14 ޑިސެމްބަރ 2017 - 06:20

އަލީ އައްބާސް ޒަފަރް ޑައިރެކްޓްކޮށްފައިވާ "ޓައިގާ ޒިންދާ ހޭ" ގައި ސަލްމާން ޚާނާއި ކެޓުރީނާ ކައިފް ކުޅެނީ މީގެ ކުރިން އެމީހުން ކުޅެފައި ނެތް ވަރުގެ ވަރުގަދަ ރޯލުތަކެކެވެ. މޭގަނޑު އަނގަޔަށް އަންނަ ވަރުގެ ސްޓަންޓްތަކެއް މި ފިލްމުގައި ސަލްމާނާއި ކެޓުރީނާ ވަނީ ކުޅެފަ އެވެ.
މި އެކްޝަން މަންޒަރުތައް ކޯރިއޮގްރާފް ކޮށްފައިވަނީ ހޮލީވުޑްގެ މަޝްހޫރު އެކްޝަން ޑައިރެކްޓަރު ޓޮމް ސްޓްރުތާޒް އެވެ. ފިލްމުގައި ހުރި ނޭވާ ހިފަހައްޓާލަން ޖެހޭ ފަދަ ބިރުވެރި މަންޒަރުތަކުގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް މަންޒަރަކީ ސަލްމާނާއި ވަގު ހިޔަޅުތަކެއްގެ ހަނގުރާމަ އެވެ.
މި މަންޒަރުތައް ނަގާފައިވަނީ އޮސްޓްރިއާގެ ސްނޯ ފައިބައި ޖަންގައްޔެއްގެ ތެރޭގަ އެވެ. މި މަންޒަރަކީ މިހާތަނަށް ހިންދީން ފިލްމަކުން ނުފެންނަ ވަރުގެ މޮޅު މަންޒަރެއް ކަމަށް ފިލްމު ކުރޫން ވަނީ ބުނެފަ އެވެ.
މިއީ ވަރަށް ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެދާނެ ފަދަ ކަމަކަށް ވާތީ މި މަންޒަރަށް އެކަނިވެސް ކުރޫން ވަނީ ހިޔަޅު ތަމްރީނުކުރާ މީހުންނާ އެކު އެތައް މަހެއް ވަންދެން ތަމްރީނު ހޯދާފަ އެވެ. އެކްޝަން ކުރޫންގެ އެންމެ އިސް މީހެއްގެ ގޮތުގައި މަސައްކަތްކުރާ ޓޮމް މި މަންޒަރުތައް ނަގާފައިވާލެއް ވަރަށް ފުރިހަމަ ކަމަށް މަންޒަރު ބެލި އެންމެން ވެސް އަންނަނީ ބުނަމުންނެވެ.
މި ނުރައްކާތެރި މަންޒަރުތަކާ ބެހޭ ގޮތުން ފިލްމުގެ ޑައިރެކްޓަރު އަލީ ބުނީ ޓައިގާ (ސަލްމާން) އާއި ހިޔަޅުތަކުގެ ކުރިމަތިލުން ފެނިގެންދާ މަންޒަރުތަކަކީ ފިލްމުގެ އެންމެ މުހިއްމު ބައި ކަމަށެވެ.
"ވިސްނީ މީގެ ކުރިން ހިންދީ ފިލްމަކުން ފެނިފައި ނެތް ކަހަލަ ކަމެއް ކުރަން. އެއީ ޓައިގާގެ ކެރެކްޓާގެ ވަރުގަދަކަން ދައްކާލަން މި މަންޒަރުތައް ވަރަށް މުހިއްމު. މިއީ ވަރަށް ވަރުގަދަ އެހާމެ މޮޅު އެކްޝަން މަންޒަރުތަކެއް،" ޑައިރެކްޓަރު ބުންޏެވެ.
"ޓައިގާ ޒިންދާ ހޭ" ރިލީޒްކުރަން ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އެެވެ.