ޔަމަނުގައި ތިބި ރަޝިޔާގެ ޑިޕްލޮމޭޓުން ސައޫދީ އަށް
ޔަމަނުގައި ތިބި ރަޝިޔާގެ ޑިޕްލޮމޭޓުން ސައޫދީ އަށް

ރަޝިޔާ އިން ޔަމަންއާ އެކު ގާއިމުކޮށްފައި އޮތް ޑިޕްލޮމެޓިކް ގުޅުން މެދުކަނޑާލައި ޔަމަންގައި ތިބި ރަޝިޔާގެ ޑިޕްލޮމޭޓުން އެ ގައުމުން އިއްޔެ ބާލައިފި އެވެ.

ރަޝިޔާގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ޑިޕްލޮމޭޓުން ޔަމަނުން ބާލަން ނިންމީ، ޔަމަންގެ ވެރިރަށް ސަންއާގައި ހިނގަމުންދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން ޑިޕްލޮމޭޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާތެރިކަން ބޮޑުވުމުންނެވެ. ޔަމަންގައި ތިބި ރަޝިޔާގެ ޑިޕްލޮމޭޓުން މިއަދުން ފެށިގެން ވަގުތީ ގޮތުން މަސައްކަތް ކުރަމުން ދާނީ ސައޫދީ އަރަބިއްޔާގެ ރިޔާޒްގަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސަންއާގައި ތިބި ރަޝިޔާގެ ޑިޕްލޮމޭޓުންނާއި ރަޝިޔާގެ އާންމުންގެ ބައެއް މީހުން ޔަމަނުން ބޭލީ، ރަޝިޔާ އިން އެކަމަށްޓަކައި ފޮނުވި ޚާއްސަ މަތިންދާބޯޓެއްގަ އެވެ. ރަޝިޔާގެ މަތިންދާބޯޓު ސަންއާގެ އެއާޕޯޓަށް ޖެއްސީ، ސައޫދީ އަރަބިއްޔާގެ ގުޅިފައިވާ އަސްކަރީ ލަޝްކަރުން ހުއްދަ ދިނުމުންނެވެ.

ރަޝިޔާގެ ޑިޕްލޮމޭޓުން ޔަމަނުން މި ބޭލީ، ސައޫދީ އަރަބިއްޔާގެ ގުޅިފައިވާ ލަޝްކަރުން ޔަމަން ހިސާރުކޮށްފައި އޮންނަތާ ދެ މަސް ވީ ފަހުންނެވެ. މިދިޔަ އޮކްޓޫބަރު މަހު ޔަމަން ހިސާރު ކުރި ފަހުން، އެ ގައުމަށް ކަނޑާއި ވަޔާއި އެއްގަމު މަގުން އެއްވެސް އުޅަނދެއް ވެސް އަދި މީހަކު ވެސް ވަދެ ނުކުތުން ވަނީ ގުޅިފައިވާ ލަޝްކަރުން މަނާކޮށްފަ އެވެ.

ސައޫދީން ޔަމަން ހިސާރު ކުރީ، ޔަމަންގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ހޫތީ ހަނގުރާމަވެރިން ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒް އަށް މިސައިލް ހަމަލާތަކެއް ދިން ފަހުންނެވެ. އީރާންގެ މަދަދާ އެކު ޔަމަންގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ހޫތީން ބަލިކޮށްލުމަށް ސައޫދީ ސިފައިން ޔަމަން ހަނގުރާމައިގެ ތެރެއަށް ވަނީ މާޗް 2015ގަ އެވެ.

ސައޫދީން ބުނާ ގޮތުގައި ޔަމަން ހިސާރު ކުރީ، ހޫތީ ހަނގުރާމަވެރިންނަށް އީރާނުން އަސްކަރީ ހަތިޔާރު ފޮނުވާތީ އެކަން ހުއްޓުވުމަށެވެ. ނަމަވެސް އެ ހިސާރުގެ ސަބަބުން ޔަމަންގައި ވަނީ ބަލިމަޑުކަން ފެތުރި އިންސާނީ ބޮޑު ކާރިސާއެއް ފެށިފައި ކަމަށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އަމިއްލަ ޖަމާއަތްތަކާއި އދ. މަޖިލީހުން ބުނެ އެވެ.

ޔަމަން ސަަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔަ، ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހު، މި މަހުގެ 4 ވަނަ ދުވަހު އަވަހާރަ ކޮށްލުމާ ގުޅިގެން، ވެރިރަށް ސަންއާގެ ތެރޭގަ އާއި ވަށައިގެންވާ ސަރަހައްދުގައި ވަނީ ހަމަލާ ބަދަލުކުރުން ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ހޫތީން ދިން ހަމަލާއެއްގައި އަލީ އަބްދުﷲ ސޯލިހު އަވަހާރަކޮށްލީ، ހޫތީން ގުޅިގެން ހަނގުރާމަ ކުރަމުން އައިސް، ހޫތީންނާ ދެކޮޅަށް އޭނާ މަސައްކަތް ކުރައްވަން ފެއްޓެވުމުންނެވެ.