ފިރިމީހާގެ ފިލްމެއްގައި މަސައްކަތް ކުރަން ބޭނުން: ރާނީ މުކަރުޖީ
ފިރިމީހާގެ ފިލްމެއްގައި މަސައްކަތް ކުރަން ބޭނުން: ރާނީ މުކަރުޖީ

ފިލްމީ ބަތަލާ ރާނީ މުކަރުޖީގެ ފިރިމީހާއަކީ އިންޑިޔާގައި މިވަގުތު ތިބި އެންމެ ކުޅަދާނަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އަދިތުޔާ ޗޯޕްރާ އެވެ. އަދިތުޔާ ޑައިރެކްޓްކުރުމުގެ މައިދާނަށް ވަނީ "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާ އޭނގޭ" އިންނެވެ. މިއީ މިހާރު ވެސް ގިނަ ބައެއްގެ އެންމެ މަގްބޫލު ފިލްމުތަކުގެ ލިސްޓުގެ ކުރި ލިބިފައި އޮތް ފިލްމެކެވެ. އެހެންކަމުން ފިރިމީހާގެ ފިލްމެއްގައި މަސައްކަތްކުރުމަކީ ރާނީގެ ވެސް ހުވަފެނެކެވެ.

"އަހަރެން ފިރިމީހާއާ އެކު މަސައްކަތް ކުރަން ބޭނުން. ނަމަވެސް އޭނާ އެގޮތް ބޭނުންވާހެނެއް ހިއެއް ނުވޭ. އޭނަ ގަބޫލުކުރާ ގޮތުގައި އަހަރެމެން ދެ މީހުން އެކުގައި ފިލްމެއްގެ މަސައްކަތް ފަށައިފި ނަމަ ފުރަތަމަ ދުވަހު ވެސް ސެޓުގައި އޮންނާނީ ދެ މީހުންގެ އަރާރުންވުން،" ރާނީ ބުންޏެވެ.

"އެއަށް ފަހު އޭނާ އެތަނުން ނުކުމެގެން ދިޔައިމަ އަހަރެން ވެސް ނުކުމެގެން ދާނެ. އެހިސާބުން ފިލްމުގެ ކަންތައް ނިމުނީ ކަމަށް އަދިތުޔާ ގަބޫލުކުރޭ."

ރާނީ ބުނި ގޮތުގައި ބޮލީވުޑްގެ އެންމެ މޮޅު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ގިނަ ބަޔަކާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. އަދި އިތުރަށް ވެސް އެމީހުންނާ އެކު މަސައްކަތް ކުރަން އޭނާ ބޭނުމެވެ.

ރާނީގެ ފޭވަރިޓް ޑައިރެކްޓަރުންގެ ތެރޭގައި ކަރަން ޖޯހަރް އާއި ސަންޖޭ ލީލާ ބާންސާލީ އަދި ރާޖް ކުމާރު ހިރާނީ އާއި މަނީ ރަތުނަމް ހިމެނެ އެވެ. އަދި ޒޯޔާ އަޚްތަރު އާއި އިމްތިޔާޒު އަލީ އަކީ ވެސް ރާނީ މަސައްކަތް ކުރަން ބޭނުން ލިސްޓުގައި ހިމެނޭ ޑައިރެކްޓަރުންނެވެ.

ކައިވެނި ކުރުމަށް ފަހު ދަރިއަކު ލިބުމުން ރާނީ ވަނީ ފިލްމު ކުޅުމާ ކުޑަ ދުވަސްކޮޅަކަށް ދުރުވެފަ އެވެ. ނަމަވެސް އޭނާގެ އެނބުރި އައުން ފާހަގަކުރާ ފިލްމު "ހިޗްކީ"ގެ މަސައްކަތް ރާނީ މިހާރު ވަނީ ނިންމާފަ އެވެ. ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ފެބްރުއަރީގަ އެވެ.