ސްޓައިލް ޓިޕް: ޖެހިޖެހިގެން ދެ ދުވަހު ނުލާންވީ އެއްޗެހި
ސްޓައިލް ޓިޕް: ޖެހިޖެހިގެން ދެ ދުވަހު ނުލާންވީ އެއްޗެހި

ކޮންމެ ދުވަހަކު އެކައްޗެއް ލައިގެން އުޅެވޭ ނަމަ ކިތަންމެހާވެސް ފަސޭހަ އެވެ. އަންނައުނު ކިލާނުވެ ހަލާކުނުވާ ގޮތަށް އީޖާދުކޮށްފައި ހުންނަ ނަމަ ކޮންމެ މީހަކަށް ވެސް ފަސޭހަ އެވެ. އެކަމަކު އެހެންނެއް ނޫނެވެ. ހެދުމާއި ބޫޓު ފަދަ ތަކެއްޗަކީ ކޮންމެ ދުވަހަކު ލައި ބޭނުންކުރުމުން ނުބައި ވަސް ހިފައި ކިލާވެ، ހަލާކުވާ އެއްޗިއްސަށް ވުމުން މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހެ އެވެ.

ޖިންސު، ގަޑި ނުވަތަ އަތް ދަބަސް ފަދަ އެއްޗެހި ކޮންމެ ދުވަހަކު ވެސް ބޭނުންކޮށްލެވިދާނެ އެވެ. ނަމަވެސް ޖެހިޖެހިގެން ދެ ދުވަހު ލާން ނުވާ މައިގަނޑު ދެ އެއްޗެއް ފާހަގަކޮށްލާނަމެވެ.

ބޫޓު: އެންމެ ބޫޓެއް ގެންގުޅޭ މީހުން ވަރަށް ގިނަވާނެ އެވެ. ކޮންމެ ދުވަހަކު އޮފީހަށް ނުވަތަ ބޭރަށް ދާން ވެސް އެއް ބޫޓަކަށް އެރުމަކީ ބޫޓު އަވަހަށް ހަލާކުވުމުގެ އިތުރުން ފައިތިލައަށް ވެސް ގެއްލުން ވާނެ ކަމެކެވެ. އެއް ބޫޓަކަށް ކޮންމެ ދުވަހަކު އެރުމުން އޭގެ ބައްޓަން ބަދަލުވެ އެވެ. ބޫޓު ދޫވެ އަވަހަށް ހަލާކުވުން އެކަށީގެންވެ އެވެ. ފައިގެ ބަލިތަކާ ބެހޭ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓާ ޖަލެހް ހޫފާ ނަސޭހަތްތެރި ވަނީ އެއް ވައްތަރެއްގެ ބޫޓަކަށް ކޮންމެ ދުވަހަކު ނޭރުމަށެވެ.

"ކޮންމެ ދުވަހަކު އެއް ބޫޓަކަށް އެރުމުން ފައިތިލައިގެ ވަކި ތަނަކަށް ބާރުކޮށް އެކި ކަހަލަގެ ތަދުތައް އެރުން އެކަށީގެންވޭ،" ޑޮކްޓަރު ވިދާޅުވެފައިވެ އެވެ.

ބްރާ: އެތެރޭން ލާން ގެންގުޅޭ ހެދުމަކީ ވަކިން ހާއްސަކޮށް ސާފުކޮށް ކޮންމެ ދުވަހަކު ބަދަލުކުރަންޖެހޭ އެއްޗިއްސެވެ. ކޮންމެ ދުވަހަކު އެންމެ ބްރާއެއް އެޅުމުން ދުރުވާންޖެހެ އެވެ. މުޅި ދުވަހު އެކައްޗެއް ލައިގެން އުޅުމުން އޭގެ އިލާސްޓިކް ރަބަރުތައް ދެމި ދޫވެ އަވަހަށް ހަލާކުވެ އެވެ. އެހެންވެ ކޮންމެ ދުވަހަކު ތަފާތު އެއްޗަކަށް ބަދަލުކޮށްލާށެވެ.