"ބެރިއަލް ރައިޓްސް" ގައި ޖެނިފާ ލޮރެންސް
"ބެރިއަލް ރައިޓްސް" ގައި ޖެނިފާ ލޮރެންސް

އޮސްކާ ހާސިލްކޮށްފައިވާ ބަތަލާ ޖެނިފާ ލޮރެންސްގެ އެންމެ ފަހުގެ ފިލްމް "މަދާ" އަކީ ބެލުންތެރިންނަށް ކަމުދާ ކަހަލަ ފިލްމަކަށް ނުވިޔަސް ކުރިއަށް އޭނާގެ ޝައުގުވެރި ޕްރޮޖެކްޓްތަތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި "ރެޑް ސްޕެރޯ" އާއި "އެކްސް މެން: ޑާކް ޕީނިކްސް" ހިމެނެ އެވެ.

"ބެރިއަލް ރައިޓްސް" ގައި ޖެނިފާ ލޮރެންސް
"ބެރިއަލް ރައިޓްސް" ގައި ޖެނިފާ ލޮރެންސް

މި ފިލްމްތަކާ އެކު އޭނާގެ ލިސްޓަށް އިތުރުވި އަނެއް ފިލްމަކީ އަންނަ އަހަރުގެ އޮސްކާ އަށް ވާދަކުރާނެ ކަމަށް ބެލެވޭ ފިލްމް "ކޯލް މީ ބައި ޔޯ ނޭމް" ގެ ޑައިރެކްޓަރު ލޫކާ ގުއަންނިނޯގެ "ބެރިއަލް ރައިޓްސް" އެވެ. ދާދި ފަހުން ރިލީޒް ކުރި "ކޯލް މީ ބައި ޔޯ ނޭމް" ވަނީ އަންނަ މަހު ބާއްވާ 75 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގެ އެންމެ މޮޅު ފިލްމަށް ވެސް ނޮމިނޭޓްވެފަ އެވެ.

ލޮރެންސް ފްރޮޑިއުސަރެއްގެ ޒިންމާ ވެސް ނަގާ "ބެރިއަލް ރައިޓްސް" އަކީ ކްރައިމް ތުރިލާއެކެވެ. މިއީ 2013 ގައި ލިޔުންތެރިޔާ ހަނާ ކެންޓް ހަމަ އެ ނަމުގައި ނެރުނު ވާހަކަ އަށް ބިނާކޮށް ހަދާ ފިލްމެކެވެ. މީގައި ކިޔައި ދެނީ ދެ މީހަކު މަރަލާ އަންހެނަކަށް މަރުގެ ހުކުމް އިއްވުމުން ހިނގައިދާ ކަންތައްތަކެކެވެ.

ޓްރައި ސްޓާއިން ޑިސްޓްރިބިއުޝަނާ ހަވާލުވެފައިވާ ފިލްމްގެ ޝޫޓިން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އަދި ލޮރެންސްއާ އެކު ކާސްޓުންގެ ތެރޭގައި ހިމެނެނީ ކޮން ބައެއް ކަމެއް ވެސް ނޭނގެ އެވެ.

"ސްޕްލޭޝް" އާއި "އައި އޭމް ލަވް" ފަދަ ފިލްމްތައް ވެސް ޑައިރެކްޓްކޮށްފައިވާ ލޫކާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ކްލަސިކް ބިރުވެރި ފިލްމް "ސަސްޕީރިއާ" ގެ ރިމެކިން އާއި ޖޭކް ޖިލެންހާލް އާއި ބެނެޑިކްޓް ކަމްބަބެޗް މުހިއްމު ރޯލްތައް ކުޅޭ ތުރިލާ "ރިއޯ" ހިމެނެ އެވެ.