ތާރީހީ ކާމިޔާބެއް ހޯދަން ޒިދާން ކެތްމަދުވެފައި
ތާރީހީ ކާމިޔާބެއް ހޯދަން ޒިދާން ކެތްމަދުވެފައި

އަބޫ ދާބީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޑިސެމްބަރު 13) - ކްލަބް ވޯލްޑް ކަޕް ސެމީ ފައިނަލުގައި މިރޭ ޔޫއޭއީގެ ޗެމްޕިއަން އަލް-ޖަޒީރާއާ ދެކޮޅަށް ރެއާލް މެޑްރިޑް ނުކުންނައިރު މި މުބާރާތުގެ ތަށި ދިފާއުކޮށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާނަށް އެ ކްލަބްގެ ތާރީހުގައި ހާއްސަ ކާމިޔާބެއް ހޯދައިދިނުމުގެ ފުރުސަތު އެބައޮތެވެ.

ރެއާލްގެ މުއްސަނދި ތާރީހުގައި މީގެ ކުރިން އެއްވެސް ކޯޗަކަށް އެއް އަހަރެއްގައި އެ ކްލަބަށް ފަަސް ތަށި ހޯދައިދެވިފައިނުވެ އެވެ. މި ފަހަރު ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްގެން ޒިދާނަށް އެ ރެކޯޑް ހެދުމުގެ ފުރުސަތު އެބައޮތެވެ.

"މި ނުވެދާނެ މި ކްލަބްގެ އެންމެ ކާމިޔާބު އަހަރަށް. އެއީ މި ކްލަބަކީ ތާރީހު އޮތް ބޮޑު ކްލަބަކަށް ވާތީ. އެކަމަކު އަހަރެން ހުރެގެން މި ފަދަ ރެކޯޑެއް ހެދުމަކީ ނޫނީ މި ފަދަ ކާމިޔާބެއް ލިބެން އޮތުމަކީ ކުޅުންތެރިންނާއި އަހަންނަށް ވެސް ލިބޭ ހިތްވަރެއް،" ޒިދާން ބުންޏެެެވެ.

ޒިދާން ބުނީ ރެއާލަކީ ފޭވަރިޓުން ކަމަށް ވިޔަސް އެއްވެސް މެޗެއް ފަސޭހަ ނުކުރުމަކީ ކޯޗެއްގެ ގޮތުގައި ހުންނައިރު އަބަދުވެސް އޭނާ ގެންގުޅޭ ވިސްނުން ކަމަށެވެ.

"އަހަރެމެންނަށް ފަސޭހަވާނެ ކަމަށް ހީކުރުމަކީ އަހަރެމެން އަމިއްލަ އަށް ހަދާނެ ގޯހެއް،" މިރޭގެ މެޗުގެ ކުރިން ޒިދާން ބުންޏެވެ.

އަލް-ޖަޒީރާ މި މުބާރާތުގައި ވާދަކުރަނީ އެ ޓީމަކީ މުބާރާތުގެ ހޯސްޓް ޔޫއޭއީގެ ޗެމްޕިއަންކަމަށް ވުމުންނެވެ. އަލް-ޖަޒީރާ ސެމީން ޖާގަ ހޯދީ އޯއެފްސީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ނިއު ޒީލެންޑުގެ އޯކްލެންޑް ސިޓީގެ މައްޗަށް ޕްލޭއޮފު ބުރުގައި ކުރި ހޯދުމަށް ފަހު ކުއާޓާ ފައިނަލުގައި އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން އުރާވާ ރެޑް ޑައިމަންޑް ބަލިކުރުމަށް ފަހު އެވެ.

އަލް-ޖަޒީރާގެ ކޯޗަކީ ކުރިން ބާސެލޯނާގެ ކޯޗު ފްރޭން ރައިކާޑްގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ހެންކް ޓެން ކާޓޭ އެވެ. ޓެން ކާޓޭ ބުނީ މިރޭ ރެެއާލާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ އަލް-ޖަޒީރާގެ ތާރީހުގައި ކުޅޭނެ އެންމެ ބޮޑު މެޗު ކަމަށެވެ.

"މިއީ މި ޓީމުގެ ކުޅުންތެރިންނަށް އަދި މި ކްލަބަށް ވަރަށް ބޮޑު އެއްޗެއް ސާބިތުކޮށްދޭވެނެ މެޗެއް. ފުޓްބޯޅައިގައި ކޮންމެ ނަތީޖާއެއް ވެސް ނެރެވިދާނެ. ބޭނުންވަނީ ރަނގަޅު ޕްލޭނެއް،" ޓެން ކާޓޭ ބުންޏެވެ.

ކްލަބް ވޯލްޑް ކަޕުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ މެކްސިކޯގެ ޕަޗޫކާ އަތުން 1-0 އިން މޮޅުވި ބްރެޒިލްގެ ގްރެމިއޯ އެވެ. އަންނަ ހޮނިހިރު ދުވަހުގެރޭ ކުޅޭ ފައިނަލުގެ ފަހު ޖާގަ ލިބޭނީ މިރޭ ރާއްޖެ ގަޑިން 10 ޖަހާއިރު ރެއާލާއި އަލް-ޖަޒީރާ ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.