"ޕިރް ހީރާ ޕޭރީ"ގެ ޑައިރެކްޓަރު ނީރަޖް މަރުވެއްޖެ
"ޕިރް ހީރާ ޕޭރީ"ގެ ޑައިރެކްޓަރު ނީރަޖް މަރުވެއްޖެ

އިންޑިއާގެ ވަރަށް މަޝްހޫރުވި މަޖާ ފިލްމެއް ކަމަށްވާ "ޕިރް ހީރާ ޕޭރީ" ޑައިރެކްޓަރު ނީރަޖް ވޯރާ، އުމުރުން 54 އަހަރުގައި، މިދިޔަ ބުދަދުވަހު މަރުވެއްޖެ އެވެ.

ނީރަޖަކީ ގިނަ ފިލްމުތަކެއްގައި އެކްޓަރެއްގެ ގޮތުން ވެސް މަސައްކަތްކުރި ފަންނާނެކެވެ. އެގޮތުން "ރާޖޫ ބަންގަޔެ ޖެންޓްލްމޭން"، "ރަންގީލާ"، "ދައުޅު: ފަން އޮފް ދަ ރަން"، "ސަތުޔާ"، "މަން"، "ބާދްޝާހް"، "ބޯލް ބައްޗަން"، އަދި 2015 ގައި ކުޅުނު "ވެލްކަމް ބެކް" ފާހަގަކޮށްލެވެ އެވެ.

ޑައިރެކްޓަރެއްގެ ގޮތުން ނީރަޖް އުފެއްދި ފުރަތަމަ ފިލްމަކީ 2000 ގައި ރިލީޒްކުރި "ކިލާޅީ 420" އެވެ. އޭގެ ފަހުން އޭނާ ޑައިރެކްޓްކުރީ "ޕިރް ހީރާ ޕޭރީ" އެވެ. މި ސިލްސިލާގެ ތިން ވަނަ ފިލްމެއްގެ މަސައްކަތް ވެސް ނީރަޖް ކުރަން އޮތީ ނިންމާފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކުއްލިއަކަށް ހާޓް އެޓޭކަކާ އެކު ސްޓްރޯކެއް ޖެހުނު ގޮތަށް އޭނާ އޮތީ ކޯމާއެއްގަ އެވެ.

ކޯމާގައި އޮތް ދުވަސްތަކުގައި ނީރަޖު ބެލެހެއްޓީ ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ އެވެ. ސާޖިދުގެ އަމިއްލަ ގޭގައި ހާއްސަ ކޮޓަރިއެއް ތައްޔާރުކޮށް އެ ތަނުގައި ނީރަޖް ބާއްވައިގެން އޭނާ ބެލުމުގެ ހުރިހާ ޒިންމާއެއް އުފުލީ ސާޖިދު އެވެ.

ނީރަޖްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި މަޑުމަޑުން ހޭ ވެސް އަރާ ކަމަށް ވަރަށް ފަހުން ސާޖިދު ބުނެފައިވެ އެވެ. "ޕިރް ހީރާ ޕޭރީ 3"ގެ މަސައްކަތް ވަރަށް އަވަހަށް ފެށިދާނެ ކަމަށާއި ނީރަޖް ރަނގަޅުވަމުން އަންނަ ކަމަށް ދާދި ފަހުން ސުނިލް ޝެޓީ ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އޭގެ ފަހުން ކުއްލިއަކަށް ނީރަޖް ހާލު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކުރި އެވެ.