ދެކުނު އޭޝިއާގެ ޔޫތު އެތުލެޓިކްސް މުބާރާތް ރާއްޖޭގައި
ދެކުނު އޭޝިއާގެ ޔޫތު އެތުލެޓިކްސް މުބާރާތް ރާއްޖޭގައި

ސައުތު އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕް 2019 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ސައުތު އޭޝިއަން އެތުލެޓިކްސް ފެޑެރޭޝަނުން ނިންމައިފި އެވެ.

ރާއްޖޭގައި މި މުބާރާތް ބާއްވަން ނިންމީ އައްޑޫ އީކުއެޓާ ވިލެޖުގައި އާދީއްތަ ދުވަހު ބޭއްވި ސައުތު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގެ ކައުންސިލް ބައްދަލުވުމުގަ އެވެ. ރާއްޖޭގައި ބާއްވަން، ބައްދަލުވުމުގައި ބައިވެރިވި ހަ ގައުމުން އިއްތިފާގުވި އެވެ.

މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ އެތުލެޓިކްސް މުބާރާތެވެ. މި ފުރުސަތު ލިބުނުއިރު ހުޅުމާލޭގައި ވަނީ ސިންތަޓިކް އެތުލެޓިކްސް ޓްރެކެއް އަޅައިފަ އެވެ. ރާއްޖޭގެ އެތުލީޓުން ބައިނަލްއަގްވާމީ މައިދާންތަކުގައި ކާމިޔާބީ ހޯދަމުން އަންނަ އިރެއްގައި މިފަދަ ބައިނަލްއަގްވާމީ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި ބައްދަލުވުމުގައި ނިންމި އެހެން ކަންތައްތަކުގެ ތެރޭގައި ދެކުނު އޭޝިއާގެ ކްރޮސްކަންޓްރީ ޗެމްޕިއަންޝިޕް އަންނަ އަހަރުގެ މާޗް މަހު ބޫޓާންގައި ބާއްވަން ނިންމުމާއި ސައުތު އޭޝިއާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ސްރީލަންކާ ގައި ބާއްވަން ނިންމުން ހިމެނެ އެވެ.