޭ މީގެ އެޕް ފޯނަށް އަޅައިގެން ފިނޯޓީ ރަގަޅަށް އޮޕަރޭޓްކުރެވެއެވެ. ބޭނުން ނަމަ ފޮށީގައި ވެސް ހުޅުވައި ނިވޭ ގޮތަށް ފިތެއް ހުރެއެވެ. ނުވަތަ އެއް ފިނޯޓީއަށްވުރެ ގިނަ ފިނޯޓީ ބޭނުންކުރާ ނަމަ އެއިން ކޮންމެ ފިނޯޓީއެއްގެ ހާލު ވެސް ފިނޯޓީ އެޕް މެދުވެރިކޮށް ވަކިން ބަލައިލެވެއެވެ.
ފިނޯޓީއަކީ ހަމައެކަނި ތިމާގެ ގޭގެ ރައްކާތެރިކަމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމެއް ނޫނެވެ. ގޭދޮށުގައި ނުރައްކާތެރި ކަމެއް ހިނގާ ނަމަ، މި ސިސްޓަމްގެ އެހީގައި އަވަށްޓެރިންނަށް އިންޒާރު ވެސް ފޮނުވައިދެއެވެ.
މީގެ ސިސްޓަމްތަކަށް މިހާރު އޮންލައިންކޮށް އޯޑަރުދެވެން އެބަހުއްޓެވެ. އެކަމަކު މި ލިބޭނީ އަންނަ އަހަރުގެ މާޗު މަހުގެ ފަހުންނެވެ. ފިނޯޓީ މިވަގުތު ނުވަ ޑޮލަރަށް ލިބެން ހުއްޓަސް މީގެ ސިސްޓަމްތައް ބާޒާރަށް ނުކުތުމުން ލިބެން ހުންނާނީ 19 ޑޮލަރަށް ކަމަށްވެއެވެ.