14 ޑިސެމްބަރ 2017 - 12:31

ހުޅުމާލޭގައި މިދިޔަ ސެޕްޓެމްބަރު މަހު މަރާލި ހާރިސް އަބްދުލް ޣަފޫރުގެ މަރުގެ މައްސަލާގައި މީހެއްގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ހުޅުމާލޭ ހާފްވޭ ހައުސް ކައިރިން ތޫނު އެއްޗަކުން ހަމަލާދީ ހާރިސް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ޏ. ފުވައްމުލަކު ހިލްޓަން، ޔާމީން ރަޝީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
ހާރިސް މަރާލީ މަސްތުވާތަކެތިން ދުރުވުމަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާ އެވަގުތު އުޅެމުން ދިޔައީ މަސްތުވާތަކެތިން ދުރުވުމަށް މަސައްކަތް ކުރާ މީހުން ތިބޭ ތަނެއް ކަމަށް ހުޅުމާލޭ ހާފްވޭ ހައުސްގަ އެވެ. އޭނާ މަރުވީ ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.