15 ޑިސެމްބަރ 2017 - 07:31

ވިދޫ ވިނޯދް ޗޯޕްރާ އުފައްދާ "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" ގައި އަނިލް ކަޕޫރާއި ދަރިފުޅު ސޯނަމް ކަޕޫރު ފުރަތަމަ ފަހަރަށް އެކުގައި މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި ފިލްމުގައި އަނިލްގެ ލޯބިވެރިޔާގެ ރޯލަށް ޖޫހީ ޗައުލާ ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.
މި ފިލްމަކީ ފެމެލީ ޑްރާމާއެއް ކަމަށާއި ފިލްމުގައި ވަރަށް ތަފާތު ޖަޒުބާތުތައް ހިމެނޭ ކަމަށް ވެސް ފިލްމާ ބެހޭ ގޮތުން މައުލޫމާތު ދިން މީހަކު ބުނެފައިވެ އެވެ.
ޖޫހީ އާއި އަނިލް މީގެ ކުރިން ވަރަށް ގިނަ ފިލްމުތައް އެކުގައި ކުޅެފައިވެ އެވެ. އަދި އެމީހުންގެ ކެމިސްޓްރީ ވަނީ ވަރަށް ގިނަ ބަޔަކަށް ކަމުގޮސްފަ އެވެ. މީގެ އިތުރުން ދެ އެކްޓަރުންނަކީ ވަރަށް ގާތް ދެ އެކުވެރިންނަށް ވާތީ އެ މީހުން އަނެއްކާވެސް އެއް ފިލްމެއްގައި ބައިވެރިކުރުމަށް ޑައިރެކްޓަރު ޝައުގުވެރިވީ އެވެ. އަދި އަނިލް އާ އެކު މަސައްކަތް ކުރަން ޖޫހީ ލައްވާ އެއްބަސްކުރުވުމަކީ ވެސް ޑައިރެކްޓަރަށް މާ އުނދަގޫ ކަމަކަށް ނުވީ އަނިލްއާ އެކު މަސައްކަތް ކުރަން ޖޫހީ އަށް ފަސޭޙަވެފައި ހިތްހަމަޖެހޭތީ އެވެ.
ބެލެވިފައިވާ ގޮތުގައި ޖޫހީ އާއި އަނިލް މި ފިލްމުގައި ކުޅެނީ ސޯނަމްގެ މައިންބަފައިންގެ ރޯލެވެ. އަދި ސޯނަމްގެ ލޯބިވެރިޔާގެ ރޯލު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ ރާޖްކުމާރު ރާއޯ އެވެ.
ނަމަވެސް ސޯނަމްގެ މަންމަގެ ރޯލު ޖޫހީ ކުޅެފާނެ ކަމާ މެދު ބައެއް މީހުން ޝައްކު އުފައްދަ އެވެ.
އެންމެ ފަހުން ޖޫހީ އާއި އަނިލް ކުޅެފައިވަނީ 2007 ގައި ނުކުތް "ސަލާމޭ އިޝްގް" އެވެ.