09 ޖުލައި 2016 - 17:34

މެސެޑޯނިއާ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ރިސްޓޭ ނައުމޯފް ކްލަބް އީގަލްސްއާ ގުޅިއްޖެ އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ނިއު ރޭޑިއަންޓާއި ޓީީސީ ސްޕޯޓްސް ކުޅޭ މެޗަށް ފަހު ޓްރާންސްފާ މާކެޓް ހުޅުވޭއިރު، އީގަލްސްއާ ގުޅެން ރިސްޓޭ ރޭ ވަނީ މާލެ އައިސްފަ އެވެ.
އުމުރުން 35 އަހަރުގެ ރިސްޓޭ ވަނީ ކުރިން ރާއްޖޭގެ މާޒިޔާ އަށް ކުޅެފަ އެވެ. އެ ޓީމު 2014 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރިއިރު އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި ރިސްޓޭ ވަނީ މެސެޑޯނިއާގެ ގައުމީ ޓީމުގެ އިތުރުން 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.
ރިސްޓޭ އަކީ މިދިޔަ ސީޒަނުގައި މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑަށް އޭއެފްސީ ކަޕްގައި ކުޅުނު ކުޅެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އޭއެފްސީ ކަޕްގައި މިދިޔަ އަހަރު އަށް ލަނޑު ޖަހައިފަ އެވެ. އޭގެ ތެރޭގައި މާލޭގައި ނިއު ރޭޑިއަންޓް އަތުން 3-0 އިން މޮޅުވި މެޗުގައި ޖެހި ދެ ލަނޑު ހިމެނެ އެވެ.
ރިސްޓޭއާ އެކު އީގަލްސްގައި ސްކޮޑުގައި ބިދޭސީ ހަތަރު ކުޅުންތެރިން ހަމަވީ އެވެ. އެއީ ސްރީ ލަންކާގެ ކީޕަރު ސުޖަން ޕެެރާރާ އާއި މިސްރުގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ސެޑިކު އަދި އެލްހުސިނީ މަހުމޫދެވެ.
އީގަލްސް މި ވަގުތު އޮތީ ލީގުގެ ދެ ވަނައިގައި ހަތް މެޗުން 13 ޕޮއިންޓާ އެކު އެވެ. އެ ޓީމު ލީގުގެ ފުރަތަމަ ބުރު ނިންމާލީ މެޗަކުން ބަލިނުވެ އެވެ.