"ޕަދްމާވަތީ" ފާސްނުކޮށްދީ "ޓައިގާ ޒިންދާ ހޭ" ފާސް ކޮށްދީފި
"ޕަދްމާވަތީ" ފާސްނުކޮށްދީ "ޓައިގާ ޒިންދާ ހޭ" ފާސް ކޮށްދީފި

"ޕަދްމާވަތީ"ގެ ޓީމަށް ދިމާވެފައިވާ ބޮޑެތި ހުރަސްތައް އަދިވެސް ގިރާކުރެވޭ ގޮތެއް ނުވެ އެވެ. އެގޮތުން މިހާރު އެ ފިލްމަށް އެންމެ ބޮޑު ހުރަހެއް ކުރިމަތިކޮށްފައިވަނީ އިންޑިޔާގެ ސެންސަރު ބޯޑުންނެވެ. މި ފިލްމުގެ މަސައްކަތް ބާއްވާފައި ސެންސަރު ބޯޑުން މިހާރު ވަނީ ސަލްމާން ޚާންގެ "ޓައިގާ ޒިންދާ ހޭ" ފާސްކޮށްދީފަ އެވެ. މި ފިލްމަށް ލިބިފައިވަނީ ޔޫއޭ ސެޓްފިކެޓެކެވެ.

"ޓައިގާ ޒިންދާ ހޭ" ފާސްކޮށްދިނީ އޯޑިއޯ އާއި ވީޑިއޯގެ ދެ މަންޒަރެއް ކަނޑާލުން ޝަރުތުކޮށްފަ އެވެ.

ކެޓުރީނާ ކައިފް ބަތަލާގެ ރޯލު އަދާކުރާ "ޓައިގާ ޒިންދާ ހޭ" އަކީ އަލީ އައްބާސް ޒަފަރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެެވެ. ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި ބޮލީވުޑް ފިލްމުތަކުން އާންމުކޮށް ނުފެންނަ ވަރުގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނެ އެވެ. ފިލްމުގެ އެކްޝަން ޑައިރެކްޓަރަކީ ހޮލީވުޑްގެ މަޝްހޫރު ފިލްމުތަކުގެ އެކްޝަން ޑައިރެކްޓަރުކަން ކޮށްފައިވާ ޓޮމް ސްޓްރުތާޒް އާއި އޭނާގެ ޓީމެވެ.

ބުދަ ދުވަހު ރިލީޒްކުރި މި ފިލްމުގެ ޕްރޮމޯ އިން ވެސް ފިލްމުގެ އެކްޝަންތައް ވަރަށް މޮޅުވާނެކަން ވަނީ ޔަގީންވެފަ އެވެ. ސަލްމާން ޚާނާއި ވުލްފްތަކެއްގެ ކުރިމަތިލުމެއް މި ޕްރޮމޯގައި ފެނެ އެވެ.

ޑިސެމްބަރު 22 ވަނަ ދުވަހު ރިލީޒްކުރާ "ޓައިގާ ޒިންދާ ހޭ" އަކީ ގަލްފުގެ ގައުމެއްގެ ޓެރަރިސްޓް ޖަމާއަތެއްގެ އަތްދަށުގައި ތިބި އިންޑިޔާ ނަރުހުންތަކެއް އަތުލައިގަންނަން އިންޑިޔާގެ ސިއްރު ފުލުހަކާއި ޕާކިސްތާނުގެ އެޖެންޓަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

މި ފިލްމުގެ މަންޒަރުތައް ނެގީ އަބޫ ދާބީ، އޮސްޓްރިއާ، ގްރީސް އަދި މޮރޮކޯގަ އެވެ. ސަލްމާން ޚާންގެ ފީއާ ނުލައި ފިލްމު އުފައްދަން 22 މިލިއަން ޑޮލަރު ޚަރަދު ކޮށްފައިވެ އެވެ.