14 ޑިސެމްބަރ 2017 - 11:20

ސަސްޕެންޝަންގައި ހުރި ވަކީލް މަހްފޫޒް ސައީދު އެއްވެސް ޝަރީއަތެއްގެ އަޑުއެހުމަކަށް ނުވައްދަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޯޓުތަކަށް އަންގައިފި އެވެ.
ޑީޖޭއޭއިން އެގޮތަށް އެންގީ ކޯޓުތަކުގައި ވަކާލާތު ކުރުން ވަގުތީ ގޮތުން މަހްފޫޒަށް މަނާކޮށްފައިވާތީ އެވެ. ވަކީލުންގެ ގަވާއިދާ ޚިލާފް އަމަލު ތަކުރާރުކޮށް ކުރުމުގެ ތުހުމަތުގައި އޭނާގެ މައްސަލަ މިހާރު ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ޑީޖޭއޭގެ އެންގުމުގައިވެ އެވެ.
އެހެންވެ، ދައުވާކުރާ ނުވަތަ ދައުވާލިބޭ ފަރާތެއްގެ ގޮތުގައި މަހްފޫޒް ހިމެނޭ މައްސަލަ ފިޔަވައި، އެހެން މައްސަލަތަކުގައި ދައުވާކުރާ ނުވަތަ ދައުވާލިބޭ ފަރާތެއްގެ ބަދަލުގެ ގޮތުގައި ވެސް މަހްފޫޒް ބަލައިނުގަތުމަށް ވަނީ އަންގައިފަ އެވެ. އަދި ކޯޓެއްގައި ހިންގާ އެއްވެސް ޝަރީއަތެއް އަޑުއެހުމަކަށް ނުވެއްދުމަށް ވަނީ އަންގައިފަ އެވެ.
މަހްފޫޒަކީ ވަކީލުންތަކެއް ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ބައެއް ވަކީލުން ސަސްޕެންޑް ކުރިއިރު ސަސްޕެންޑްކުރި ވަކީލެކެވެ. އޭރު ސަސްޕެންޑްކުރި ގިނަ ވަކީލުންގެ ސަސްޕެންޝަން އުވާލިޔަސް އަދިވެސް ސަސްޕެންޝަން އުވާނުލާ މަދު ވަކީލުންގެ ތެރޭގައި މަހްފޫޒް ހިމެނެ އެވެ.