14 ޑިސެމްބަރ 2017 - 09:44

ކާޑިފް، ވޭލްސް (ޑިސެމްބަރު 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސްވަންސީ ސިޓީގެ މައްޗަށް 4-0 އިން ކުރި ހޯދައި ލީގުގައި ޖެހިޖެހިގެން 15 މެޗުން މޮޅުވި ފުރަތަމަ ކްލަބަކަށް ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ ވެއްޖެ އެވެ.
ކުރިން ޕްރިމިއާ ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މޮޅު ހޯދުމުގެ ރެކޯޑް އޮތީ އާސެނަލް އަތުގަ އެވެ. އެއީ ދެ ސީޒަނެއްގެ މެޗުތައް ގުޅުވާލައިގެން ޖެހިޖެހިގެން 14 މެޗުން މޮޅުވެގެންނެވެ. އެހެން ނަމަވެސް ސިޓީ މިހާރު ވަނީ އެއް ސީޒަނެއްގައި ޖެހިޖެހިގެން 15 މެޗުން މޮޅުވި ފުރަތަމަ ޓީމުގެ މަގާމު ހޯދައިފަ އެވެ.
ރޭގެ މޮޅާ އެކު ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ 17 މެޗުން 49 ޕޮއިންޓާ އެކު އެވެ. މިއީ ސީޒަންގެ މިހާ ހިސާބުގައި ޕްރިމިއާ ލީގު ޓީމަކުން އެންމެ ގިނަ ޕޮއިންޓް ހޯދި ފަހަރު ވެސްމެ އެވެ. އަމިއްލަ ދަނޑުގައި ރޮމެލޫ ލުކާކޫގެ ލަނޑުން މެންޗެސްޓާ ޔުނައިޓެޑް ވަނީ 1-0 އިން ބޯންމައުތު ބަލިކޮށްފަ އެވެ. ޔުނައިޓެޑް ދެ ވަނައިގައި އޮތީ 17 މެޗުން 38 ޕޮއިންޓާ އެކު އެވެ.
ރޭ އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން 2-0 އިން ހޯދި މޮޅާ އެކު ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް ލިބިފައިވަނީ ފަސް ވަނައިގައި އޮތް ލިވަޕޫލާ އެއްވަރަށް 17 މެޗުން 31 ޕޮއިންޓެވެ. ލިވަޕޫލް ވަނީ ރޭ ކުޅުނު މެޗުން ލަނޑެއް ނުޖެހި އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމްއާ އެއްވަރުވެފަ އެވެ. ލީގުގެ ހަ ވަނައިގައި އޮތް ބާންލީ އަށް ވެސް ވަނީ 31 ޕޮއިންޓް ލިބިފަ އެވެ.
ރޭ ރަށުން ބޭރުގައި ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް އާސެނަލް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، މި ނަތީޖާއާ އެކު އެ ޓީމު ވަނީ ލީގުގެ ހަތް ވަނަ އަށް ވެއްޓިފަ އެވެ. އާސެނަލަށް 17 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ.
ސްވަންސީ ދަނޑުގައި ކުޅުނު މެޗުގައި ސިޓީން ފުރަތަމަ ހާފު ނިންމާލީ ޑޭވިޑް ސިލްވާ އާއި ކެވިން ޑިބްރޭނާގެ ލަނޑުތަކުން ދެ ގޯލުގެ ލީޑަކާ އެކު އެވެ. ދެ ވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ ސިލްވާ ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. ސިޓީގެ ފަހު ލަނޑު ޖެހީ ސާޖިއޯ އަގުއޭރޯ އެވެ.
ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ތަޖުރިބާކާރު މިޑްފީލްޑަރު ސިލްވާ ދައްކަމުން އަންނަ ކުޅުމަށް ތައުރީފް ކޮށްފަ އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކްލައުޑިއޯ ޕުއެލް ވަނީ ލެސްޓާ ސިޓީ ގޮވައިގެން އޭނާ ކުރިން ކޯޗުކޮށްދިން ސައުތެމްޓަން ދަނޑުގައި ބޮޑު މޮޅެއް ހޯދައިފަ އެވެ. ލެސްޓާ މި މެޗު ކާމިޔާބުކުރީ 4-1 އިންނެވެ. އަދި އެވަޓަން ވަނީ ސޭމް އެލަޑީސްގެ ކޯޗުކަމުގައި އެ ޓީމުން ދައްކަމުން އަންނަ މޮޅު ދަމަހައްޓައިފަ އެވެ. ރޭ އެވަޓަން ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި 1-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފަ އެވެ.