އަނިޔާވެރި ފިލްމަކުން ދަސްކޮށްގެން ފިރިމީހާ މަރާލައިފި
އަނިޔާވެރި ފިލްމަކުން ދަސްކޮށްގެން ފިރިމީހާ މަރާލައިފި

އިންޑިއާގެ ހައިދަރުއާބާދުގައި އަންހެނަކު ފިލްމަކުން ހިޔާލު ހޯދައިގެން އޭނާގެ ފިރިމީހާ މަރާލައި ލޯބިވެރިޔާއާ އެކު އުޅެނިކޮށް ފަޅާއަރައި އެ މައްސަލަ ބަލަން ފަށައިފި އެވެ. ސްވާތީ ރެޑީ ނަމަކަށް ކިޔާ މި އަންހެންމީހާ އޭނާގެ ލޯބިވެރިޔާގެ އެހީއާ އެކު ފިރިމީހާ މަރާލީ ތެލުގޫ ފިލްމެއްގައި ކަންތައް ކުރި ގޮތަށެވެ.

އެ ފިލްމުގައި ދައްކަނީ ސިއްރު ލޯބިވެރިޔާއާ ގުޅިގެން އަންހެނަކު ފިރިމީހާ މަރާލައި އޭނާގެ ހަށިގަނޑު ޖަންގައްޔަށް ގެންގޮސް އަންދާލާ ތަނެވެ. އަދި ލޯބިވެރިޔާގެ މޫނަށް އެސިޑް ޖަހައި ސިފަ ނޭނގޭ ވަރު ކޮށްލާފައި އެއީ ފިރިމީހާ ކަމަށް ހަދައިގެން ގެންގުޅޭތަން ފިލްމުން ފެންނަ ކަމަށްވެ އެވެ.

މި ރޭވުމުގެ ދަށުން ލޯބިވެރިޔާގެ ސިފަ ވަކި ނުކުރެވޭ ވަރަށް އެސިޑުން މޫނު ހަލާކުކޮށްލުމަށް ފަހު ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްފައި ފިރިމީހާގެ އާއިލާގެ މީހުންނަށް ސްވާތީ ގުޅާފައި ފިރިމީހާ އެކްސިޑެންޓެއް ވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބުނެ އެވެ. އަދި އާއިލާގެ މީހުންނާއެކު ސްވާތީ ވެސް ހޮސްޕިޓަލަށް ދިޔަ އެވެ.

ހޮސްޕިޓަލުގައި ގިނަ ދުވަސްތަކެއް ވަންދެން، ފިރިމީހާ ކަމަށް ހެދިގެން ލޯބިވެރިޔާ އޮވެ އެވެ. އަދި ލޯބިވެރިޔާގެ މޫނު ފަސޭހަވުމުން ޕްލާސްޓިކް ސާޖަރީ ވެސް ވަނީ ހަދާފަ އެވެ. މި މީހާ އަކީ އަންހެން މީހާގެ ފިރިމީހާ ކަމަށް ހީކޮށް ފިރިމީހާގެ އާއިލާއިން ފަރުވާއަށް ފަސް ލައްކަ ރުޕީސް ވަނީ ޚަރަދު ކޮށްފަ އެވެ.

ނަމަވެސް ޕްލާސްޓިކް ސާޖަރީ އަށް ފަހު ފިރިހެން މީހާގެ އާއިލާއަށް ޝައްކުވާން ފެށި އެވެ. އޭނާ އުޅޭ ގޮތާއި މިޒާޖު ތަފާތުކަމުން މަންމައަށް ޝައްކުވެ ފުލުހުންނަށް މައްސަލަ ހުށަހެޅީ އެވެ. އަދި ފިންގްޕްރިންޓާއި އެހެން ބައެއް މައުލޫމާތުން އެއީ ސްވާތީގެ ފިރިމީހާ ނޫންކަން ކަށަވަރުވެ އޭނާ އާއި އަންހެން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.