ޝާހްރުކް ވެސް ޑިސްޓްރިބިއުޓަރުންނަށް ރިފަންޑް ދީފި
ޝާހްރުކް ވެސް ޑިސްޓްރިބިއުޓަރުންނަށް ރިފަންޑް ދީފި

ޝާހްރުކް ޚާނާއި އަނުޝްކާ ޝަރުމާ ލީޑް ރޯލު ކުޅެފައިވާ "ޖަބް ހެރީ މެޓް ސޭޖަލް" ފްލޮޕްވުމުން ފިލްމުގެ ޑިސްޓްރިބިއުޓަރުންނަށް ލިބުނު ގެއްލުމުގެ ބަދަލު ޝާހްރުކް ޚާން ދީފި އެވެ.

ޝާހްރުކް ބަދަލުދިނީ އޭނާއަކީ ފިލްމުގެ ޕްރޮޑިއުސަރަށް ވާތީ އޭނާ އުފެއްދި ފިލްމަކުން އެއްވެސް ބަޔަކަށް ބޮޑު ގެއްލުމެއް ވާން ބޭނުން ނުވާތީ އެވެ.

މިދިޔަ އޮގަސްޓްމަހު ރިލީޒްކުރި، އިމްތިޔާޒު އަލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ކްރިޓީކްސް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އަދި ބެލުންތެރިން ފިލްމަށް ދިން ތަރުހީބު ކުޑަވުމުން ފިލްމަށް ނާކާމިޔާބީއާ ކުރިމަތިވީ އެވެ. ފިލްމުގެ ވާހަކަ އެއްގޮތަކަށް ވެސް ކަމުނުދާ ކަމަށާއި ޝާހްރުކް އާއި އަނުޝްކާގެ ކެމިސްޓްރީ ވެސް ކުޑަ ކަމަށް ފާޑުކިިޔުންތެރިން ބުނެފައިވެ އެވެ.

ބޮލީވުޑްހަންގާމާ ގައި ބުނެފައިވާ ގޮތުން ޝާހްރުކް ވަނީ ފިލްމުގެ ޑިސްޓްރިބިއުޓަރު އެންއެޗް ސްޓޫޑިއޯ އަށް ވީ ގެއްލުމުގެ 15 ޕަސެންޓް ބަދަލެއްގެ ގޮތުގައި ދީފަ އެވެ. އެ ފިލްމުގެ ޑިސްޓްރިބިއުޝަން ރައިޓްސް އެ ސްޓޫޑިއޯ އަށް ވިއްކާލާފައި ވަނީ 80 ކްރޯޑް ރުޕީސް އަށެވެ.

"ޖަބް ހެރީ މެޓް ސޭޖަލް" ފްލޮޕްވުމުން ޑިސްޓްރިބިއުޓަރުންނަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވި އެވެ. އެހެންވެ "ޓީއުބުލައިޓް" ނާކާމިޔާބުވުމުން ޑިސްޓްރިބިއުޓަރުންނަށް ވީ ގެއްލުމުގެ ބަދަލު ސަލްމާން ޚާން ދިން ގޮތަށް ޝާހްރުކް ވެސް އެމީހުންނަށް ބަދަލުދިނުމަށް ޑިސްޓްރިބިއުޓަރުން ވަނީ ޝާހްރުކްގެ ކިބައިން އެދިފަ އެވެ.

އިމްތިޔާޒު ޑައިރެކްޓްކުރި މި ފިލްމު އުފެއްދީ 100 ކްރޯޑުގެ ބަޖެޓަކުންނެވެ. މި ފިލްމަށް ލިބުނީ 64.33 ކްރޯޑު ރުޕީސް އެވެ.

ޑިސްޓްރިބިއުޓަރުންނަށް ވެސް އަދި ގެއްލުން ލިބުނު އެހެން އެއްވެސް މީހަކަށް ވެސް ރިފަންޑް ދޭކަށް ހަގީގަތުގައި ޝާހްރުކް އަކަށް ނުޖެހޭނެ އެވެ. ނަމަވެސް ބޮޑު ގެއްލުމަކާ ޑިސްޓްރިބިއުޓަރުންނަށް ކުރިމަތިލާން ޖެހިފައިވާތީ ޝާހްރުކް އެމީހުންނަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ދިނީ އެވެ.

ފިލްމުތައް ނާކާމިޔާބުވުމުން ގެއްލުންވި މީހުންނަށް ޝާހްރުކް ބަދަލުދިން މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. "އަސޯކާ" އާއި "ދިވާލީ" އަދި "ޕަހޭލީ"ގެ ޑިސްޓްރިބިއުޓަރުންނަށް ވެސް ޝާހްރުކް ރިފަންޑް ދީފައިވެ އެވެ.

ޝާހްރުކް މިހާރު ކުޅެމުން އަންނަނީ އާނަންދް އެލް ރާއީގެ ފިލްމެކެވެ. އަދި ނަމެއް ދީފައި ނެތް މި ފިލްމުގެ ބަތަލާއިންނަކީ އަނުޝްކާ ޝަރުމާ އާއި ކެޓުރީނާ ކައިފެވެ.