09 ޖުލައި 2016 - 13:07

ލަންޑަން (ޖުލައި 9) - ހުސްވެފައިވާ އިންގްލެންޑް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އެމެރިކާ ގައުމީ ޓީމުގެ ޖަރުމަން ކޯޗު ޔާގެން ކްލިންސްމަން ގެންނަން މަޝްވަރާކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ އިން ރިޕޯޓްކޮށްފި އެވެ.
ކްލިންސްމަންއާ އެކު ޖަރުމަން ގައުމީ ޓީމަށް ކުޅެ އަދި ގައުމީ ޓީމުގައި އެކުގައި މަސައްކަތްކުރި އޮލިވާ ބިއެހޯފާ ހަވާލާދީ އިނގިރޭސި ނޫސްތަކުން ބުނެފައިވާ ގޮތުގައި ކްލިންސްމަން އަންނަނީ އިނގިރޭސި އެފްއޭއާ އެކު ވާހަކަތައް ބާއްވަމުންނެވެ.
ނިމިގެން ދިޔަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ހަތަރު ވަނަ އެމެރިކާ އަށް ހޯދައިދިން ކްލިންސްމަން އަށް އިނގިރޭސި މީޑިއާގެ ތާއީދު އެބައޮތެވެ. މީގެ އިތުރުން ބިއެހޯފް ވެސް ވަނީ ކްލިންސްމަން އަކީ އިންގްލެންޑާ ހަވާލުވާން އެކަށީގެންވާ ކޯޗެއް ކަމަށް ބުނެފަ އެވެ.
ޖަރުމަނާ އެކު 1990 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 1996 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ކްލިންސްމަން ވަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ޖަރުމަން ގައުމީ ޓީމަށް ކޯޗުކޮށްދީފަ އެވެ. އެ ފަހަރު ސެމީ ފައިނަލުން އިޓަލީ އަތުން ބަލިވުމާ އެކު އޭނާ މަގާމުން ވަކިވިއިރު މިހާރު ޖަރުމަނުގެ ކޯޗަކީ އޭރު ކްލިންސްމަންގެ އެސިސްޓަންޓަކަށް ހުރި ޔަކީމް ލޯ އެވެ.
ޖަރުމަން ޓީމުން ވަކިވުމަށް ފަހު ބަޔާން މިއުނިކަށް ވެސް ކޯޗުކަންކޮށްދިން އިރު އޭނާ 2011 ވަނަ އަހަރުން ފެށިގެން އަންނަނީ އެމެރިކާ ގައުމީ ޓީމަށް ކޯޗުކޮށްދެމުންނެވެ. އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަދައްކާ ކްލިންސްމަން ވަނީ ދެ ފަހަރެއްގެ މަތިން ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެފަ އެވެ.
ކްލިންސްމަން ދާދި ފަހުން ބުނީ އެމެރިކާ ފުޓްބޯޅަ އަށް ހިދުމަތްކުރުމުގައި ދެމި ހުންނަން ބޭނުންވާ ކަމަށާއި އެކަމަކު ދެކުނު އެމެރިކާގެ ގައުމުތަކާއި ޔޫރަޕުގެ ގައުމުތަކާ ހިލާފަށް އެމެރިކާގައި ފުޓްބޯޅައިގެ ވަރުގަދަ އޮނިގަނޑެއް ނެތުމުން އުނދަގޫތައް ކުރިމަތިވާ ކަމަށެވެ.
ޔޫރޯގެ ދެ ވަނަ ބުރުން އައިސްލެންޑް އަތުން ބަލިވެ ކެޓުމާ އެކު އިންގްލެންޑުގެ ކޯޗުކަމުން ރޯއީ ހޮޖްސަން ވަކިވެފައިވާއިރު އެފްއޭ އިން މަސައްކަތްކުރީ ވަގުތީ ކޯޗަކަށް 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ހަމަޖައްސާށެވެ. އެކަމަކު އޭނާ ވަނީ އެ ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ.
ކްލިންސްމަންގެ އިތުރުން އިންގްލެންޑުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑާއި އިންޓަ މިލާނުގެ ކޯޗު ރޮބާޓޯ މަންޗީނީ އަކީ އެފްއޭ އިން ޝައުގުވެރިވާ ކޯޗުންނެވެ. މީގެ ތެރެއިން މަންޗީނީ ވަނީ އިންގްލެންޑުގެ މެންޗެސްޓާ ސިޓީއާ އެކު ކާމިޔާބީ ހޯދައިފަ އެވެ.