ކްލަބް ވޯލްޑް ކަޕުގެ ފައިނަލަށް ރެއާލް ދަތުރުކޮށްފި
ކްލަބް ވޯލްޑް ކަޕުގެ ފައިނަލަށް ރެއާލް ދަތުރުކޮށްފި

އަބޫ ދާބީ (ޑިސެމްބަރު 14) – ޔޫއޭއީގެ އަލް-ޖަޒީރާ 2-1 އިން ބަލިކޮށް ފީފާ ކްލަބް ވޯލްޑް ކަޕުގެ ފައިނަލުން ޔޫރަޕުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ރޭ ޖާގަ ހޯދައިފި އެވެ.

އަބޫ ދާބީގައި ކުޅުނު ސެމީ ފައިނަލް މެޗުގައި ލީޑު ނެގީ އަލް-ޖަޒީރާ އިންނެވެ. އެ ޓީމަށް 41 ވަނަ މިނެޓުގައި ގޯލް ޖަހައިދިނީ ބްރެޒިލް ފޯވާޑް ރޮމާރީނިއޯ އެވެ. މެޑްރިޑުން އެއްވަރުކުރީ 53 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލުންނެވެ. އަދި މޮޅުވީ 81 ވަނަ މިނެޓުގައި ގަރެތު ބޭލް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުގައި ރޮނާލްޑޯ ޖެހި ލަނޑާ އެކު އޭނާ ވަނީ ކްލަބް ވޯލްޑް ކަޕުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފަ އެވެ. މިއީ އޭނާ ޖެހި ހަ ވަނަ ގޯލެވެ. ކުރިން ރެކޯޑް އޮންނަނީ ފަސް ގޯލް ޖަހާފައިވާ ބާސެލޯނާގެ ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އަދި މޮންޓެރޭގެ ސެސާ ޑެލްގަޑޯގެ އަތުގަ އެވެ.

މުބާރާތުގެ ފައިނަލުގައި ހޮނިހިރު ދުވަހު ރެއާލް މެޑްރިޑް ބައްދަލުކުރާނީ ބްރެޒިލްގެ ގްރެމިއޯއާ އެވެ. އެ ޓީމަކީ ދެކުނު އެމެރިކާ ބައްރުގެ ޗެމްޕިއަނުންނެވެ. މުބާރާތް ކާމިޔާބުކޮށްފި ނަމަ މެޑްރިޑަށް އެ ކްލަބުގެ ތާރީހުގައި އެއް އަހަރެއްގައި ފުރަތަމަ ފަހަރަށް ފަސް ތަށި ހާސިލްކުރެވޭނެ އެވެ. އެ ޓީމުން ވަނީ މި އަހަރު ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގާއި ޔުއެފާ ސުޕަ ކަޕާއި ސްޕެނިޝް ސުޕަ ކަޕް ހޯދައިފަ އެވެ.